ބޮލީވުޑް

ފަރްހާން އަހުތަރާއި ޝިބާނީ ކައިވެނި ކުރަނީ

އެކްޓަރު - ޑައިރެކްޓަރު ފަރްހާން އަޚްތަރާއި ވީޖޭ އަދި ޓީވީ އެންކަރު ޝިބާނީ ޑަންޑޭކަރް ކައިވެނި ކުރަން ތައްޔާރުވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

މި ދެ މީހުންގެ ގާތް އެކުވެރިއަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި މި ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގަ އެވެ. އަދި ވަރަށް ކުލަގަދަކޮށް ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމުގެ ތައްޔާރީތައް ފަށާފައިވީ ނަމަވެސް އިންޑިޔާގައި ކޮވިޑް-19 އިގެ ހާލަތު ގޯސް ވަމުން އަންނާތީ މިހާރު އެމީހުން ގަސްތު ކުރަނީ އާއިލާގެ މީހުނާއި ގާތް އެކުވެރިންކޮޅެއް އެކަނި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިކުރަން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

އެމީހުންގެ ކައިވެނީގެ ހެދުން ތައްޔާރު ކުރަނީ ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހެދުން ތައްޔާރު ކޮށްދިން ފެޝަން ޑިޒައިނަރު ސަބްޔާސާޗީ އެވެ.

ފަރްހާނާއި ޝިބާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިއީ ފަރްހާންގެ ދެ ވަނަ ކައިވެންޏެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ހެއާ ސްޓައިސްޓް އަދުނާ އާ އެވެ. އަދުނާ ބަބާނީ އާއި ފަރްހާންގެ ދެ އަންހެން ދަރިން ލިބިފައި ވެއެވެ. އެމީހުންގެ ކައިވެނި ރޫޅުނުކަން އިއުލާން ކޮށްފައި ވަނީ ޖެނުއަރީ 2016 ގައެވެ.