(1 ޖެނުއަރީ 2021އާ ގުޅޭ)
ވަގުތު ކޮޅަކު ޖައިޝްއަށް ބަލަން ހުރުމަށްފަހުގައި ރިޝްފާ ކުރިއަށް ހިނގައިގަތެވެ. މަޑުމަޑުންނެވެ. ރިޝްފާގެ މޫނުމަތިން އޭނާ އައިސްފައިވާ ރުޅި ޖައިޝް އަށް އެނގި ހާމަވިއެވެ.
"ޖައިޝް.." ރިޝްފާ ވާހަކަދައްކަން ފެށީ ހިތްހަމަ ނުޖެހޭ ރާގެއްގައެވެ.
"ޖައިޝް ރަނގަޅު ވާނީ ދެން މިގެއަށް ނައިއްޔާ.. އެހެން ނޫނަސް، އަހަރެން ބޭނުމެއް ނޫން ކޮންމެ ފަހަރަކު ތި ދެމީހުންގެ ދޭތެރެއަށް ވަންނާކަށް." ރިޝްފާ ބަލަން ހުރީ ޖައިޝް އަށެވެ.
"ނޫން ރިޝް.. ތިހެން ނުބުނޭ. މަ ބޭނުން ސަހޫއާ ވާހަކަދައްކަން. މަށަށް ސަހޫއާ ވާހަކަދެއްކޭނެ ގޮތެއް ހަދާދީ. ހަމަ އެންމެ ފަހަރަކު.. ޕްލީޒް.." ޖައިޝްގެ އަޑުން ރިޝްފާއަށް އޭނާއަށް ވެފައި ހުރި ވަރު އެނގުނެވެ. އިންތިހާއަށް ޖައިޝް ދެރަވެފައި ހުރިކަން އޭނާގެ ރާޅުވެފައިވާ އަޑުން ހެކިކޮށްދެެއެވެ. ރިޝްފާ އެއްވެސް އެއްޗެއް ނުބުނެ ޖައިޝްއަށް ބަލަން ވަގުތުކޮޅަކަށް ހުރެވުނެވެ. ސަހަރޯ ހީވެފައެވެ. ބޭނުންހާ އެއްޗެއް ކިޔާފައި، ބޭނުންހާ ކަމެއް ކޮށްފައި ކުރިމައްޗަށް އަރަން މި މީހުން ލަދެއް ވެސް ނެތްތާ އޭ ރިޝްފާގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ކިތަންމެ ރުޅި އައިސްފައި ހުއްޓަސް ޖައިޝްއާ ދިމާލަށް އެހެން ބުނަން ރިޝްފާ ބޭނުމެއް ނޫނެވެ. އެއީ ޖައިޝްއާ ޖެއްސުންކޮށް، ވާހަކަދައްކާ ރައްދު ދީފި ނަމަ އެންމެ ފުރަތަމަ ވެސް ރުޅި އަންނާނީ ސަހުލާކަން ރިޝްފާއަށް އެނގޭތީއެވެ.
"ހޫމް. މަޑުކޮށްލާ! އެބަ އަންނަން، ސަހޫ ތިކަމަށް އިންކާރު ކޮށްފިއްޔާ، ޖައިޝް ޖެހޭނެ ވަގުތުން މިގެއިން ދާން.." އެހެން ބުނެ ރިޝްފާ ވަނީ ކޮޓަރިއަށެވެ. ޖައިޝް ބޭރުގައި މަޑުކޮށްލީ ސަހުލާއަށް އިންތިޒާރު ކުރަމުންނެވެ.
"ސަހޫ.." ރިޝްފާ ކޮޓަރިއަށް ވަދެ ސަހުލާ އޮތް އެނދުގެ ފަޑީގައި ޖައްސައިލިއެވެ. އަދި މޫނުމަތީގައި ބާލިސް އަޅައިގެން އޮތް ސަހުލާގެ ކޮނޑުގައި ރިޝްފާގެ އަތް މަޑުމަޑުން ބާއްވައިލިއެވެ.
"ސަހޫ. ބޭރުގަ ޖައިޝް އެބަ ހުރި.." ރިޝްފާ އެހެން ބުނުމާ އެކުގައި ސަހުލާ އަށް ކުއްލިއަކަށް މޫނުމަތިން ބާލިސް ނެގުނެވެ. ސަހުލާގެ މޫނުމަތީގައި އެއްވެސް ތާޒާ ކަމެއް ފެންނާކަށް ނެތެވެ. ހިތާމަކޮށްކޮށް ސަހުލާގެ މޫނު ވަނީ ފުފިފައެވެ. ލޯ ވަނީ ވަޅު ހެދިފައެވެ.
"ކިހިނެއް ހަދަންވީ؟ ނުދާނަންތަ ސަހޫ؟" ރިޝްފާ ހިފައިލީ ސަހުލާގެ ދެ އަތުގައެވެ. ނޫނެކޭ ބުނާހެން ދެފަރާތަށް ބޯހޫރާލާފައި ސަހުލާ އެނދުން ތެދުވެއްޖެއެވެ.
"ޖައިޝް ކީކޭ ބުނީ؟" ނޭޭފަތް ދަމައިލަމުން ސަހުލާ އަހައިލިއެވެ.
"ސަހޫއާ ވާހަކަދައްކަން ބޭނުމޭ ބުނީ.. ސަހޫ އަށް ގޮވާށޯ.." ރިޝްފާ ބަލަން އިނީ ސަހުލާއަށެވެ. "ކޮން ވާހަކައެއް އަހަންނާ އިތުރަށް ދައްކަން އޮންނާނީ؟" ސަހުލާގެ ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. އެހެން އަހައިލުމަށްފަހުގައި ސަހުލާ މަޑުމަޑުން ކޮޓަރިން ނުކުތެވެ. ސަހުލާ ފެނުމާ އެކުގައި ޖައިޝްގެ ދެލޯ ކަރުނައިން ތެތްމާލިއެވެ. ސަހުލާ ހުރި ޙާލަތު ފެނިފައެވެ. ސަހުލާ ހުއްޓާ ނުލާ ރޮމުންދާ ކަން އެ ދެލޮލަށް ބަލައިފި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ޖައިޝްއާ ހެދި އެވަރުގެ ބޮޑު ހިތްދަތި ކަމެއް ސަހުލާ އުފުލަމުންދާތީ ޖައިޝްއަށް ހަމަ ރަނގަޅަށް ވެސް އަސަރު ކޮށްފިއެވެ. "ސަހޫ"އޭ ކިޔާ ޖައިޝް ގޮވައިލީ މަޑުމަޑުންނެވެ. ވައި އަޑަކުންނެވެ. ސަހުލާ ހުއްޓިގެން ހުރީ ޖައިޝްއާ ކުޑަ ތަންކޮޅެއް ދުރުގައެވެ.
"ސަ.. ހޫ.." ޖައިޝް މަޑުމަޑުން ކުރިޔަށް ފިޔަވަޅެއް ނެގިއެވެ. އަދި ގޮސް ހުއްޓުނީ ސަހުލާގެ ކުރިމަތީގައެވެ. ޖައިޝް ވަރަށް ރަނގަޅަށް ސަހުލާއަށް ބަލައިލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ސަހުލާ ހުރީ ހިމޭން ވެފައެވެ. މިއިން އެއްވެސް ދުވަހަކު އެއްވެސް އުފަލެއް ލިބިފައިވާ މީހެއްހެނެއް ސަހުލާ ބަލާފައި ހީއެއް ނުވެއެވެ.
"ސަހޫ.. އައިމް.. ރިއަލީ ސޮރީ.." ޖައިޝްއަށް އެހެން ބުނެވުމާ އެކުގައި އޭނާގެ ކަނާއަތް އޭނާ ޖައްސައިލެވުނީ އޭނާގެ ދެލޮލުގައެވެ. އަދި ލޮލުން ހޯސްލާފައި ފައިބަން ފެށި ކަރުނަތައް ފޮހެން ފެށިއެވެ. ޖައިޝް އިތުރަށް ވާހަކަދައްކަމުން ދިޔައީ ރޮމުންނެވެ.
"ސަހޫ.. މަ ދުވަހަކު ވެސް ދެރަ ނުވާނެ ވަރަށް ދެރަވައްޖެ! ހިތް ބިރުގަންނަން ފަށައިފި.." ޖައިޝްގެ އަޑު ތުރުތުރު އަޅަން ފެށިއެވެ.
"ސަހޫ ގެއްލިދާނެތީ މަ ހުންނަނީ އަބަދުވެސް ބިރުން. އެއްވެސް ވަރަކަށް ހިތަށް ހަމަޖެހުމެއް ނުލިބޭ. ސަހޫއާ ނުލާ މަށަށް ޙަޔާތެއް ސިފައެއް ނުވޭ. އުފަލާ ހިތްހަމަ ޖެހުން ގުޅިފައި ވަނީ ސަހޫއާ އެކުގައިކަން މަށަށް މިއަދު އެބަ އިޙްސާސްވޭ. މަގޭ ދިރިއުޅުމަށް ސަހޫގެ މުހިންމުކަން މަށަށް ހަމަ ރަނގަޅަށް ވެސް ވިސްނިއްޖެ. މަ ދެން ދުވަހަކުވެސް، ދުވަހަކުވެސް، ސަހޫގެ ހިތަކު ނުޖައްސާނަން. ސަހޫއަށް ދެރައެއް ނުދޭނަން. މީ މަ ވާ ވައުދެއް. މަ ކުރާ ހުވައެއް. ގޯޑް ޕްރޮމިސް.." ޖައިޝްގެ ވާހަކަތައް އަހާފައި ސަހުލާ އިސްނެގިއެވެ. އަދި ބަލައިލީ ޖައިޝްގެ މޫނަށެވެ. އާނއެކެވެ. މިއިން އެއްވެސް ދުވަހަކު ޖައިޝް އެވަރަށް ދެރަވެފައި ހުއްޓާ ސަހުލާ ނުދެކެއެވެ. ނަމަވެސް އެ ދެރަ އާއި ހތްދަތި ކަމަށް ސަހުލާއަށް ވިސްނޭ ވަރަށް ވުރެ އޭނާ ބަލި ކަށްޓެވެ.
"ޖައިޝް.. އަހަރެން ޖައިޝްއަށް ކުރި އިތުބާރު މުޅިން ގެއްލިއްޖެ. އަހަރެންގެ މުޅި ޙަޔާތް އެކީ ޖައިޝްއާ ހަވާލު ކުރީ ޖައިޝް ދެކެ ލޯބިވާ ވަރުން. ޖައިޝްއާ އެކުގައި މުޅި އުމުރު ހޭދަކުރަން. އަހަރެންގެ ޢާއިލާއާ ދެކޮޅަށް އަހަރެން ޖައިޝްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތީ، ޖައިޝް އިސްލާހު ކުރަން އަހަރެންގެ ހިތުން އަޒުމް ކަނޑައަޅައިގެން. އެކަމު، ޖައިޝް ވިސްނާލަބަލަ! އަހަންނާ ދޭތެރޭ ޖައިޝް ކަންތައް ކުރި ގޮތް.. އެއްވެސް ހިތެއް ހުރި މީހެއް އަހަންނާ ދޭތެރޭ ކަންތައް ނުކުރާހާ އިޚާނެތިކޮށް ޖައިޝް އަހަންނާ ދޭތެރޭ ކަންތައް ކުރީ.. އަދި އެހާ އަނިޔާ ދީފަ، އަހަރެން ޖައިޝްގެ މާފު ޤަބޫލު ކުރަނީ ހިތުން ރުހުމުން.. ޖައިޝްއާ އެކުގަ އުޅެން ބޭނުން ވާތީ. ޖައިޝްގެ ޙަޔާތުގަ އެބަދުވެސް ޖައިޝްއާ އެކުގަ ހުންނަން ބޭނުންވާތީ.." ސަހުލާ އޭނާގެ މޫނުމަތީގައި އަތް އަޅައި ރޯން ފެށިއެވެ. އަޑުން އަޑު ނަގާފައެވެ. ޖައިޝްއަށް އަށް ހުރެވުނީ ސަހުލާގެ ގައިގައި އަތް ޖައްސައިލަން ވެސް ނުކެރިފައެވެ. އެހެން ހުރެފައި ދޭތެރެއިން "ސަހުލާ"އޭ ކިޔާ ޖައިޝް ގޮވާލައެވެ.
"ޖައިޝް، އަހަރެން ޖައިޝް ދެކެ ވަރަށް ލޯބިވަން. އިތުރު މީހެއް ދެކެ އަހަންނަށް ދުވަހަކު ވެސް ލޯތްބެއް ނުވެވޭނެ. އެކަމު ވެސް، އަހަރެންގެ ހަށީގައި ޖައިޝްއާ އެކުގަ އުޅެވޭނެ ހިތްވަރެއް މިވަގުތަކު ނެތް. އަހަރެން ބޭނުން ވަނީ އެކަނި ވާން. ޖައިޝްެއާ ވަކިން އުޅެން. އެހެންވީމަ، ޖައިޝް ޕްލީޒް މިތަނުން ދޭ! އަހަރެން ފެންނަ ހިސާބަށް ވެސް ނާދޭ! އަހަރެން އެދޭ ފަދަ މީހަކަށް ވެގެން އަހަރެންގެ ގާތަށް އާދޭ! އަހަރެން ޖައިޝްއަށް އިންތިޒާރު ކުރާނަން. މިގަޑީ މިތަނުން ދޭ! ޕްލީޒް.." ސަހުލާ ރޮމުން ރޮމުން ގޮސް ބިންމައްޗަށް ޖެހިގަތެވެ. ސަހުލާގެ އަތުގައި ހިފައި އޭނާ ނަގަން ޖައިޝް އިންތިހާއަށް ބޭނުން ވިއެވެ. ނަމަވެސް ނުކެރުނީއެވެ. ދެ ޙިޔާލެއްގައި ހުރެ، ޖައިޝް މަޑުމަޑުން އެތަން ދޫކޮށް ދިޔައީ ސަހުލާއަށް ބަލަމުން ރޮމުންނެވެ.
***
ދުވަސްތައް މާޒީގެ ސަފުހާ ތަކުގައި ލިޔެވެމުން ދިޔައެވެ. ދުވަހަކަށްފަހު، ދުވަހަކަށް ފަހު ދުވަހެއް އެގޮތުގައި ވޭތުވަމުން ދިޔައެވެ. ލުލުއަތު އާއި ހިޝާމްގެ ކައިވެނި ކުރެވިއްޖެއެވެ. އެއީ މުޅި އައްޑޫގައި ބޭއްވިގެން ދިޔަ ބޮޑު ވަލީމާ އެކެވެ. ކައިވެނީގެ ޙަފްލާއަށް ރިޝްފާ އާއި ސަހުލާ ވެސް ދިޔައެވެ. ދުވަސްތަކަކަށް ފަހު، ސަހުލާ ފެނުމުން ހަފްސާ ނިކަން އުފާވިއެވެ. އެތައް ވާހަކައެއް ސަހުލާ އާއި ހަފްސާ ހިއްސާ ކުރިއެވެ. ސުހާނާއާ ވެސް ސަހުލާ ދިމާވިއެވެ. ހަފްސާއަށް ސަހުލާ ހިއްސާ ކުރި ގިނަ ވާހަކަތަކަކީ ދޮގެވެ. ޖައިޝްއާ އެކުގައި އުޅެމުންދާ އުފާވެރި ދިރިއުޅުން ސަހުލާ ހަފްސާ އަށް ކިޔައި ދިނީ ވަރަށް ހިތްވަރު ކޮށްގެންނެވެ. ޖައިޝް ރާއްޖެއިން ބޭރުގައި ކަމަށް ބުނެ ސަހުލާ ޙަޤީޤަތް އޮޅުވާލީ އެނޫން ސަބަބެއް ސަހުލާގެ ސިކުނޑިއަށް ނައުމުންނެވެ. ކައިވެނީގެ ހަފްލާގައި ސަހުލާއަށް އެންމެ އަޅައިގަތީ އެ ހަފްލާއަށް ދިޔަ ދެބައި އުމުރުގެ މީހެކެވެ. އެމީހާ ބަލާފައި ހީވަނީ ވަރަށް ހައިބަތު ބޮޑު މީހެއް ހެންނެވެ. އުޅުނު ގޮތުން ހިޝާމްއާ އެމީހާ ވަރަށް ގާތްކަން ސަހުލާއަށް އެނގުނެވެ. މުޅި ހަފްލާ ނިމެންދެން އެމީހާ ބަލަން ހުރީ ސަހުލާއަށެވެ. އެކަން ފާހަގަ ކުރެވިގެން ސަހުލާ ބަލައިލިޔަސް، އެމީހާ އެކަން ފޮރުވާކަށް ނޫޅެއެވެ. ހަމަ ބަލަން އިންނަނީއެވެ. ހިނިތުންވުމަކާ އެކުގައެވެ. އެމީހާއަށް ބަލާފައި 50 އަހަރު ވެދާނެ ކަމަށް ބެލެވެއެވެ. އެވަރުގެ މީހެއް ސަހުލާއަށް ކަޅި ޖަހައި ނުލާ ބަލަން ވީ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އެމީހާ ބަލާކަށް ރިޝްފާއަށް ފާހަގަ ވެގެން ވެސް ސަހުލާ ގާތުން އެހިއެވެ. އެހެން ކަމުން އެކަން ހަފްލާގެ އިތުރު ބަޔަކަށް ފާހަގަ ވުން ވެސް ވަރަށް ގާތެވެ.
ޖައިޝްގެ އުޅުމަށް އޭނާ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ވޭތުވެގެން ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޖައިޝް މުޅިން އެހެން މީހަކަށް ވެއްޖެއެވެ. ރިވާ ގެސްޓު ހައުސްގައި ވަޒީފާ އަދާކުރަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާ އެކުގައެވެ. ދުވަހަކުވެސް ގަޑި ނުޖެހެއެވެ. މަސްތުގެ ދުނިޔެއިން ނުކުމެ ރަލާ މަސްތީ ބުއިން ތަކަށް ޖައިޝް ފާޅުގައި ދިޔައީ ނޫނެކޭ ބުނަމުންނެވެ. ޔުއާދު އެކަމަށް އެދުމުން ވެސް "ނޫން" ބުނެ ފަރުޖައްސާލަނީއެވެ. ޔުއާދުގެ އުޅުން އިސްލާހު ނުވުމުން، ޖައިޝް ދިޔައީ މަޑުމަޑުން ޔުއާދާ ވެސް ދުރުވަމުންނެވެ. ނަމަވެސް އެކަން އެހެން ނުވުމަށް ޔުއާދު މަސައްކަތް ކުރެއެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުހަބާ ކިޔައިފިއެވެ. ރިޝްފާ ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެ، ސަހުލާ އޮތް ކޮޓަރިއަށް ވަނެވެ. އެވަގުތަކީ ސަހުލާ ބުރުގާ ރީތިކޮށްލައިގެން، ޑިއުޓީއަށް ދާން ނުކުންނަން އުޅުނު ވަގުތެވެ. ސަހުލާ ބޭނުންވި ފަދައިން އޭނާ ބުރުގާ އެޅީ އޭނާ ވަޒީފާއަށް ގޮސް ލިބުނު އާމްދަނީ އިންނެވެ. ސަހުލާ ބުރުގާ އެޅުމުން އޭނާއަށް އޭނާގެ ޢާއިލާގެ ފަރާތުން ލިބުނީ ހޫނު މަރުހަބާ އެކެވެ.
މާނޭވާ ލަމުން، ރިޝްފާ ބަލަން ހުރީ ސަހުލާގެ މޫނަށެވެ.
"ރިޝް.. ކިހިނެއްވީ؟" ސަހުލާ ހައިރާން ކަމާ އެކު އަހައިލިއެވެ.
"އެނގޭތަ؟ އެއްކަލަ މީހާ.. މުސްކުޅި މީހާގަނޑެއް ހުއްޓެއްނު؟ ވެޑިންގަ.. އެމީހާ އާ ސަހޫގެ ދޮންބެއާ އެކީގަ ނުކުތީ.. ރިވާ ގެސްޓު ހައުސް އިން.. އަހަންނަށް ހީވަނީ އެމީހުންނަށް ޖައިޝް ފެންނާނެހެން. ސަހޫ ތިއުޅެނީ ފެމިލީ ގާތު ޖައިޝް ބޭރުގަ ހުރި ވާހަކަ ބުނެގެންނު؟ ދެން އެހެން ނޫނަސް، އެއީ ކޮން މީހަގަނޑެއްތަ؟" ރިޝްފާ ވާހަކަދެއްކީ މާނޭވާ ލަމުންނެވެ. އެ ޙަބަރު ސަހުލާއަށް ދިނުމަށް ރިޝްފާ ވަރަށް ދުވެފައި ހުރިކަން ފާހަގަވެއެވެ.
"ވަޓް؟ އަސްލުތަ؟" ސަހުލާގެ ދެލޯ ބޮޑުވިއެވެ. ހަމަ އެވަގުތަކީ ސަހުލާގެ ފޯނު ރިންގުވާ ފެށި ވަގުތެވެ. ގުޅަމުން ދިޔައީ ހަފްސާ އެވެ. (ނުނިމޭ)