ހަނގުރާމަތަކުން އަންނަ މީހުންގެެ ދަރިން އިދާރީ މަރުކަޒުތަކުގައި ބަންދުކުރުމަށް ފަހު 20 ދުވަސްތެރޭގައި އެ ކުދިންގެ އެސެސްމަންޓް ހަދަން ޖެހޭ ގޮތަށް "އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާތްތަކާ ބެހޭ ގަވައިދު" އިސްލާހުކޮށް އެ ގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުގައި އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ރިސްކު އެސެސްމަންޓް، އެ ކުދިން އިދާރީ ބަންދުގެ މަރުކަޒަށް ގެނެވޭތާ ގިނަވެގެން 20 ދުވަސް ތެރޭގައި ހަދަން ޖެހޭނެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ރީ -އިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގަން ކަނޑައަޅާފައި ވެއެވެ. އަދި ބަންދުކުރާ ކުއްޖާއާ ގުޅޭ ގޮތުން ހަދާ އެސެސްމަންޓްގައި އެ ކުއްޖާ އެފަދަ ޕްރޮގްރާަމްތައް ފުރިހަމަކުރަން ޖެހޭ ކަމަށް ކަނޑައަޅައިފި ނަމަ އެ ޕްރޮގްރާމް ފުރިހަމަވަންދެން އެ ކުއްޖަކު ބަންދުގައި ބަހައްޓަން ޖެހޭނެ އެވެ.
ނަމަވެސް އުމުރުން ތިން އަހަރު ނުފުރޭ ކުދިން ރިސްކު އެސެސްމަންޓް ހަދާކަށް ނުޖެހޭނެ އެވެ.
"އެފަދަ [ތިން އަހަރު ނުވާ] ކުދިން ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ޢާއިލާގެ މެންބަރަކާ ހަވާލުކުރެވިދާނެއެވެ. ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހާލަތެއްވާނަމަ، ދައުލަތުގެ
ބެލުމުގެ ދަށަށް ގެންދެވިދާނެއެވެ." ހަނގުރާމަވެރިންނާ ގުޅޭ ގަވައިދުގައި ބުނެފައި ވެއެވެ.
އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ހަނގުރާމަވެރިއެއްގެ މައްސަލަ ހުށަހަޅަން ޖެހޭނީ ކްރިމިނަލް ކޯޓަށެވެ. އަަދި ހަނގުރާމަވެރި ސަރަޙައްދަކަށް ގޮސް އަންނަ މީހުންނަކީ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަން ޖެހޭނެ އެވެ.
ހަނގުރާމަވެރިންގެ މައްޗަށް ހިންގާ ހާއްސަ އިޖުރާތްތަކާ ބެހޭ ގަވައިދަށް އިސްލާހު ގެނައި އިރު ހަނގުރާމައެއްގައި ބައިވެރިވެ ހާލުގައި ޖެހުނު އާއިލާއެއް މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ އާއިލާގައި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ހިމެނޭ އިރު އެ މީހުން މިހާރު ތިބީ އިދާރީ ބަންދުގެ މަރުކަޒެއްގަ އެވެ.
އެ އަންހެން މީހާ ހަނގުރާމައަށް މީގެ ނުވަ އަހަރު ކުރިން ފިލައިގެން ދިޔައީ ދެ ދަރިން ގޮވައިގެންނެވެ. އެކަމަކު އިތުރު ދެ ކުދިން އެ ގައުމުގައި ހުއްޓައި ލިބިފައިވެ އެވެ. ކޯޓުގައި އޭނާ ބުނެފައި ވަނީ އެއީ ހަލާލު ގޮތުގައި ހޯދާފައިވާ ކުދިން ކަމަށެވެ. އެ ކުދިންގެ ޑީއެންއޭ ވެސް މިހާރު ވަނީ ހަދައިފަ އެވެ.
މީގެ ކުރިން ހަނގުރާމައަށް ދިޔަ މީހުން ރާއްޖެ އައިސް ޖިނާއި އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި އަދި އެއްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިނުވެ މުޖުތަމައުއަށް ދޫވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މި މައްސަލަތައް ނިމުމަކަށް ގެނައުމަށްޓައި އެފަދަ ހާލަތުގައި ރާއްޖެ ގެންނަ އަންހެނުންނާއި ކުޑަކުދިންނަށް ދީނީ އިޖުތިމާއި އަދި ނަފްސާނީ ފަރުވާ ދެވޭނެ ގޮތަށް ގާނޫނާއި ގަވައިދުތަކާއ އިސްލާހުކޮށް އެފަދަ ފަރާތްތައް ރިހިބިލިޓޭޓް ކުރުމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.