މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓަށް އަލުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެެވެ.
ޕާކިން ސްލޮޓް ތަކަށް މީގެކުރިން ހުޅުވާލުމުން ކުރިމަތިލީ މީހުންގެ މެދުގައި މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ވަނީ ގުރުއަތުލައި ސްލޮޓް ލިބޭ މީހުން ކަނޑައަޅާފަ އެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ސްލޮޓް ހޯދުމަށް ކުރިމަތިލައިގެން ސްލޮޓެއް ނުލިބުނު ބައެއް މީހުން ވަނީ އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފަ އެވެ.
މައްސަލަތައް ފެންމަތިވުމުން މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލީ މީހުން ފާހަގަކުރި މައްސަލަތައް އިސްލާހު ކުރުމަށްފަހު މާދަމާ ރޭ އަލުން ގުރުއަތު ލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕާކިން ސްލޮޓްތަކަށް ކުރިމަތި ލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީގޮތުން އޮޅުންތަކެއް އަރާފައިވާކަން ފާހަގަކޮށް ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް އަލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށް އޭސީސީން އަންގާފައިވާ ކަމަށެވެ.
"ޕާކިން ސްލޮޓަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާންތައް ބާތިލްކޮށް އަލުން ޕާކިން ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގާ އިއުލާން ކުރީމެވެ." އިއުލާންގައިވެ އެވެ.
ޕާކިން ސްލޮޓްތަކަށް އަލުން ކުރިމަތިލުމަށް އިއުލާން ކުރާނެ ވަކި ދުވަހެއް މާލެ ސިޓީ ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވެ އެވެ.
ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހެ އެވެ.