ރާއްޖޭގައި ކުރިއަށް އޮތް ތިން ހަފުތާ އަކީ ކޮވިޑް-19 އިގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލަންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ އާ ވޭރިއެންޓެއް ފެނިފައިވާތީ، އެކަމުގެ ނުރައްކާ ކުރިއަށް އޮތް ތިން ހަފުތާ ރާއްޖެއަށް ކުރާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށާއި ސިއްހީ މާހިރުން ދެއްވާ ލަފައާއި އިރުޝާދު ތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯންގެ ކޭސްތައް ރާއްޖެއިން ވެސް އަންނަނީ ފެންނަމުންނެވެ. އެކަމަކު އެ ކޭސްތައް ނިސްބަތުން އަދި ވަރަށް މަދެވެ. އަދި މިއަހަރުގެ ތެރޭގައި ކޮވިޑްގެ ނުރައްކާ ފިލުވާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުން އެންމެ ރަގަޅަށް ކޮވިޑް މެނޭޖްކޮށްފައި ވަނީ ވެސް ރާއްޖެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެކަމުގެ ރާއްޖޭގެ އިގްތިސޯދީ ދުވެލި މިހާރު ބާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވިޔަފާރިތައް ބަންދުކޮށް އަދި އަޅަންޖެހުނު އެހެން ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންކަމުން އަނެއްކާ ވެސް ވިޔަފާރިތައް ބަންދުކޮށްގެން އެ މައްސަލަތަކާ ކުރިމަތިލާން ބޭނުންނުވާ ކަމަށާއި، އަބަދުވެސް ބޭނުންވަނީ ގައުމު އާންމު ހާލަތުގައި ބޭއްވުމަށް ކަމަށެވެ.
"އެހެންކަމުން ހުރިހާ ބޭފުޅުންވެސް ގައިޑްލައިންތަކާ އެއްގޮތަށް މާސްކް އަޅައިގެން ބޭރަށް ނިކުނަންވާނީ. ސަލާމަތީ ފިޔަވަޅުތައް އަޅައިގެން އުޅުއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ވޭތުވެދިޔަ ހައެއްކަ މަސްތެރޭގައި ކޮވިޑްގެ ހާލަތު އޮތީ ކޮންޓްރޯލް ކުރެވިފަ އެވެ. އެކަމަކު އިއްޔެ ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.