މި ސީޒަނުގައި އަޑިއަޅާލާފައިވާ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ މަގާމާމެދު ގޮތެއް ނިންމުމަށް ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް އެމެޖެންސީ މީޓިންއެއް މިއަދު ބާއްވަން ނިންމައިފި އެވެ.
އަބްރޮމޮވިޗާއެކު ޖުމުލަ ފަސް މެމްބަރުން ހިމެނޭ ޗެލްސީގެ ބޯޑު މީޓިންގައި މަޝްވަރާކުރާނީ އިނގިރޭސި ލީގުގެ 16 ވަނާގައި އޮތް ޓީމުގެ ކޯޗާގެ ކުރިމަގާމެދުގަ އެވެ.
އިނގިރޭސި މީޑިޔާއިން ބުނާގޮތުގައި މޮރީނިއޯ މަގާމުން ވަކިކުރާނަމަ ބަދަލެއްގެ ގޮތުން އޭނާ އަށް މަދުވެގެން 40 މިލިއަން ޕައުންޑް ދޭންޖެހޭނެ އެވެ. އެއީ ޗެލްސީއާއެކު ހުސްވި ސީޒަނަށް ފަހު އޭނާ ހެދި ހަތަރު އަހަރުގެ ކޮންޓްރެކްޓަށްވާ ފައިސާ އެވެ. މި ކޮންޓްރެކްޓް ބުނާގޮތުން މުސާރައިގެ ގޮތުގައި ހަފުތާއަކު މޮރީނިއޯ އަށް 250000 ޕައުންޑް ދޭންޖެހޭނެ އެވެ.
މޮރީނިއޯގެ ކުރިމަގު ސުވާލުމާކެއްގެ ތެރެއަށް ދިޔައީ އިއްޔެރޭ ލެސްޓާ ސިޓީ އަތުން ބަލިވެ ޓޭބަލުގެ 16 ވަނަ އަށް ވެއްޓުމުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމު މި ސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެ ލިބިފައިވަނީ އެންމެ 15 ޕޮއިންޓެވެ. މިހެންވެ ގަދަ ހަތަރަކަށް އެރުމަކީ ވެސް ނުވާނެ ކަމެއް ކަމަށް މޮރީނިއޯ ބުނެ އެވެ. ނަމަވެސް ގަދަ ހަޔަކަށް އަރަން އޭނާ އުއްމީދު ކުރެ އެވެ.
މީގެ ތިން އަހަރު ކުރިން ދެ ވަނަ ފަހަރަށް މޮރީނިއޯ ޗެލްސީއާ ހަވާލުވީ 2007 ވަނަ އަހަރު ވެސް އެކުލަބުން އޭނާ މަގާމުން ވަކިކޮށްފައިވަނިކޮށެވެ. ކުލަބުގެ އެންމެ ކާމިޔާބު ކޯޗު ދެ ވަނަ ފަހަރަށް ޗެލްސީ އަށް ގެނައީ ބޯޑުގެ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ތާއީދު ކުރުމުންނެވެ. ނަމަވެސް މިއަދު ބާއްވާ މީޓީންގައި މޮރީނިއޯ އަށް އިތުބާރު ނުލިބޭނެ ކަމަށް މީޑިޔާތަކުން ލަފާކުރެ އެވެ.
ނަމަވެސް ޗެލްސީ އަށް ދިމާވެފައިވާ މައްސަލަތަކުގެ ޒިންމާ ކުޅުންތެރިން ވެސް ނަގަންޖެހޭ ކަމަށް އެ ކުޅުންތެރިން ދަނީ ބުނަމުންނެވެ. އެންމެ ފަހުން މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކީ ސެސް ފެބްރިގާސް އެވެ. އޭނާ ބުނީ ކުޅުންތެރިންނަށް ކުލަބުން ދޭ މުސާރަ ހައްގުވާވަރަށް ކުޅުންތެރިންނަށް ނުކުޅެވޭ ކަމަށެވެ. އަދި މެޗުތަކުން ބަލިވަމުންދާއިރު ވެސް ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ކަންތައްތައް ފެންނަންޖެހޭނެ ކަމަށާއި ނަމަވެސް މަދު ކުޅުންތެރިއަކު މެނުވީ ކުލަބަށް ހެޔޮހިތުން މަސައްކަތް ނުކުރާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
އަނެއްކޮޅުން މޮރީނިއޯ ވަނީ މަގާމުގައި ދެމިހުންނަން ބޭނުންވާކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އޭނާ ބުނީ ކުލަބުގެ އެންމެ ކާމިޔާބު ކޯޗު މަގާމުން ވަކިކުރުމަކީ އޮންނަ ކަމެއްނޫން ކަމަށެވެ. އޭނާގެ މި ވާހަކަ އަށް ދުނިޔޭގެ މޮޅު ކޯޗުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.