ރާއްޖެ ކުޅިވަރު

ސުޒުކީ ކަޕަށް ތައްޔާރުވާން އަފްގާނިސްތާން ގަތަރަށް

އަންނަ ހަފުތާގައި އިންޑިޔާގައި ފަށާ ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން އަފްގާނިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމު ގަތަރަށް ހިނގައްޖެ އެވެ.

މިއީ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ފެސިލިޓީސްއާއެކު ފަރިތަކުރަން ބޭރު ގައުމަށްދިޔަ ފުރަތަމަ ފަހަރެވެ.

އިންޑިޔާގައި ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް ބާއްވާ މުބާރާތުގައި ވާދަކުރަން އަފްގާނިސްތާން އިންޑިޔާ އަށް ދާނީ ގަތަރުގައި 10 ދުވަހު ކޭމްޕް ކޮށްފަ އެވެ.

އެކި ގައުމުތަކުގެ ލީގުތަކުގައި ކުޅޭ އަފްގާނިސްތާނުގެ މުހިންމު ހުރިހާ ކުޅުންތެރިން މި ކޭމްޕް ގައި ބައިވެރިވެ އެވެ.

މުބާރާތުގައި އަފްގާނިސްތާން ހިމެނެނީ ބަނގްލަދޭޝް އާއި ބޫޓާނާއި ރާއްޖެއާ އެކު ގްރޫޕް ބީގަ އެވެ. އިންޑިޔާ އާއި ސްރީލަންކާ އަދި ނޭޕާލް ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ތިން ޓީމު ހިމެނެނީ ޕާކިސްތާން މުބާރާތުގައި ވާދަނުކުރާތީ އެވެ.