ވާހަކަ

ހިތް ރުއްސާނުތޯ

( 2 ޖެނުއަރީ 2022 އާ ގުޅޭ )

ފޮތްތަކުގެ އަޑިއަށް ލާން މަސައްކަތްކޮށްފައި އޮތް ކަރުދާހެއްގެ އެއްބައި ލޮލުގައި އަޅައިގަތެވެ. ފޮތްތަކުގެ ދަށުން ނިކަން ސިއްރުން ހޫރައިން އެ ކަރުދާހަށް ދަމާލިއެވެ. އޭގައިވާ އެއްޗެއް ފެނުމާއެކު ހޫރައިންގެ މެޔަށް ތޫނުތަދެއްގެ އިހްސާސް ކުރެވިގެންދިޔައެވެ. ވަގުތުން އެނދުގައި އޮތް ދަރިފުޅާ ދިމާއަށް އޭނާއަށް ބަލާލެވުނެވެ. ހޫރައިންއަށް ތުންފިއްތާލެވުނެވެ. އެ ދަރިފުޅަށް އައި ބަދަލުގެ އަސްލު އެވަނީ އެ ކަރުދާހުގައިކަން ހޫރައިންއަށް އެނގިއްޖެއެވެ.

އެނދު ކައިރީ ދެ ކަކޫ މައްޗަށް ތިރިވެ އިން ހޫރައިނަށް ރޮވެނީއެވެ. ނިދިފައި އޮތް ދަރިފުޅުގެ މަގަތަށް އޮތް އަތްތިލައިގަ ހިފަހައްޓާލައިގެން އިނދެއެވެ. އެ ދަރިފުޅު ފޮރުވަމުން އައި އިހްސާސްތައް ހާމަވީއިރު ހޫރައިންގެ ހިތުގައި ޖެހިއްޖެއެވެ. ހުރިހާކަމެއް ފޮރުވަން މަސައްކަތް ކުރީ އެހެންވާނޭކަން އެ ދަރިފުޅަށް އެނގޭތީ ކަހަލައެވެ. މަންމަގެ ހިތުގައި ޖައްސައި ދެ ލޮލުން ކަރުނަ އޮހެރޭތަން ދުށުމަށް އެކުއްޖާ ނޭދޭ ފަދައެވެ. އެކަމަކު ހުރިހާ ކަމެއް ވިސްނޭ ވަރަށްވުރެ އެ ދަރިފުޅު އަދި މާ ކުޑައެވެ.

"ސޮރީ... ސޮރީ ދަރިފުޅު... ސޮރީ..." ނިތްކުރި ގެނެސް ދަރިފުޅުގެ އަތްތިލައިގަ ޖައްސާލައިގެން އޮވެ ހޫރައިން ތަކުރާރުކޮށް މަޢާފަށް އެދެމުންދިޔައެވެ. އޭރު އެ ހުރިހާ ހިތާމައެއްގެ އަސްލު ގުޅިފައިވި ކަރުދާސް އޮތީ ފައިކައިރީ ތަޅުންގަނޑު މަތީއެވެ.
ނިދީގެ ތެރެއިން ޔޫކް ހަރަކާތްކޮށްލުމުން އެ ކުޑަކުޑަ އަތްތިލައިން ހޫރައިން ދޫކޮށްލިއެވެ. ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔަ ދެ ލޯ ފުހެމުން އޭނާ ދެން ވެސް ދަރިފުޅުގެ މޫނަށް ބަލަން އިނެވެ. މަޑުމަޑުން އޭނާ ދުރަށް ޖެހިލިއެވެ. އެނދުގައި ލެނގިލައިގެން ތަޅުންގަނޑުމަތީ އިށީނެވެ. ފައިކައިރީގަ އޮތް ކަރުދާސް ނަގައި ބަލަން އިނެވެ. ބޮޑުއަތްތިލައެއްގެ ތެރޭ ކުޑަ އަތްތިލައެކެވެ. އެ ކުޑަ އަތްތިލައަކީ ޔޫކްގެ އަތްތިލައިގެ ނިޝާނެއްކަން ހޫރައިންއަށް ޔަގީނެވެ. އެ ކަރުދާހަކީ "ބައްޕަ"އަށް އެޑްރެސްކޮށް ތައްޔާރުކޮށްފައި އޮތް ކާޑެކެވެ. ފަތްޖަހާލާފައި އޮތް ކަރުދާހުގެ އެތެރޭގައި ލިޔެފައި އޮތް ޔޫކްގެ މެސެޖު ފެނި ހޫރައިންގެ ރުއިން ބާރުވެލިއެވެ. އޭގައި އޮތީ ޔޫކްއަށް ބައްޕަ ކޮށްދޭ ހުރިހާކަމަކަށް ޝުކުރިއްޔާއޭ ލިޔެފައެވެ.

"ޔާﷲ..." ހިތަށްކުޅަދާނަނުވެގެން ހޫރައިންއަށް ކިޔާލެވުނެވެ.

"ބައްޕައަކީ ކޮންސިފައެއްގައި ހުންނަ ކީއްކުރާ މީހެއްކަން ވެސް ޔޫކްއަކަށް ނޭނގޭނެ، ދެން ކީއްވެ؟... ކީއްވެ ދަރިފުޅު މިހެން ލިޔުނީ." ހޫރައިންގެ ހިތް ސުވާލުން ފުރުނެވެ. ޔޫކްއަކީ ދޮގު ހަދާ ކުއްޖެއްނޫނެވެ. ދޮގު ހަދައި މަކަރު ހެދުމަކީ ކޮންކަހަލަ ކަމެއްކަން ހޫރައިން އައީ ދަރިފުޅަށް ކިޔާދެމުންނެވެ. ޚުދު ހޫރައިން ވެސް ބައްޕައޭ ކިޔާ ޔޫކް ކައިރީ އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނެތެވެ. ބައްޕައަކީ، އެއްވެސް ވަރަކަށް ނުދައްކާ މައުޟޫޢުއެކެވެ. ދައްކަން ހޫރައިން ބޭނުން ވެސް ނުވަނީއެވެ. އޭނާއަށް ޖަވާބު ނުދެވޭނެތީއެވެ.

ސުމައްޔާ ދަމު ނަމާދަށް ތެދުވެފައި ހޫރައިން ކޮބާތޯ ބަލާލާނެއެވެ. ދަރިފުޅަށް ނިދިފައި އޮތިއްޔާ އޭނާ ނަމާދަށް އަރާނީ ހޫރައިންއަށް ގޮވާ ނަގާފައެވެ. އެހެންވެ މިރޭ ވެސް އޭނާ އެކޮޓަރީގެ ދޮރު ހުޅުވާލީ ހޫރައިންގެ ޚަބަރެއް ބެލުމަށެވެ. ދޮރު ހުޅުވާލުމާއެކު ނިކަން އަވަހަށް ސުމައްޔާ ދޮރު ކައިރިކޮށްލިއެވެ. މުސައްލަ މަތީ ސަޖިދައިގަ ހޫރައިން އޮތްތަން ފެނި ނަމާދު ކުރަނީކަން އެނގުނީއެވެ. އެހެންނަމަވެސް ދޮރު ލައްޕާލާފައި ސުމައްޔާއަށް ހިނގައިގަންނަން ދަތިވިއެވެ. އޭނާގެ ކަންފަތަށް ހޫރައިންގެ ހިމޭން ގިސްލުމުގެ އަޑު ސާފުކޮށް އިވުނެވެ.

ހަފްތާގެ ބުރާސްފަތި ދުވަހެވެ. ހޫރައިން މަސައްކަތައް ދާން ތައްޔާރެއް ނުވެއެވެ. ހޭލައިގެން ކޮޓަރި ތެރޭ ކުޅޭން އިން ޔޫކްއަށް ބަލަން އެނދުގައި ޖެހިލައިގެން އިނެވެ. ރުއިމުގެ ސަބަބުން ރޯގާވައްތަރުވެފައެވެ. އޭގެ އިތުރުން އެ ދެ ލޮލުގައި މަޑު ރަތްކަމާއެކު ދުޅަކަމެއްވިއެވެ. ޔޫކްއާ ވާހަކަދައްކަން ހޫރައިން ބޭނުމެވެ. ނަމަވެސް ފަށާނީ ކީކޭ ކިޔާފައިކަން އޭނާއަކަށް ނޭނގެއެވެ. އެހެންވިޔަސް ކޮންމެވެސް ހިސާބަކުން އެ ވާހަކަ ފަށަން އެބަޖެހެއެވެ.

"މި ބަދުނަސީބު މަންމަ ނޫނީ ދަރިފުޅުގެ އިތުރު މީހަކުނެތް. ފުރިހަމަ އާއިލާއެއް ދަރިފުޅަށް ހޯދާދޭނީ ކިހިނެއް. ދަރިފުޅަށް ހުރިހާ އުފަލެއް ލިބުމަށް މަންމަ ބޭނުންނުވަނީއެއް ނޫން. މަންމަގެ ދެ ލޮލުގެ ނޫރަކީ ތީ، ހިތުގެ ފިނިކަމަކީ ތީ. ދިރިއުޅުންދެކެ ފޫހިނުވި ސަބަބަކީ ތީ. ދުނިޔެއަކީ އިންސާފެއްނުވާ އަނިޔާވެރިތަނެއް. މަންމައާއި ދަރިފުޅުގެ ކުށެއްނެތްކަން ﷲ ހެކިވާނެ. ދަރިފުޅުގެ މައުސޫމް ހިތުގައިވާ އެއްޗެއް މަންމައަށްވުރެ މޮޅަށް އެކަލާނގެ ދެނެވޮޑިގެންވާކަން ކަށަވަރު..." ހޫރައިންގެ ހިތުގައި އެތައް ޝުޢޫރެއް ހިނގަމުންދިޔައެވެ.

"ހޫރް، ދަރިފުޅު ނުނިކުންނާތީ މިއައީ. ކީއްވެފަ ތިއިނީ؟ މިއަދު ނުދާ ދުވަހަކީތަ؟ ގަޑިޖެހޭނެ ދެން." ދޮރުމަތީ ހުރި ސުމައްޔާ ވާހަކަދެއްކިއެވެ.

"މިއަދު ހިތްވަރެއްނެތް މަންމާ." ހޫރައިންގެ ކުރުކޮށްލެވިފައިވާ ފައިގެ ކަކުލުގައި އަޅުވާލި އަތްމަތީ މޫނު ފޮރުވާލިއެވެ. ސުމައްޔާ ވަދެގެން އައިސް އެނދުގެ މަގަތުން އިށީނެވެ. އެނދުކައިރީ ތަޅުމަތީ އިން ހޫރައިންގެ ބޮލުގައި އޭނާ ކަނާތު އަތްތިލަ ބާއްވާލިއެވެ. މަޑުމަޑުން ފިރުމާލިއެވެ. އަނެއްކާ ވެސް ކިހިނެއްތޯވީ ސުމައްޔާ އަހާލައިފިއެވެ. މިފަހަރު ހޫރައިންއަށް އެ ވާހަކަދައްކާކަށް ނުކެރުނެވެ. ހުރިހާ ހަގީގަތެއް މަންމައަށް އެނގޭއިރު ވެސް މެއެވެ.

"މަންމަ ހަސިންތައަށް ގުޅާފަ ބުނެދީފާނަންތަ. ޕްލީޒް... ހޮނިހިރު ދުވަހުން ފެށިގެން އަލުން ނުކުންނާނަމޭ ބުނޭ. މިއަދު އެއްގޮތަކަށް ވެސް ދާކަށް ބޭނުމެއްނޫން." ހޫރައިން އަރިވެލައި މަންމަގެ ކަކުލުގައި ބޯޖައްސާލިއެވެ. ހުކުރު ދުވަސް ނޫނީ އެހެން ހުރިހާ ދުވަހަކު ޔުނިވަރސީޓީގެ މަސައްކަތު މީހުން ނުކުންނަން ޖެހެއެވެ. އެކަމަކު ހޮނިހިރު ދުވަހަކީ "ހާފްޑޭ" އެކެވެ.

ދަރިފުޅުގެ ގޮތް ސުމައްޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހޫރައިން އެދުނު ފަދައިން ހަސީނާއަށް ގުޅާފައި ބުނާނަމޭ ބުނުން ފިޔަވައި އިތުރު އެއްޗެކޭ ސުމައްޔާ ނުބުންޏެވެ. ދަރިފުޅާ ސުވާލުތަކެއްކޮށް އިތުރު ނުތަނަވަސްކަމެއްދޭން ސުމައްޔާ ބޭނުންނުވީއެވެ. ކޮންމެވެސް ކަމަކާމެދު ހޫރައިން ވަރަށް ބޮޑަށް މާޔޫސްވެއްޖެކަން ސުމައްޔާއަށް ރޭގައި ފެނުނު މަންޒަރުން އެކަނި ވެސް ނަގައިގަނެވުނެވެ. އޭނާގެ ހޫރައިންއަކީ ބަލިކަށި ކުއްޖެއްނޫންކަން އެނގެއެވެ. ކިތަންމެ ހިތްވަރު ގަދަވިޔަސް ވަރުބަލި ފިލުވާލަން މަޑުކޮށްލަން ޖެހޭ ފަހަރު އާދެއެވެ. ދާންވީ ރާސްތާ ކިތަންމެ ދިގުވެފައި އޭގެ ކޮޅު ނުފެނުނު ނަމަވެސް މުހިންމީ ﷲ އަށް އިތުބާރު ކުރުމާއެކު ކުރިޔަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅުމެވެ. މަންޒިލާ ހަމައަށް ﷲ އޭނާ ރައްދުކޮށްދޭނެކަން ޔަގީނެވެ. ކެތްތެރިކަމުގެ އަގު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޒީޒުވަންތަ، ރަހީމްވަންތަ ރަސްކަލާނގެ ދެއްވާނެކަން ސުމައްޔާ ޔަގީންކުރެއެވެ.

* * * * *

"މޫނުބުރުގާ ދޯ ތިހޯދަނީ؟" ޒެހެންއާ އަރާ ހަމަކުރަމުން ރަހުމާ ބުނެލިއެވެ. އެއާއެކު ޒެހެން އެނބުރި ބަލާލައިފިއެވެ. އެ މޫނާއި ދެ ލޮލުން ރަހުމާއަށް އެއްވެސް އެއްޗެއް ދޭހަވާވަރެއް ނުވިއެވެ.

"އޭނާ މިއަދު ނާދޭ." ޒެހެން އަނގައިން ނުބުނުމުން ރަހުމާ ބުންޏެވެ.

އެކުވެރިންގެ "ވަޓްސްއެޕް" ގުރޫޕުގައި ރަހުމާ ހިމެނީ ޝާފީއެވެ. އެއާއެކު އެ ތަނުގައި ޒެހެން ވާހަކަދެއްކުން މަދުކޮށްލައިފިއެވެ. ހޫރައިންއާ މެދު ރަހުމާ ޝައުގުވެރިވެގެން އުޅޭކަން ވެސް ޒެހެންއަށް އޮތީ އެނގިފައެވެ. އޭނާ އުޅޭ ޔުނިވަރސިޓީއަށް ރަހުމާ އަންނަން އުޅޭ ކަމުގެ ޚަބަރު ލިބުނުއިރު ވެސް މިހެން ވެދާނޭކަން ޒެހެންއަށް އޮތީ ހީވެއެވެ. ދިމާލަށް ނުބުނަންޏާ ބައެއް މީހުންނަށް ކަންކަން ހަމަ ނޭނގެނީބާއޭ ޒެހެން ހިތަށް އެރިއެވެ. އޭނާގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ރަހުމާ ވަންނާން އެއްގޮތަކަށް ވެސް ބޭނުންނުވާކަން ސިކުނޑިއެއް ހުރި މީހަކުނަމަ މިހާރު އެނގެންވެއްޖެއެވެ. ރަހުމާ ގަސްދުގައި އަޅާނުލަނީއޭ ވެސް ޒެހެންއަށް ގަބޫލުކުރެވޭވަރު ވެއްޖެއެވެ. އަމިއްލަ އެދުން ރަހުމާގެ ބޮޑީއެވެ. ޝައުގުވެރިނުވާކަން ފާޅުކުރީމާ ވެސް އެގޮތަށް މަތިންބައިން އުޅޭ އަންހެނުންދެކެ ޒެހެން ފޫހިވެއެވެ.

ހަލުވި ފިޔަވަޅުގައި ޒެހެން ގޮސް އިމާރާތުގެ ތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ރަހުމާ އައެވެ. ލިފްޓަށް އެރުމުގެ ބަދަލުގައި ޒެހެން ޚިޔާރުކުރީ ސިޑިން އަރައިގެންދާށެވެ. އުސް ފައިވާނުގައި "ޓޮއްޓޮއް" ގޮއްވަމުން ސިޑިން އެރުން ރަހުމާއަށް ފަސޭހަނުވާނޭކަން އެނގޭތީއެވެ. ޒެހެން އަރައިން ދިޔައިރު އޭނާ ހީކުރި ފަދައިން ރަހުމާ ބަލަން ހުރީއެވެ. ފަހަތަކުން ނައެވެ. ޓީޗަރުންގެ ބަޔަށް އޭނާ ގޮސްފިނަމަ އެތަނުން ރަހުމާ ދިމާކުރާނޭކަން ޒެހެންއަށް އެނގެއެވެ. އެހެންވެ އޭނާ އައީ ކޮމްޕިއުޓާރ ލެބަށެވެ. ކިޔެވުން ފެށުމާއެކު ދަރިވަރުން އައިސް ބޭނުންކުރުމަށް ޓަކައި އެތަން ހުންނާނީ ހުޅުވާލާފައެވެ. އެކަމަކު އެހާ ހެނދުނާ އެތަނުގައި ދަރިވަރަކުނެތެވެ. ތަންކޮޅެއް ބިއްދޮށުގައި ހުރި މޭޒުދޮށުގައި ޒެހެން އައިސް އިށީނެވެ. ގުދުވެލައިގެން އޭނާ އިން ގޮތުން ކުރިމަތީ ހުރި މޮނީޓަރާ ނިވާވެލައިގެން އިން ކަހަލައެވެ. އެ ދިމާ ހުރަސްކަނޑާފައި ދާ މީހަކު ބިއްލޫރި ކުޑަދޮރުން އެތެރެ ބަލާލިޔަސް އަޅައިނުގަންނާނޭކަން ޒެހެންއަށް އެނގެއެވެ.

ފޯނަށް ހޫރައިން ކުރީން ދުވަހު ފޮނުވި މެސެޖު ހުޅުވައިގެން ޒެހެން އިނެވެ. ރޭ ވެސް އެ ނަންބަރަށް ގުޅަން ޒެހެންގެ ހިތް އެދުނެވެ. ނަމަވެސް ހޫރައިންއަށް އުނދަގޫވެދާނޭތީ ނުކެރުނީއެވެ. އެކަމަކު މިހާރު މިއޮތީ ގުޅާލާނޭ ސަބަބެއް ލިބިފައިކަމުގައި ޒެހެން ގަބޫލުކުރިއެވެ. ހޫރައިން މަސައްކަތައް ނުނިކުންނަކަން އެނގުނީމައެވެ.

"ރަހޫއަށް ކިހިނެއްބާ އެނގުނީ. އަނެއްކާ ދޮގަކަށްވެދާނެތަ... ހޫރް މިއަދު ނުފެނޭ. އެހެންނޫނީ ގަސްތައް ސާފުކޮށް ފެންދޭން އުޅޭނެ. އަސްލު ވެސް ނާންނަނީތަ." ގުޅަން އުޅެފައި ކުއްލިއަކަށް ޒެހެންގެ ހިތަށް އެރިއެވެ. ރަހުމާގެ ގޮތެއް ނޭނގެއެވެ. އޭނާ ޒެހެންގެ ފަރާތުން ކަމެއް އޮޅުންފިލާތޯ ވާހަކައެއް ހަދާފާނޭ ހީވަނީއެވެ. ޒެހެން ވިސްނާލިއެވެ. ހޫރައިން ފެނޭތޯ ޑީ ބުލޮކް ބިއްދޮށަށް ދާނީއެވެ. އޭނާ ނުފެނިއްޖެނަމަ ހަސީނާ ކައިރިން އޮޅުންފިލުވާލުން ގޯސް ހިޔާލަކަށް ނުވާނެއެވެ. ހަގީގަތުގައި ވެސް ހޫރައިން ނާންނަ ނަމަ ދެން ގުޅާނީއެވެ. ހޫރައިން ސުވާލެއްކޮށްފިއްޔާ އޭރުން ދެއްކޭނެ އުޒުރެއް އޮންނާނެއެވެ. ލުއި ހިނިތުންވުމެއް ޒެހެންގެ ތުންފަތަށް ވެރިވިއެވެ.

މެންދުރު ފަސްވެގެން އައިއިރު ޒެހެންއަށް ވަގުތުވީ ދޭއް ޖެހި ފަހުންނެވެ. ރޭގަނޑުގެ ކުލާސްތަކެއް ނަގައިދޭ ލެކްޗަރާއަކަށް ނުވާތީ އިރު ހުއްޓާ އޭނާގެ މަސައްކަތު ގަޑި ނިމެއެވެ. މީހެއް ކައިރީ އަހައިގެން ހަސީނާ ހޯދައިގެން ހޫރައިންގެ ވާހަކަ ޒެހެން އޮޅުންފިލުވިއެވެ. ރަހުމާ ތެދެއްކަން ހެދީ އެނގުނީ އެހިސާބުންނެވެ. އޭނާ ހޫރައިން މެސެޖުކޮށްފައި އޮތް ނަންބަރަށް ގުޅިއެވެ.

* * * * *

ފޯނުކޯލު ނިންމާފައި އައިސް ހަސީނާ ދެއްކި ވާހަކަ ހޫރައިންއަށް ސުމައްޔާ ކިޔާދިނެވެ. ގޭގައި ހުރީތީ ޔޫކް ލާންށާއި ބަލާ ދިޔައީ ވެސް ހޫރައިންނެވެ. ކުލާހުގައި ތިބޭ އާންޓީއަކާ ވާހަކަދައްކާލަން ހޫރައިން ހިތަށް އެރިއެވެ. ނަމަވެސް އަހަން އޮތީ ކީކޭ ހެއްޔެވެ. ޔޫކްގެ މައްސަލައެއް އޮތްނަމަ އެމީހުން ބުނާނެއެވެ. ކިތަންމެ ކުޑަ ބަދަލެއް އަޔަށް އެމީހުން އެކަން ފާހަގަކުރެއެވެ. އަމިއްލައަށް ގޮސް ދަރިފުޅު ކިހިނެއްތޯ އަހާ އުޅުމަކީ ހޫރައިންގެ އުސޫލެއްނޫނެވެ. އޭނާއަށް ދެއްކޭ ވާހަކައަކުން ކިޔަވައިދޭން ތިބޭ މީހުންނަށް އެނގެން ނުޖެހޭ ކަމެއް އެނގިދާނެއެވެ. އޭނާއާއި ޔޫކްގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތް އެހެން ބަޔަކަށް އެނގޭކަށް ހޫރައިން ނޭދެއެވެ. ހިމޭންކަމުގައި އެހެން ދުވަސްދުވަސް ފަދައިން ދަރިފުޅު ގޮވައިގެން އޭނާ ގެއަށް އައީއެވެ. އެކަމަކު މިއަދު އޭނާއަށް ކަމެއްވެއްޖެކަން ޔޫކް ފާހަގަކުރިއެވެ. ހޫރައިން ބަލިވީތޯ އެކުއްޖާ ސުވާލުކޮށް ހެދިއެވެ.

ނިދަން އޮށޯވެފައި ހޫރައިން ވާހަކަދެއްކިއެވެ. ފޮރުވާފައި އޮތް ކާޑު ފެނުނުކަން ހާމަކުރިއެވެ. ފުރަތަމަ ޔޫކް ހިމޭންވީއެވެ. ކީއްވެތޯ މަންމައަށް ދައްކަން ބޭނުންނުވީ ހޫރައިން ސުވާލުކުރިއެވެ.

"އާންޓީ ބުނީ ހުރިހާ ކުދީންގެ ބައްޕައަށް ކާޑެއް ހަދަން. ޔޫކްގެ ބައްޕަ އެކަނި ޔޫކް ކައިރިއަށް ނާންނަނީ. މާމަ އެހެންދުވަހެއްގަ ބުނީނު މަންމަ ދެރަވާނޭ ޔޫކް ބައްޕަގެ ވާހަކަދައްކަންޏާ. އާންޓީ ބުނީ ގެއަށްދާންވާއިރަށް ވޯކް ނިންމަންވާނެއޯ. ޔޫކް ބައްޕައަށް ލިޔާނީ ކީކޭކަން ނޭނގުން. އެހެންވެ އާންޓީ ބުނިގޮތަށް ލިޔުނީ..."

ކަންތައްވީގޮތް ޔޫކް ކިޔާދިނުމުން ހޫރައިންއަށް އޮޅުންފިލިއެވެ. ކާޑުގައި ލިޔެފައި އޮތް އެއްޗަކީ މާބޮޑު މާނައެއް އޮވެގެން ޔޫކް ލިޔެފައި އޮތް ބަސްކޮޅެއް ނޫނެވެ. ޔޫކް ދެރަވީ އޭނާގެ ބައްޕަ ނުފެންނާތީ އެކަން ކުލާހުގެ ބައެއް ކުދީން ފާހަގަކުރީމައެވެ. ޔޫކްގެ ބައްޕަ ކޮބާތޯ އާއި ކޮންމަސައްކަތެއްތޯ ކުރަނީ އެކުދީން ސުވާލުކުރީއެވެ. އެކަހަލަ އެއްވެސް ސުވާލަކަށް ޔޫކްއަށް ޖަވާބު ދޭން ނޭނގުނީއެވެ. ބައްޕައާއެކު އެހެން ކުދީން ކުރާ ކަންތައްތައް ފާހަގަކޮށް އެކިއެކި މެސެޖު ލިޔުނުއިރު ޔޫކް ލިޔަން ބޭނުންވީ ބައްޕަ ޔޫކްއާ ބައްދަލުކޮށްލަން އައުމަށެވެ. އެކަމަކު އޭރުން އެހެން ކުދީން ޔޫކްގެ ބައްޕައެއްނެތޭ ކިޔާ މަލާމާތްކޮށްފާނޭތީ އެހެން ލިޔަން ނުކެރުނީއެވެ. ހޫރައިންގެ ބޮލަށް ބަރުވިއެވެ. އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކު އެވަރަށް ވިސްނަފާނޭ ހިތަށް އަރާނީ ކާކުހެއްޔެވެ.

* * * * *

ހުކުރު ދުވަހުގެ މެންދުރެވެ. ހުކުރުން ފައިބައިގެން ސައިކަލުގައި ޒެހެން މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. އޭނާގެ ސައިކަލުގެ ދުވެލި މަޑުކޮށްލީ ގަދަ ނޫކުލައިގެ ދޮރޯށި ކައިރިއަށް ނުކުމެ ތިބި މޫނުބުރުގާ އަޅާފައި ހުރި އަންހެނަކާއި ކުޑަ ފިރިހެން ކުއްޖާ ފެނިގެންނެވެ. އޭނާ އެ މަގުން އެވަރަށް ދުއްވާއިރު ވެސް އެ ގޭ ދޮށުން އެހެންޏާ ނުފެންނަ ބައެކެވެ.

"ޔޫކް..." ޒެހެންއަށް ބުނެލެވުނެވެ. ވަގުތުން ޒެހެންއަށް ހިނިތުންވެވުނެވެ. ނަމަވެސް ކައިރިއަށް ދާކަށް ނުކެރުނެވެ.

ސައިކަލު ވަކިހިސާބަކަށް މަޑުކޮށްފައި ފަސްއެނބުރި އޭނާ ބަލަން ހުއްޓެވެ. ޔޫކް ފެނުމުން މޫނުބުރުގާ އަޅާފައި ދެން އެހުރީ ހޫރައިންކަން ޒެހެންއަށް ޔަގީންވިއެވެ. ދޮރޯށި ކައިރީ ޖީއެން ސައިކަލެއްގައި އިން ޒުވާނާ ޒެހެންއަށް ފާހަގަވިއެވެ. ޔޫކް އުފުލާލަމުން އެ ޒުވާނާގެ ސައިކަލަށް އަރުވައިފިއެވެ. އަދި ހޫރައިންގެ އަތަށް އެ ޒުވާނާ ދިއްކޮށްލި ބެލްޓް ނެގިއެވެ. އޭނާގެ އުނަގަނޑުމަތިން ޔޫކްއާއެކު ސޭފްޓީ ބެލްޓް އަޅުވާލިއެވެ. ކޮންމެވެސް އެއްޗެއް އޭނާ ބުނުމުން ހޫރައިން ބޯޖަހާލިކަން ޒެހެންއަށް ފާހަގަވިއެވެ. އެ ޒުވާނާ ސައިކަލު ދުއްވާލުމުން ބަލަން ހުރެފައި ހޫރައިންވަނީ ދޮރޯށިން އެތެރެއަށެވެ. ޒެހެންއަށް ފެނުނު މަންޒަރުން ބުމަ ހިއްލާލެވުނެވެ.

"މިހާ ކައިރީގަތަ ހޫރް އުޅެނީ. ކިހިނެއް ދޯ އެނގޭނީ... އެ ދިޔައީ ޔޫކްގެ ބައްޕަ ކަންނޭނގެ. އެކަމް... ޔޫކްއާ ވައްތަރެއްނޫން. އަނެއްކާ... އޯ ނޯ... އެއީތަ ހޫރް ނޫނެކޭ އަހަންނަށް ބުނާ ރީޒަންއަކީ. ފިރިއަކުނެތްކަން އެނގެނީ. ލޯބިވެރިޔަކު ނުހުރެކޭ ނުބުނޭ. އެކަހަލަ އެއްވެސް އެއްޗެއް ނުބުނޭ... ހުރިހާ ގޮތަކަށް ނިންމީ އަހަރެން." ޒެހެންގެ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. (ނުނިމޭ)