އަލްޖީރިއާއިން ފްރާންސަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޭނާގެ ވާޖިބުތަކާ އަލުން ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރިޔާސީ ބަޔާނަކުން ގައުމަށް މިކަން ވަނީ އަންގާފަ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން ރައީސް އަބްދުލް މަޖީދު ތަބޫން މަގާމަށް އެނބުރި ވަޑައިގަތުމަށް ސަފީީރު މުހައްމަދު އަންތަރު ދާއޫދަށް ވަނީ ދަންނަވާފަ އެވެ.
އަލްޖީރިއާ ސަފީރު ގައުމަށް ގެނައީ މީގެ ތިންމަހެއްހާ ދުވަސް ކުރިން، މިިދިއަ އަހަރު އޮކްޓޯބަރުގަ އެވެ. މިކަން މިގޮތަށް މެދުވެެރިވީ ފްރާންގެ ރައީސް އިމަނުއެލް މެކްރޮން އަލްޖީރިއާއާ ބެހޭ ގޮތުން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްގެ ސަބަބުންނެވެ.
މެކްރޮން ވިދާޅުވި ގޮތުގައި ފްރާންސުން އަލްޖީރިއާ އިސްތިއުމާރު ކުރުމުގެ ކުރިން އެއީ އޮތް ދައުލަތެއް ނޫނެވެ. އޭނާ ސިފަ ކުރުވަން އުޅުއްވީ އަލްޖީރިއާގައި ދައުލަތެއްގެ ސިފަ ޖެހުނީ ފްރާންސްގެ އިސްތިއުމާރު ކުރުމުން ކަމަށެވެ.
މެކްރޮން އޮޅުންފިލުވައި ދެއްވަން އުޅުއްވީ ފްރާންސުން އަލްޖިރިއާ އިސްތިއުމާރު ކުރުމަކުން އެ ގައުމަށް ގެއްލުމެއް ވެފައި ނުވާ ކަމެވެ. އެއީ އޭގެ ކުރިން ވެސް ބަޔަކު ގެއްލުންދީ ހަލާކުކޮށްފައި އޮތް ތަނެއް ކަމެވެ.
އަލްޖީރިއާގެ ރައީސް އަބްދުލް މަޖީދު ތަބޫން ޖަރުމަނު މަޖައްލާއަކަށް އެއިރު ވިދާޅުވި ގޮތުގައި ފްރާންސްއާ ގުޅުން ރަނގަޅު ކުރަން އިސްނަގާ ގައުމަކަށް އަލްޖީރިއާ ނުވާނެ އެވެ.
އޭނާ ވިދާޅުވީ ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮން އަލްޖީރިއާ ބަދުނާމުކޮށް ވިޔާނުދާ ވާހަކަތަކެއް ދައްކަވާފައި ވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
އަބްދުލް މަޖީދު ވިދާޅުވި ގޮތުގައި މެކްރޮން ވަނީ ފަސްލެވި ގޮސްފައިވާ ހާދިސާއެއް ކޮނެގެން ނަންގަވައި އަލްޖީރިއާގެ ރައްޔިތުންގެ ޒަހަމްތައް އާ ކުރުވާފަ އެވެ. އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޅި ގައުމުގައި އޮތީ ނުތަނަވަސްކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދެގައުމުގެ ދެމެދުގައި އުދާސްބޮޑުވެ ގެއްލިފައި އޮތް މަސްލަހަތު އިއާދަކުރުމަށް ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯ އީވް ލެދުރިއަން އަލްޖީރިއާއަށް ޑިސެމްބަރު 10 ގައި ވަޑައިގެންނެވި އެވެ. އަދި ޑިޕްލޮމެޓިކް މަޝްވަރާތަކުން ހައްލެއް ހޯއްދެވުމަށް މަސައްކަތްކުރެއްވި އެވެ.