މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް ރަށްރަށުގައި އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މާލޭގެ އާބާދީ ބޮޑު ބޯހިޔާވަހިކަމުގެ މައްސަލަ އިޖްތިމާއީ އެންމެ ބޮޑު މައްސަލައަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކުރަން ޖެހޭ ކަަމަށެވެ. އެކަމަށްޓަކައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްގީ އަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެ އެ ކަމުގެ ތަފްސީލުވެސް ރައީސް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.