ހއ.ތަކަންދޫ އާއި ތ.ވިލިފުށި އަދި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް މިއަދާ ހަމައަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ތަކަންދޫ އާއި ވިލުފުށި އަދި ގެމަނަފުށީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން އޮތީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މިއަދާ ހަމައަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށެވެ.
ކެންޑިޑޭޓުންނަށް ފުރުސަތު އޮތީ މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކަމުން އިންތިހާބުގައި ވާދަކުރަން ބޭނުން ކެންޑިޑޭޓުން އެެކަމަށް އެދި ފޯމް ހުށައެޅުމަށް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
ހއ.ތަކަންދޫ އާއި ތ.ވިލިފުށި އަދި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ފެބްރުއަރީ ފަސްވަނަ ދުވަހު ބާއްވާއިރު އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންވެސް އޮންނާނެ އެވެ. އެ އިންތިހާބުގެ ފޯރި ވަރަށް ގަދައެވެ.
މައި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް އަދި އަލަށް އުފެދުނު އެމްއެންޕީން އިންތިހާބަށް ކެންޑިޑޭޓުން ނެރެ ކެންޕެއިން ވަނީ ފަށާފައެވެ.