ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

މިވަގުތަށް އެންމެ މުހިއްމީ ޗައިނާ!

ދިވެހި ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަންނަ ހުކުރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. މިދަތުރުފުޅާ ގުޅޭ ތަފްސީލް މައުލޫމާތުތަކެއް އަދި މިހާތަނަށް ދެ ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ. އެކަމަކު ވާންގް ޔީގެ މިދަތުރުފުޅަކީ ދެ ގައުމަށް ވެސް ވަކިން ހާއްސަކޮށް ރާއްޖެ އަށް ވަރަށް މުހިއްމު ދަތުރުފުޅަކަށް ވެގެންދާނެ އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ ދިވެހި ސަރުކާރުގެ ދައުވަތަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އަކީ ދިވެހި ސަރުކާރުގެ އެންމެ ގާތް ރަހްމަތްތެރިޔާ އެވެ. ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. ރައީސް ޔާމީން ހިންގެވި ބިޔަ ބޮޑެތި މަޝްރޫއުތަކަށް ޗައިނާ ސަރުކާރުން ވަނީ ބޭރުގެ އެއްވެސް ސަރުކާރަކުން ރާއްޖެ އަށް މީގެކުރިން ނުވާ ވަރުގެ ބޮޑެތި އެހީތައް ފޯރުކޮށްދީފަ އެވެ. ސިނަމާލެ ބްރިޖާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނިންމާފައިވާ 7،000 ފްލެޓާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަކީ އެކަމުގެ ހެކި ތަކެވެ. ޗައިނާ އިން ވަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޮޑެތި އަދަދުތަކުން ލޯނާއި، ހިލޭ އެހީއާއި އަދި ޗައިނާގެ ކުންފުނިތައް ރާއްޖެ އަށް ފޮނުވައިގެން ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއި އެކު ވަރުގަދަ ގުޅުމެއް އޮތް ކަމަށް ރަމްޒުކޮށްދޭ ދެވަނަ ކަމަކީ ރައީސް ޔާމީން ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖީން ޕިންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ. އަދި އޭގެފަހުން ސީދާ ރައީސް ޝީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ދެ ގައުމުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއި ވެސް ކުރެއްވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ވަޒީރަކު ނުވަތަ އިސްވެރިޔަކު ޗައިނާގައި މުހިއްމު މަޝްވަރާ އަކު ނެތް ވަގުތެއް ނުދެ އެވެ. އެކަމަކު މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ރާއްޖެއާއި ޗައިނާގެ ދެމެދުގައި ހަރުދަނާ ގުޅުމެއް އޮތް ކަމަކަށް ނުފެނެ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ހައިސިއްޔަތުންނާއި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވެސް ޗައިނާ އަށް ވަޑައިގަތުމުން ޗައިނާގެ ރައީސްއާ ބައްދަލުވުމުގެ ފުރުސަތެއް ވެސް ލިބިވަޑައެއް ނުގެންނެވި އެެވެ. ރައީސް ސޯލިހަށް ޗައިނާގެ ރައީސްއާ ފޯނުން މަޝްވަރާކޮށްލުމަށް ވެސް މިހާތަނަށް ލިބިވަޑައިގަތީ ވަރަށް ހަނި އެއް ފުރުސަތެވެ.

އެންމެ ބޮޑު ސަބަބަކީ ރައީސް ސޯލިހުގެ ސަރުކާރުން ޗައިނާ އަށް ވުރެ މާބޮޑަށް ވެސް އަވަށްޓެރި އިންޑިއާ އަށް ބަރޯސާވުމެވެ. ކޮންމެ ކަމެއްގައިހެން އިންޑިއާގެ ވިސްނުމާއި ސިޔާސަަތަށް އިސްކަން ދީގެން ކަންކަން ތަންފީޒުކުރުމެވެ. މީގެއިތުރުން ވެރިިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެގެން ގޮސްފައިވަނީ ދެ ގައުމުގެ ގުޅުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

ވަންގް ޔީގެ ދަތުރުފުޅު ދިވެހި ސަރުކާރަށް މުހިއްމު

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ޗައިނާގެ މާލީ އެހީތެރިކަމަކަށް ދެ ގޮތަކަށް އެދޭނެ ކަމަށް ބެލެވެ އެވެ. އެއްގޮތަކީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ބޮޑެތި ލޯންތައް ދެއްކުމަށް ދިވެހި ދައުލަތަށް ބުރަ ބޮޑުވެފައި އޮތް އޮތުމަށް އިތުރު ލުއިތަކެއް ހޯދުމާއި ލޯންތަކުގެ ބައެއް ނަމަވެސް ހިލޭ އެހީއަށް ބަދަލުކުރެވޭތޯ ބެލުމެވެ. އެކަމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ފަހަރުގައި ސަރުކާރަށް ލިބުނު ނަމަވެސް މާބޮޑު ލުއިތަކެއް ލިބޭނެ ކަމަކަށް ނުފެނެ އެވެ. ދެވަނަ ގޮތަކީ ބިޔަ މަޝްހޫރުތައް ހިމެނޭ ގޮތަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫއުތައް ހަލުވިކުރުމަށް އަދިވެސް އިތުރު ފައިސާ އާއި ވަސީލަތްތައް ހޯދުމަށް ހުށަހެޅުމެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ނަގާފައިވާ ލޯންތަކުގެ ސާފު އަދަދެއް އަދިވެސް މުޅިން ސާފެއް ނޫނެވެ. އެކަމަކު މިހާ ހިސާބަށް ފެންނަ ހުރި ލިޔުންތަކަށް ބަލާއިރު ޗައިނާ އިން ނަގާފައިވާ ލޯންތަކުގެ ޖުމްލަ އަދަދު 1.6 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ ސަރުކާރުގެ ބޭނުމަށް ނަގާފައިވާ ހުރި ލޯނާއި ސަރުކާރުން އެކި ފަރާތްތަކަށް ދީފައިވާ ގެރެންޓީ ހިމަނައިގެން ފެންނަން އޮތް އަދަދެވެ. ލޯން ދެއްކުމަށް ޗައިނާ އިން އިތުރަށް ކުޑަ ލުޔެއް ދިނުމަށް އެއްބަސްވުމަކީ މިހާރު ކުރިމަތިވެފައި މިއޮތް އިގްތިސާދީ ތަދުގެ ތެރޭގައި ބަޖެޓް ޑެފިސިޓް ހަމަޖެއްސުމާއި ބަޖެޓް ބެލެންސް ކުރުމުގައި ސަރުކާރަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމަކަށް ވާނެ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ވަރަށް ގިނަ ގައުމުތަކަކަށް އިގްތިސޯދީ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ޗައިނާ ސަރުކާރުން ވަނީ އެ ގައުމުން ކުރިން ދޫކޮށްފައިވާ ލޯންތައް ދެއްކުމަށް 77 ގައުމަކަށް މިހާރު ވެސް ލުއި ދީފަ އެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ކޮވިޑްގެ އުދަގޫ ހާލަތުގައި ރާއްޖެ އަށް ހަމަޖެހުމެއް ލިބުނު އެއް ސަބަބަކީ ވެސް ޗައިނާ އިން ދިން ލުޔެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަކީ ވަޒީރެއްގެ އިތުރުން އެގައުމުގެ އެންމެ ބާރުގަދަ އެއް ގުނަން ކަމަށްވާ ސްޓޭޓް ކައުންސިލްގައި ވެސް ހިމެނޭ ބާރުގަދަ ބޭފުޅެކެވެ. ޗައިނާގެ ރައީސްއާ ފަސޭހައިން ބައްދަލުވާ ފަސޭހައިން މުއާމަލާތު ކުރެއްވޭ ބޭފުޅަކަށް ވާތީވެ ވަންގް ޔީގެ ދަތުރުފުޅުގެ ތެރެއިން އެހީތެރިކަން ހޯދޭނެ ހުރިހާ ގޮތަކަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ޔަގީންކުރެވެ އެެވެ.

މަޝްރޫއުތައް އަވަސްކުރުމުގައި އެހީތެރިކަމަށް އެދޭނެ

ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ ސުޕަ ޕަވަރަށް ޗައިނާ ވެގެންދާނެ ކަމަށް ދުނިޔޭގެ ވަރަށް ގިނަ ހޯދުންތަކުން ދައްކަ އެވެ. ފައިސާގެ ގޮތުން ބަލާނަމަ ޗައިނާ އަކީ މިއަދުވެސް އެންމެ ބާރުގަދަ އެއް ގައުމެވެ. އެ ސަބަބުތަކާ ގުޅިގެން ޗައިނާއާ ގުޅުން އުފައްދާ އެ ގައުމުން ބޮޑެތި އިންވެސްޓްމަންޓްތައް ހޯދަން އޭޝިއާ އަދި އެފްރިކާގެ ގިނަ ގައުމުތަކަކުން މަސައްކަތް ކުރެ އެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖާއި، ހައުސިންގެ ބިޔަ މަޝްރޫއުތަކާއި، ހަނިމަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި، މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަކީ މުޅިން ވެސް އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކު ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫއުތަކެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ތިން އަހަރު ނިމިގެން ދިޔައިރު އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތަކެއް ނުފެށެ އެވެ. ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ވިސްނަވަމުން ގެންދަވާ ކަމުގެ އެތައް ހެކިތަކެއް ފެންނަން ހުރިއިރު ބިޔަ މަޝްރޫއުތައް ކުރިއަށް ނުދިޔުމަކީ އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. ރައީސް ސޯލިހަށް ނަތީޖާ ދެއްކެވުމަށް ބާކީ އޮތީ ދެ އަހަރަށް ވުރެ ވެސް މަދު ދުވަސްކޮޅެއް ކަމަށްވާތީ ބިޔަ މަޝްރޫއުތައް އަވަސް ކުރުމަށް އެކި ގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެއް ގައުމަކީ ޗައިނާ އެވެ. ސަބަބަކީ ކުރިން ވެސް ފާހަގަކުރި ގޮތަށް އިންޑިއާގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމެއްގައި ވެސް ނެތް ވަރަށް ފައިސާއާއި ވަސީލަތާއި ޓެކްނޮލޮޖީ އާއި އަދި ފަންނީ މީހުން ޗައިނާގައި ތިބުމެވެ. ބިޔަ މަޝްރޫއުތައް އިތުބާރާއި ހަލުވި ދުވެލީގައި ކޮށް ނިންމާލުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ޗައިނާގެ އެހީތެރިކަމަށް އެދޭ އެންމެ މުހިއްމު ސަބަބެވެ. ޗައިނާ އިން ވަނީ ރާއްޖޭގައި ވެސް އެކަން ޔަގީންކޮށްދީފަ އެވެ.

ދިވެހި ސަރުކާރުގެ މަޝްރޫއުތައް އަވަސްކުރުމަށް ޗައިނާ އިން އެހީވާނަމަ އެކަން ކުރާނީ ރާއްޖޭގައި އޮތް އިންޑިއާގެ ނުފޫޒު ކުޑަވާނެ ގޮތަށް ކަންތައްތަކެއް ކުރުމަށް ސަރުކާރު އެއްބަސްވުމުން ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ. ޗައިނާގެ ސަރުކާރަކީ ރާއްޖޭގެ އިދިކޮޅު ލީޑަރު ރައީސް ޔާމީނާ އެކު ހަރުދަނާ ގުޅުމެއް އޮތް ބަޔަކަށް ވާތީ އިންޑިއާގެ ނުފޫޒު ކުޑަކުރަން އެމަނިކުފާނު ޗައިނާގެ އެހީތެރިކަމަށް ސިޔާސީ ގޮތުން އެދޭނެ އެވެ. އަދި ޗައިނާ، ސުޕަ ޕަވަރަކަށް ވުމަށް ކުރާ މަސައްކަތުގައި ރާއްޖެ އަކީ އިންޑިއާ ކަނޑުގައި މުހިއްމު ސަރަހައްދެއްގައި އޮތް ގައުމަކަށްވާތީ ރާއްޖެ ބޭނުންކޮށްގެން ޗައިނާ އިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ހިންގުމަށް ބޭނުންވާނެ އެވެ. އެހެންކަމުން މިސަރަހައްދުގައި އޮތް އިންޑިއާގެ ނުފޫޒު ކުޑަކުރަން ސަރަހައްދުގެ ގައުމުގެއްގެ ގޮތުގައި އޮތް ރާއްޖޭގައި ޗައިނާ އިން އެދޭނެ އެވެ.

ރައީސް ނަޝީދު: ޗައިނާ-ރާއްޖެ ގުޅުމަށް އޮތް ގޮންޖެހުމެއް

ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަހަރު ހަރަކާތްތަކެއް ހިންގުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރެ އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އެކަމާ ގުޅޭ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. ދެ ގައުމުގެ ގުޅުމަށް ބައި ގަރުނުވީއިރު ދެ ގައުމުގެ ގުޅުން މިހާރު ހީނަރުވެފައި އޮތް މިންވަރަށް ދުވަހަކު ވެސް އެ ގުޅުން ހީނަރުވެފައެއް ނުވެ އެވެ.

ދެ ގައުމުގެ ގުޅުން ހީނަރުވުމުގެ އެއް ސަބަބަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެއިން އިންޑިއާ އާއި އެކު ބާއްވާ ގާތްގުޅުންތަކެވެ. ދެވަނަ ކަމަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ޗައިނާއާ ގުޅޭގޮތުން ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަފުުޅުތަކެވެ.

ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުގެ ސަބަބުން ޗައިނާއާއި ރާއްޖޭގެ ޒަމާންވީ ގުޅުމަށް ބުރޫއަރާ ކަމަށް ޗައިނާ އިން އޮތީ ދިވެހި ސަރުކާރަށް އަންގާފަ އެވެ. ޗައިނާ އިން ރައީސް ނަޝީދަށް އެންމެ ބޮޑަށް ނުރުހުން ވަނީ އެ ގައުމުން ރާއްޖެއަށް ދޫކޮށްފައިވާ ބޮޑެތި ލޯންތަކަކީ "ދަންތުރައެއް" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވާތީ އެވެ. މީގެއިތުރުން ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ބައެއް ވާހަކަފުޅުތަކުގެ ސަބަބުން ޗައިނާގެ މިނިވަން ކަމާއި އިސްތިގުލާލަށް ބުރޫއަރާ ކަމަށްވެސް ޗައިނާ އިން އޮތީ ބުނެފަ އެވެ. އެހެންކަމުން ރައީސް ސޯލިހުގެ ސިޔާސީ ކުރިމަގަށްޓަކައި ވެސް އަދި ރާއްޖެ އޮތް ހާލަތުގެ ގޮތުން ވެސް ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި އިތުބާރު ބޮޑުކުރަން ދިވެހި ސަރުކާރުން ހާއްސަ މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. ރައީސް ނަޝީދުގެ ސަބަބުން ހީނަރުވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ޔަގީންކުރެވެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދަތުރުފުޅަށް ދިވެހި ސަރުކާރުން ބޮޑު ސަމާލުކަމެއް ދޭކަށް އެނގެނީ އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ދަތުރުފުޅަށް ރާއްޖެ ވަޑައިގަންނަވާތީ އެވެ. މިއީ އދ. ގެ ރައީސް ކަމާ ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ބޭރުގެ އިއްޒަތްތެރިޔަކު ވަޑައިގަންނަވާތީ ރަސްމީ މަޝްވަރާތަކަށް ޝާހިދު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގެ ފަހުކޮޅު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ އަށް ވަޑައިގެންނެވިއިރު ޝާހިދު ރާއްޖެ ވަޑައިނުގަންނަވާތީ ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅަށް ދިވެހި ސަރުކާރުގެ ސަމާލުކަން އޮތް މިންވަރު ހާމަވެ އެވެ. ޗައިނާގެ އެހީތެރިކަމަށް ދިވެހި ސަރުކާރު ބޭނުންވެފައި އޮތް މިންވަރު ޔަގީންކޮށްދެ އެެވެ. ޗައިނާގެ އެއް މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ އޮތް އަމާޒަށް ވާސިލްވުމަށް ސަރުކާރުން ބޭނުންވާ ވަރުވެސް ހާމަވެ އެވެ.