ލައިފްސްޓައިލް

މަސްތައް ކައްޓަށް ބަދަލުވާ ބައްޔެއްހުރި މީހެއް!

ބައެއް މީހުން އުޅޭ ހާލު ފެނުމުން ސަލާމަތެއް ސިއްހަތެއް ލިބިފައިވުމީ ހާދަ ބޮޑު ނިއުމަތެކޭ ހިތަށް އަރާނެ އެވެ. އެކި ކަހަލަ ބޮޑެތި ސިއްހީ މައްސަލަތައް ދިމާވެފައިވާ މީހުން ދިރިއުޅެމުންދާ ވޭނާއި ހިތްދަތިކަން އާދައިގެ އިންސާނަކަށް ޚިޔާލަށް ވެސް ނުގެނެވޭނެ އެވެ. އަދި އަޑުނާހާ ތަފާތު ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ވެސް ދުނިޔޭގައި ވަރަށް ގިނަ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅޭ އުމުރުން 29 އަހަރުގެ ޖޯ ސޫޗް އަކީ މިފަދަ މީހެކެވެ. އޭނާއަށް ޖެހިފައިވާ ބައްޔަކީ ދުނިޔޭން އިންތިހާއަށް މަދުން ފެންނަ ބައްޔެކެވެ. މި ބަލީގެ ސަބަބުން އޭނާގެ ގައިގެ މަސްތައް މަޑުމަޑުން ކައްޓަށް ދަނީ ބަދަލުވަމުންނެވެ.

އެންމެ ހިތްދަތި ކަމަކީ މި ބައްޔަށް އެއްވެސް މީހެއް މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައި ނެތުމެވެ.

ޖޯ އަށް ޖެހިފައި ވަނީ ފައިބްރޯޑިސްޕްލާސިއާ އޮސިފިކަންސް ޕްރޮގްރެސިވާ (އެފްއޯޕީ) ނުވަތަ "ސްޓޯން މޭން ސިންޑްރޯމް" އެވެ.
ޖޯ އުމުރުން ތިން އަހަރުގައި އޭނާގެ ހަށިގަނޑު ކުއްލިއަކަށް ވަރަށް ބޮޑަށް ދުޅަވި އެވެ. އެފަހަރު މާ ބޮޑުވަރު ނުވި ނަމަވެސް ދުވަސްކޮޅެއް ތެރޭ އޭނާގެ އަތުގެ ހަރަކާތް ހުއްޓުނެވެ. އަތް ގަނޑުވީ އެވެ. މިހާރު އޭނާގެ ހަށިގަނޑުގެ 95 ޕަސެންޓުގައި ހަރަކާތް ކުރުމުގެ ކުޅަދާނަކަމެއް ނެތެވެ.

ހަގީގަތުގައި އޭނާގެ ޓެންޑަންސް، މަސްތައް އަދި ލިގަމެންޓްސް މިހާރު ވަނީ ހަރުވެ ކައްޓަށް ބަދަލުވެފަ އެވެ. އެހެންވެ އެ ބައިތައް ގަނޑުވެފައިވާތީ ޖޯއަށް ހަރަކާތް ނުކުރެވެނީ އެވެ.

ފުރޮޅުލީގޮނޑީގެ އެހީގައި ތަންތަނަށް ގޮސް އުޅޭ ޖޯ އަށް ކޮންމެ ކަމެއް ކުރަން ވެސް މީހެއްގެ އެހީތެރިކަން މިހާރު ބޭނުންވެ އެވެ.
އިނގިރޭސި ވިލާތުގެ ނޫހަކުން ބުނި ގޮތުގައި ޖޯގެ ބައްޔަކީ އިންތިހާއަށް މަދުން ފެންނަ ބައްޔެކެވެ. ދުނިޔޭގައި މިހާތަނަށް އެފްއޯޕީ ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 700 މީހުންނަށެވެ.

ދުނިޔޭގެ ގައުމުތަކަށް ޒިޔާރަތްކު ރުމަކީ ޖޯ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. ނަމަވެސް އޭނާގެ ބަލީގެ ގޮތުން އެ ހުވަފެން ދުވަހަކުވެސް ހަގީގަތަކަށް ނުހެދޭނެކަމަށް ޖޯ މިހާރު ގަބޫލު ކުރެ އެވެ. ނަމަވެސް އެ ހަގީގަތް ގަބޫލު ކުރިޔަސް ޖޯގެ ބައްޔަކީ އޭނާ ދިރިއުޅުމުން މާޔޫސް ކުރުވާ އެއްޗަކަށް އޭނާ ނަހަދަ އެވެ.

ޖޯގެ އަމިއްލަ ޔޫޓިއުބު ޗެނަލުންނާއި ޕޮޑްކާސްޓުން އޭނާ ގެންދަނީ އޭނާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން ޑޮކިއުމަންޓް ކުރަމުންނެވެ. އަދި އެފްއޯޕީ އާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުމާއި އެ ބަލި ޖެހިފައިވާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ޖޯ ގެންދަނީ އޭނާ ފޮލޯ ކުރާ މީހުންނާ ހިއްސާ ކުރަމުންނެވެ.

ޖޯ ބުނި ގޮތުގައި އޭނާގެ ސިއްހީ މައްސަލަތައް ހައްލުކުރަން ސާޖަރީއެއް ވެސް ހެދޭކަށް ނެތެވެ. ސަބަބަކީ އޭނާގެ ކަށިތައް އަދިވެސް އުފެދެމުންދާތީ އެވެ. ޖޯ ބުނި ގޮތުގައި އޭނާގެ މަސްތައް ހަރުވެ ހިލައަށް ވަންދެން ވަޅިއެއް މަސްތަކަށް ހެރޭކަމުގެ އިހްސާސް އޭނާއަށް ކުރެވެ އެވެ.

އަދި މި ބަލީގެ ސަބަބުން އެންމެ ކުޑައިރުއްސުރެ ވެސް އެހެންކުދިންނާއެކު ކުޅެލާނެ އުޅޭނެ ފުރުސަތު ނުލިބި ނަފްސާނީ ގޮތުން ވެސް ވަރަށް އަސަރުކޮށްފައިވާ ކަމަށް ޖޯ ބުންޏެވެ. މިހާރުގައި ވެސް ޖޯ މިހާރު ހޯދަމުންދަނީ އޭނާ ދެކެ ހަގީގީ ލޯބިވާނެ ބައިވެރިއެކެވެ.