ބޭރު ކުޅިވަރު

ޗެލްސީ އާއި ލިވަޕޫލުގެ މެޗު އެއްވަރު

ޗެލްސީ އަދި ލިވަޕޫލްގެ ވާދަވެރި މެޗު 2-2 އަކުން އެއްވަރުވެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދު އޮތް ފަރަގު ދެޓީމަށް ވެސް ބޮޑު ވެއްޖެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދީފައި ވަނީ އެޓީމުގެ އެންމެ އިތުބާރު އެއް ފޯވާޑް ކަމުގައިވާ ސެނެގާލްގެ ތަރި ސާދިއޯ މާނޭ އެވެ. މާނޭ މި ގޯލު ކާމިޔާބު ކުރީ މެޗުގެ ނުވަވަނަ މިނެޓުގަ އެވެ. މި ލަނޑަށް ފަހު ލިވަޕޫލުން ކުޅެމުން ދިޔައި މެޗު ވަރަށް ބޮޑަށް ޑޮމިނޭޓް ކޮށް ގެންނެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކުރި އެވެ. ދެވަނަ ގޯލް ކާމިޔާބު ކޯށްދިނީ މިސްރުގެ ފޯވާޑް މުހަންމަދު ސަލާހެވެ. މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 26 ވަނަ މިނެޓުގަ އެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގެ ތެރޭގައި ލިވަޕޫލުން އުފެއްދި ހަމަލާއެއް ނާކާމިޔާބުވެ ޗެލްސީން އުފެއްދި ނުރައްކާތެރި ކައުންޓާ އެޓޭކެއްގައި 42 ވަނަ މިނެޓުގަ އެވެ. މި ގޯލު ޗެލްސީއަށް ކާމިޔާބު ކޮށްދީފައި ވަނީ ކޮރޭޝިޔާގެ މޭޓޯ ކޮވަސިޗް އެވެ. މިލަނޑު ކާމިޔާބު ކުރިތާ ގިނަ އިރެއްނުވެ ޗެލްސީން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އެމެރިކާގެ ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗް އެވެ. ޕުލިސިޗް މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ހާފުގެ 45 މިނެޓު ހަމވެގެން ދެއްކި އިތުރު ވަގުތުގެ ތިން މިނެޓުގެ ތެރޭގައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެ ވަނަ ހާފު ފެނިގެންދިޔައީ ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފު ނިމިގެންދިޔައީ ދެޓީމު ކުރެ އެއް ޓީމަށްވެސް ގޯލެއްނުޖެހި އެވެ.