ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރައާތުތަކާ ބެހޭ ގަވައިދު ގެޒެޓްކޮށް އަމަލުކުރަން ފަށައިފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިގަވައިދުގެ މަގުސަދަކީ ހަނގުރާމައިގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންނާއި ކުޑަކުދިންނާ މެދު އަމަލުކުރާނެ އިޖުރާއަތްތައް ބަޔާންކުރުމާއި އެފަދަ މީހުން ބަންދުކުރާ އިދާރީ މަރުކަޒުތަކުގެ ބާވަތްތަކާއި ހިދުމަތްތައް ބަޔާންކުރުމެވެ. މީގެއިތުރުން ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގާއި އާއިލާއާ ބައްދަލުކުރުމުގެ ހައްގު ލިބޭނެ ގޮތް ބަޔާންކުރުމެވެ.
ގަވައިދުގައިވާ ގޮތުން ހަނގުރާމައިގެ ތުހުމަތު އޮތް މީހުން ބަންދުކުރެވޭނީ ކަމާ ގުޅޭ މިނިސްޓަރު ނެރޭ އަމުރެއްގެ ދަށުން އެކަމާ ގުޅޭ މަރުކަޒުގަ އެވެ. އެފަދަ މަރުކަޒެއްގައި 15 އަހަރުން ދަށުގެ ކުޑަކުދިން ބަންދުކުރުމުގެ ބާރުވެސް ދީފައިވެ އެވެ.
މިނިސްޓަރު ނެރޭ އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފިނަމަ ބަންދުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރަންޖެހެ އެވެ. އަދި އެ މީހާ އަށް ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމު ހިންގުމަށްޓަކައި ބަންދުގައި އިތުރަށް ބަހައްޓަންޖެހޭނަމަ ބަންދުގެ މުއްދަތު އިތުރުކުރަން ވާނީ ސްޕީރިއާ ކޯޓަކަށް ހުށަހަޅައިގެން ކަމަށް ގަވައިދުގެ ވެއެވެ.
މަރުކަޒުތަކުގައި މީހުން ހައްޔަރުކުރަންޖެހެނީ ދެ ޖިންސަށް ވަކިން ހާއްސަކޮށްފައިވާ މަރުކަޒުތަކުގަ އެވެ. އަދި ކުޑަކުދިން ބަންދުކުރަންޖެހެނީ އެކުދިންނަށް ހާއްސަކޮށްގެން ހަދާ މަރުކަޒެއްގަ އެެވެ. ނަމަވެސް ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް ބެލެނިވެރިޔާއާ އެކުގައި އެފަދަ މަރުކަޒެއްގައި ކުއްޖާ ބަންދުކުރުމަށް ގަވައިދު ހުރަހެއް ނާޅަ އެވެ. ކުޑަކުދިންގެ މަރުކަޒުގެ ކަންކަން ބަލަން ތިބޭނީ ކުޑަކުދިން ބެލެހެއްޓުމުގެ ހާއްސަ ތަމްރީން ލިބިފައިވާ މީހުންނެވެ. އަދި އަންހެނުންގެ މަރުކަޒު ބަލަހައްޓަން ތިބެންވާނީ އަންހެނުން ކަމަށްވެސް ގަވައިދުގައިވެ އެވެ.
ގަވައިދުގައި ބުނެފައިވަނީ މަރުކަޒުގައި ތިބޭ ކުދިން މައިންބަފައިންނާ ވަކިކުރެވޭނީ ކަމާގުޅޭ މިނިސްޓްރީން ހަދާ އެސެސްމަންޓަކަށްފަހު އެކަން ކުރަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ ކަމަށެވެ.
ކުއްޖާ މައިންބަފައިންނާ ވަކިކުރެވިދާނެ ސަބަބުތައް
- ކުއްޖާ އެ ކުއްޖާގެ މައިންބަފައިންގެ ގާތުގައި ހުރުމުގެ ސަބަބުން އެ ކުއްޖާ ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތުން ނުވަތަ އެ ކުއްޖާގައި ހުރި އެފަދަ ފިކުރެއް އާލާވެ އަށެގަތުމުގެ ފުރުސަތު އޮތުން
- ކުއްޖާގެ މައިންބަފައިންގައި ހުރި ނަފްސާނީ ހާލަތެއްގެ ސަބަބުން ކުއްޖާ އަށް ދޭންޖެހޭ އަޅައިލުމާ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ދެވެން ނެތުން
- މައިންބަފައިންގެ އިހުމާލުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ގެއްލުންވެފައިވުން
- ކުއްޖާގެ މައިންބަފައިންގެ ފަރާތުން އެކްސްޕްލޮއިޓޭޝަންގެ އަމަލެއްގެ ސަބަބުން ޝިކާރައަކަށް ކުއްޖާ ވެފައިވުން ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮތުން
- އެ ނޫންވެސް އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމުގައި ބެލުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ހާލަތެއްގައި ކުއްޖާވުން
މަރުކަޒުގައި ބަންދުކުރާ މީހުން އަނބުރާ މުޖުތަމައަށް ދޫކުރެވެނީ އެ މީހުންގެ ރިހިބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަކުުރުމުން ކަމާ ގުޅޭ އެސެސްމަންޓެއް ހެދުމަށްފަހު އެވެ. އެ އެސެސްމަންޓްގައި އެމީހާ އަނބުރާ މުޖުތަމައަށް ދޫކުރެވޭ ވަރަށް އެ މީހާ ތައްޔާރުވެފައި ނުވާނަމަ އަލުން ރިހިބިލިޓޭޝަން ޕްރޮގްރާމު ކުރިއަށް ގެންދަން ލާޒިމުކޮށްފައިވެ އެވެ.
ގަވައިދުގައިވާ ގޮތުން ބަންދުގައި ތިބޭ މީހުންނަށް ކޮންމެ ހަތް ދުވަހަކު އާއިލީ ބައްދަލުވުމާއި ފޯން ކޯލު ހަމަޖައްސައިދޭން ޖެހެ އެވެ. އަދި އާންމު މީހެކޭ އެއްގޮތަށް ކެއިންބުއިމުގެ ހިދުމަތާއި ސިއްހީ ހިދުމަތް ވެސް ހަމަޖައްސައިދޭންޖެހެ އެވެ.