ފޭރުން

އިންޑިއާ އެއާޕޯޓުތަކުން ފުރާ ފަސިންޖަރުން އަތުން ފޭރޭ މީހެއް!

އިންޑީޔާގެ އުއްތަރު ޕްރަދޭޝްގެ މީހަކު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް އެކި ފަހަރު މަތިން ވަދެ 100 އަށް ވުރެ ގިނަ މީހުން އަތުން މަކަރު ހަދައިގެން ފައިސާ ފޭރިއްޖެ އެވެ. ފާއިތުވީ ފަސް އަހަރު މި މީހާ މިކަން ކުރަމުން ދިޔަ އެވެ. އެންމެ ފަހުން މިދިޔަ ހަފުތާގައި އޭނާ ހައްޔަރު ކުރިއިރު 100 އަށް ވުރެ ގިނަ މީހުންނަށް އޮޅުވާލައި މަކަރު ހަދައި އެމީހުން އަތުން ގިނަ އަދަދެއްގެ ފައިސާ މި މީހާ ވަނީ އަތުލާފަ އެވެ.

މި މީހާ އެއާޕޯޓު ތެރޭ އުޅެނީ އިންޑިޔާގެ މަޝްހޫރު ޔުނިވަސިޓީއެއްގައި ކިޔަވާ ދަރިވަރަކަށް ހެދިގެނެވެ. ކޮންމެ މީހެއް ކައިރީ ވެސް އޭނާ ޖައްސަނީ އެއް ސްޓޯރީ އެކެވެ. އެންމެން ކައިރީ ވެސް ބުނަނީ ފްލައިޓް މިސް ވެގެން ހަދާނެ ގޮތެއް ނެތިގެން އަލުން ޓިކެޓެއް ގަންނަން ފައިސާ ހަމަ ނުވެގެން އުޅޭ ކަމަށެވެ.

މޮޑެލާ ވެންކާޓާ ދިނޭޝް ކުމާރު މިގޮތަށް ދޮގާއި މަކަރު ހަދައިގެން ފަސިންޖަރުން އަތުން ފޭރޭތާ އެތައް އަހަރެއް ފަހުން މިކަން ފަޅާއެރީ މައުލާނާ އާޒާދު މެޑިކަލް ކޮލެޖަސް ޕީޖީ ފިރިހެނުންގެ ހޮސްޓެލުގައި ހުންނަ މީހެއްގެ އަތުން މިގޮތަށް ފައިސާ އަތުލާފައި ދިނޭޝް ފިލުމުން އޭނާ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން އެކަން ތަހުގީގު ކުރަން ފެށުމުންނެވެ.

މި މީހާ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ދިއްލީ އެއާޕޯޓަށް ގޮސް ހުރީ ބަރޯޑާ އަށް ފުރުމަށެވެ. އެއާޕޯޓުގައި އޭނާ ހުއްޓާ ދިނޭޝް އައިސް ޔުނިވަސިޓީއެއްގެ އައިޑީ ކާޑެއް ދައްކަފައި އޭނާއަކީ އެ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެއް ކަމަށާއި ފުރަން އެއާޕޯޓަށް އައިއިރު ލަސް ވެގެން ނުފުރިފައި ހުރި ކަމަށް ބުންޏެވެ. އަދި އަލުން ޓިކެޓެއް ގަންނަން 15،000 ރުޕީސް ބޭނުންވާ ކަމަށާއި އޭނާގެ އަތުގައި އޮތީ އެންމެ 6،500 ރުޕީސް ކަމަށް ދިނޭޝް ބުނި ކަމަށް ފުލުހުންނަށް ހުށަހެޅި ޝަކުވާގައި އެމީހާ ބުނެފައި ވެއެވެ.

އެންމެ ފަހުން އެމީހާ ދިނޭޝް އަށް ބޭނުން ޖެހިފައިވާ ކަމަށް ބުނި 9،000 އަށް ވުރެ ގިނަ ރުޕީސް އޭނާގެ އެކައުންޓަށް ގޫގްލް ޕޭ މެދުވެރިކޮށް ޓްރާންސްފާ ކޮށްދިނީ އެވެ. ރަށަށް ގޮސްފައި އެމީހާގެ އެކައުންޓަށް ފައިސާ އަނބުރާ ޖަމާ ކޮށްދޭނެ ކަމަށް ދިނޭޝް ވައުދުވީ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް އޭގެ ފަހުން ދިނޭޝްގެ އެއްވެސް ޚަބަރެއް ނުވެގެން އެތައް ދުވަހެއް ފާއިތުވުމުން އެމީހާ ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.

ފުލުހުން އެއާޕޯޓުގެ ސީސީޓީވީ ކެމެރާތަކުން ޗެކް ކުރިއިރު ޑިސެމްބަރު 30 ގައި ވެސް އެ މީހާ އެއާޕޯޓު ތެރޭގައި އެނބުރޭތަން ފެނުނެވެ. އަދި އެހެން ފަސިންޖަރެއް އަތުން ދޮގު ހަދައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ މަންޒަރު ވެސް ފެނުނެވެ.

ފުލުހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި މި މީހާ އެތައް އެއާޕޯޓަކަށް ގޮސް 100 އަށް ވުރެ ގިނަ ފަސިންޖަރުން އަތުން މިގޮތަށް ފައިސާ ފޭރިފައި ވެއެވެ. ކޮންމެ ފަހަރަކުވެސް އޭނާ ތައާރަފްވަނީ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެކޭ ކިޔާފަ އެވެ. އަދި އާދެވުނުލެއް ލަސްވެގެން ފްލައިޓް ކަޓައިގެން ހާލުގައި ޖެހުނު ވާހަކަ އެވެ. ދިއްލީ ފުލުހުން މި މީހާ އަތުލައިގަތްއިރު ވެސް އުޅެނީ މީހުން އަތުން ފޭރުމުގެ މަސައްކަތުގަ އެވެ.