ބޭންކް އޮފް މޯލްޑިވްސް

ބައިލައްކަ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިސްލާމިކް އިން

Jan 5, 2022

އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.

ޕްރޮމޯޝަން ކުރިއަށް ދަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މި މަހުގެ 31 ދުވަހުގެ ނިޔަލަށެވެ.

ބޭކުން ބުނީ އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނަކަށް ވެސް އެ ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ.

ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބެ އެވެ. ޕްރޮމޯޝަން ނިމުމާއެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބެ އެވެ.

ބީއެމްއެލް އިސްލާމިކް އިން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް އިސްލާމިކް ޕާސަނަލް
ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް ޕާސަނަލް ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ އެވެ.