ދުނިޔެ

ދެކުނު ކޮރެއާ އެފް-35 ޖެޓްތަކުގައި މައްސަލަޖެހި ފައުޖު ހުއްޓުވައިފި

ދެކުނު ކޮރެއާގެ އެފް-35 ޖެޓްތަކުގައި މައްސަލަޖެހި މުޅި ފައުޖު ހުއްޓުވައިފި އެވެ. އަސްކަރީ އޮފިޝަލުން ވިދާޅުވި ގޮތުން ޖެޓުތަކުގެ ލޭންޑިން ގިއަރުގައި މައްސަލަ އުޅޭކަން ކުރިން ވެސް އޮތީ އެނގިފަ އެވެ.

ޖެޓްތައް އުފައްދާ އެމެރިކާގެ ލޮކޮހީޑް މާޓީން ވަކި އެއްޗެއް އަންގަންދެން ޖެޓުތައް ބޭނުން ނުކުރަން ދެކުނު ކޮރެއާއިން ވަނީ ނިންމާފަ އެވެ.

ލޭންޑިން ގިއަރު މައްސަލަ ބޮޑުވާން ދިމާވީ އެމެޖެންސީ ހާލަތުގައި ޖެޓެއް ޖެއްސުމުންނެވެ. އެ ހާލަތުގައި ޖެޓާއެކު ޕައިލެޓް ވެސް އަނދައިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އަސްކަރީ އަދި ދިފާއީ ގާބިލުކަން ދެކުނު ވަނީ ލިބިގެންފަ އެވެ. އަސްކަރިއްޔާގައި ކުރިން ބޭނުންކުރި ޖެޓްތައް ދޫކޮށްލައި ޒަމާނީ ޖެޓްތަކަށް ވަނީ ބަދަލުވެފަ އެވެ.

އުތުރު ކޮރެއާއިން ހަމަލާއެއް ދެކުނު ކޮރެއާއަށް އަރާފާނެ ކަމަށް ބިރުން މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދާ "ތާޑް" ޑިފެންސް ސިސްޓަމެއް ވެސް ދެކުރު ކޮރެއާގައި ވަނީ ބަހައްޓާފަ އެވެ.

ދެކުނުު ކޮރެއާގައި އަސްކަރީ ގާބިލުކަން ވަރުގަދަ ކުރުމަށް އެންމެ ބޮޑަށް އިތުބާރުކުރަނީ އެމެރިކާއަށެވެ. ދެގައުމުގެ ދެމެދުގައި 2014 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެފް-35 މަރުކާގެ އިތުރު 10 ޖެޓް އެ ގައުމަށް އަދި ލިބޭނެ އެވެ.