އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ އެއްވުމުން 11 މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 11 މީހަކު ހައްޔަރު ކޮށްފި އެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ރަސްމީ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ދިޔަ ހަރަކާތުގައި ބައިވެރިވި އެ ދެ ޕާޓީގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފައެވެ.

މި ހަރަކާތުގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ހިމެނެއެވެ.

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މިއަދު ފ. ނިލަންދޫގައިވެސް ކުރިއަށް ގެންދިޔައެވެ. އެ ހަރަކާތުގައި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ ދެ ޕާޓީގެ އިސް ބޭފުޅުންނާއެކު ނިލަންދޫއަށް ވަޑައިގެންވެސް އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތް ކުރިއަށަ ގެންގޮސްފައިވެއެވެ.