އެމްޑީޕީ

"ރައްޔިތުންގެ އިއްތިހާދު"އަށް ފިޔަވަޅު އަޅައިދީ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ދޮގު ޚަބަރު ފެތުރާ އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދު"ން ވާގިވެރިވަމުންދާ ކަމަށާ އެ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވައިލައިފި އެވެ.

ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް ވަނީ މައްސަލަ ހުށައަޅާފައެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޖިލީސް އިދާރާއިން ނެރުނު ބަޔާނެއް މެދުވެރިކުރައްވާ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ދޮގު ޚަބަރު ފެތުރާ އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދު"ން ވާގިވެރިވަމުންދާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް އެ ހަރަކާތުން މަސައްކަތް ކުރަމުންދާކަމީ ހާއްސަ ކަންބޮޑުވެއް ކަމަށެވެ.

"ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމުގައި ސިފަކޮށް އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުން މޭ، 6 2021 ގައި ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއިން މާތް الله ގެ ތަނަވަސް ރަހްމަތްފުޅުން ފުރާނަފުޅައިގެން އެ މަނިކުފާނު ކިރިޔާ ސަލާމަތްވީތާ އަދި އަހަރު ނުވާކަން ފާހަގަކުރަމެވެ،"

އެމްޑީޕީން ބުނީ އެ ހަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު އަދި ޓެރަރިސްޓް ހަމަލާތަކަށް ދިވެހި މުޖުތަމައު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ހިދުމަތްތަކުން ހާމަކުރަމުންދާ ހިނދު ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދާ އިންތިޒާމުވެ ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ.