ސަލްމާން ހާނާ ރައްޓެހިވެގެން އުޅުނު ދުވަސްވަރުގެ ވާހަކަތަކެއް ސޯމީ އަލީ އަނެއްކާވެސް ކިޔައިދީފި އެވެ. ކުރިން ހިންދީ ބައެއް ފިލްމުތަކުގައި ބަތަލާގެ ބައި ކުޅެފައިވާ ސޯމީ އަށެއްކަ އަހަރު ވަންދެން ސަލްމާނާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ވެއެވެ. ސަލްމާނާއި ސަންގީތާ ބިޖިލާނީ ކައިވެނި ކުރަން ތައްޔާރުވެ ކައިވެނީގެ ދައުވަތު ކާޑު ވެސް ބަހާފައި ވަނިކޮށް ކައިވެނި ކެންސަލް ކުރަން ޖެހުނީ ސަންގީތާއަށް ސަލްމާނާއި ސޯމީ އެކުގައި ތަނެއްގައި ތިއްބާ ހިފިގެން ކަމަށް ވެއެވެ.
ސޯމީ ބުނި ގޮތުގައި ސަލްމާނުގެ މައިންބަފައިންނާއި އާއިލާގެ ފަރާތުން އޭނާއަށް ވަރަށް ގިނަ ކަންކަން ދަސްވި އެވެ. ނަމަވެސް ސަލްމާނާ ރުޅިވީ އެ ގުޅުމުން ހިތްހަމަޖެހުން ލިބުން ހުއްޓުމުން ކަމަށް ސޯމީ ބުންޏެވެ.
ސޯމީ އަކީ އެމެރިކާގައި ދިރިއުޅޭ ޕާކިސްތާނު ދެމަފިރިއެއްގެ ދަރިއެކެވެ. ސަލްމާނުގެ "މައިނޭ ޕިޔާރް ކިޔާ" ބަލާފައި އޭނާގެ ޖާދޫގައި ޖެހިގެން ސޯމީ އިންޑިޔާއަށް ދިޔައިރު އޭނާގެ އުމުރުން 17 އަހަރެވެ. ސޯމީ ފުރަތަމައިނުން ވެސް ބޭނުންވީ ސަލްމާނާ ކައިވެނި ކުރާށެވެ. ސަލްމާނާއި ސޯމީ 1991 އިން ފެށިގެން 1999 ގެ ވަކި ހިސާބަކާ ހަމައަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ނަމަވެސް މި ލޯބި ކައިވެންޏަކާ ހަމައަކަށް ނުދިޔަ އެވެ. އެންމެ ފަހުން ދެ މީހުން ރުޅިވުމަށް ފަހު ސޯމީ އެނބުރި އެމެރިކާއަށް ދިޔައީ އެވެ.
ޒޫމް ޓީވީއަށް ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ސޯމީ ވަނީ ސަލްމާނު އޭނާއަށް މަކަރު ހަދައި ބޭވަފާތެރިވީ ކަމަށް ބުނެފަ އެވެ.
"އަހަރެން އޭނާއާ ރުޅިވިތާ 20 އަހަރު ފާއިތުވެއްޖެ. އޭނާ އަހަންނަށް ބޭވަފާތެރިވީ. އެހެންވެ އަހަރެން އޭނާއާ ރުޅިވެގެން އެނބުރި އެމެރިކާއަށް ދިޔައީ،" ސޯމީ ބުންޏެވެ.
ސޯމީ ބުނި ގޮތުގައި އޭނާއަށް ބޭވަފާތެރި ވިޔަސް ސަލްމާނަކީ ވަރަށް ދީލަތި މީހެކެވެ. އަދި ޖަނަވާރުން ދެކެ އޭނާ ވާ ލޯބި ވެސް ސޯމީ ފާހަގަ ކުރި އެވެ.
ސަލްމާނާ ރައްޓެހި ވެގެން އުޅުނުއިރު އޭނާއާއެކު ސޯމީ ފިލްމެއްގެ މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ވަކި ހިސާބަކުން އެ ފިލްމުގެ މަސައްކަތް ހުއްޓުނީ އެވެ.
ސޯމީ ކުޅުނު ފިލްމުތަކުގެ ތެރޭގައި މިތުން ޗަކްރަބަތީ އާއެކު ކުޅުނު "ކްރިޝަން އަވްތާރު"، ސުނިލް ޝެޓީ އާއެކު "އަންތު" އަދި ސައިފް އަލީ ޚާނާއެކު ކުޅުނު "ޔާރް ގައްދާރް" ފާހަގަ ކޮށްލެވެ އެވެ.