ޕީޕީއެމް

އިންޑިއާ އައުޓް ގޮވައިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

Jan 6, 2022
2

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ހައްޔަރުކުރި 11 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ އަތޮޅުވެހީގައި އެމީހުން އެތައް ގަޑިއިރަކު ބޭތިއްބުމަށްފަހު ދޫކޮށްލީ ރޭ މެންދަމުވާ އުޅެނިކޮށެވެ.

ހައްޔަރުކުރި މީހުން ދޫކޮށްލީ މަގުމަތީގައި އަޑުގަދަކޮށް އާންމުންނަށް އުދަގޫވާ ގޮތަށް "އިންޑިއާ އައުޓް" ނުގޮވަން ނަސޭހަތް ދިނުމަށްފަހު އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިންޑިއާ އައުޓް ގޮވައިގެން ހައްޔަރުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިއަދު ހަވީރު ވެސް އިންޑިއާ އައުޓް ގޮވުމަށް މަގުމައްޗަށް ނިކުންނަވާނެ ކަމަށެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމާ އެކު އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ހަރަކާތްތައް އިތުރުވެ އިންޑިއާ އައުޓް ކެމްޕޭން މިހާރު ވަނީ އަތޮޅު ތެރެއަށް ފުޅާކޮށްފަ އެވެ. އެގޮތުން ރައީސް އިސްވެ ހުންނަވައިގެން ކ. ގުރައިދޫ، ތުލުސްދޫ އަދި ފ. ނިލަންދޫގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އިންޑިއާ ސިފައިންގެ އެއްވެސް މީހަކަށް ރާއްޖޭގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އިންޑިއާ އާއި ދެކޮޅަށް ރައީސް ޔާމީން ގެންދަވަނީ ފާޅުގައި އަޑުއުފުއްލަވަމުންނެވެ.