ބޭރު ކުޅިވަރު

ކުޅުންތެރިންނަށް މުސާރަ ހައްގެއްގޫން: ފެބްރިގާސް

ޗެލްސީގެ ކުޅުންތެރިންނަށް އެކުލަބުން ދެމުން އަންނަ ބޮޑު މުސާރަ ކުޅުންތެރިންނަށް ހައްގުނުވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް މިޑްފީލްޑަރު ސެސް ފެބްރިގާސް ވާހަކަ ދައްކައިފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ލީގުގައި ލެސްޓާ ސިޓީ އަތުން ބަލިވެ ތާވަލުގެ 16 ވަނަ އަށް ޗެލްސީ ވެއްޓުމުންނެވެ. މި ސީޒަނުގައި މިހާތަނަށް ޗެލްސީ 16 މެޗު ކުޅެފައިވާއިރު ނުވަ މެޗުން ބަލިވެ ލިބިފައިވަނީ 15 ޕޮއިންޓެވެ. މިހެންވެ ކުލަބުގެ ކޯޗުގެ އިތުބާރު އޮތްތޯ ބެލުމަށް ކުލަބުގެ އެމެޖެންސީ ބޯޑު ބައްދަލުވުމެއް މިއަދު ބާއްވާނެ އެވެ.

ފެބްރިގާސް ބުނީ ޓީމުގައި ތިބި މޮޅު އަދި މަޝްހޫރު ކުޅުންތެރިން އެކުޅުންތެރިންނަނީ ބޮޑު ބައެއްކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކުލަބުން ބޮޑު މުސާރަދޭނަމަ އެމުސާރަ ހައްގުކަން ނަތީޖާތަކުން ދައްކަންޖެހޭ ކަމަށެވެ.

"އެންމެވެސް މި ނަތީޖާތަކުގެ ޒިންމާ ނަގަންޖެހޭ. ތިމާއަކީ ބޮޑު ކުޅުންތެރިއެއްނަމަ އެކަން ދަނޑުމަތީގައި ވެސް ދައްކަންޖެހޭ. އަހަރެން ނުބުނަން މުޅި ސީޒަންދަނީ ގޯސްކޮށް ކަމަށް. އެކަމަކު މުހިންމު މެޗުތަކުގައި އަހަރުމެން އެބަޖެހޭ ނަތީޖާ ނެރެން. ޓީމު އޮންނަންވީ ހިސާބަކު ނޫން މި އޮތީ،" ފެބްރިގާސް ބުންޏެވެ.

އޭނާ އަދި ބުނީ މިހާރު ކުޅުންތެރިންގެ ފުށުން ފެންނަ އަމަލުތަކަކީ ކުޅުންތެރިންގެ ފަރާތުން ފެންނަންޖެހޭ ފަދަ އަމަލުތަކެއްނޫން ކަމަށެވެ.
ޗެލްސީގެ ބައެއް ކުޅުންތެރިންނާ ކޯޗު މޮރީނިއޯއާ ގުޅުން ގޯސްކަމަށް ދެކެވޭ ވާހަކަ ކުރިން ވެސް ފެބްރިގާސް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ މޮރީނިއޯ އަށް ކުޅުންތެރިންގެ އިތުބާރު އެބައޮތް ކަމަށާއި ނަތީޖާ ނުނެރެވުމުގެ ޒިންމާ ކުޅުންތެރިން ނަގަން ޖެހޭ ކަމަށެވެ.

މޮރީނިއޯ މަގާމުން ވަކިކުރަން ޗެލްސީން ނިންމައިފިނަމަ އޭނާ އަށް ބަދަލެއްގެ ގޮތުން 40 މިލިއަން ޕައުންޑް ދޭންޖެހެ އެވެ.