އެމްއެންޑީއެފް

މީހުނެއް ނުފެނޭ، ސާމާނުތަކެއް ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ ދޯނިން އޮޔާ ދިޔަ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިއްޖެ އެވެ. ދޯނިން ދަތުރު ކުރި ތިން މީހުން އަދިވެސް ނުފެނެ އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައި ވަނީ ފ. އަތޮޅުގެ އުތުރުން އެއް މޭލު ބޭރުން ކަމަށެވެ. ކޯސްޓް ގާޑަށް ފެނިފައި ވަނީ މަސް ފިނިކޮށް ރައްކާ ކުރާ ފޮށިތަކެކެވެ.

ފ. ފީއަލީ ކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯނި ވ. ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑިއެފްއަށް ލިބުނީ ރޭ 11:22 ގަ އެވެ. އެ ދޯނި ދަތުރު ކުރީ ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނި ފަހަރުން ފާނަ ގަނެގެން މާލެއަށެވެ.

އެ ދޯންޏާއި މީހުން ހޯދަން ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.