މާލެ ސިޓީގެ ހުރިހާ އަވަށެއްގައި ބެޓްރީ ވެހިކަލްތައް ޗާޖު ކުރާނެ ސްޓޭޝަންތަކެއް ހެދުމަށް މާލޭ ސިޓީކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެ މަސައްކަތް ކުރުމަށް ހުށަހެޅުއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
ކައުންސިލުން އެ ހުށަހެޅުން ފާސްކޮށް ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީން އެކަމާ ގުޅޭ ދިރާސާތަކާއި ޕްލޭން ހެދުމަށްވެސް ނިންމާފައިވެ އެވެ
ނަރީޝް އެގޮތަށް ހުށަހެޅުއްވީ ދަ ގޯލްޑަންލޭކު ކިޔާ އަމިއްލަ ކުންފުންޏަކުން މާލޭގެ އަވަށްތަކުގައި ބެޓެރީ ވެހިކަލްތައް ޗާޖު ކުރާނެ ސްޓޭޝަންތަކެއް ހެދުމަށް ކައުންސިލަށް ހުށަހެޅުމުންނެވެ.
ނަރީޝް ވިދާޅުވީ މާލޭގައި އެތައް ބަޔަކު ދިރިއުޅޭއިރު އެފަދަ ތަންތަން ހެދުމަށް އަމިއްލަ ވަކި ފަރާތަކަށް ބިން ދޫކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ސިޓީ ކައުންސިލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ސިޓީ ކައުންސިލަށް ކޮންމެވެސް ވަރެއްގެ ފައިދާއެއްވާ ގޮތަށް އެ ހިދުމަތް ގާއިމުކޮށްދިނުން ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.
މާލެ އަކީ މިހާރު ވެސް ގިނަ އަދަދަކަށް ބެޓެރީ ވެހިކަލް ބޭނުންކުރާ ސިޓީ އެކެވެ. އެކަމަކު ވެހިކަލްގެ ބެޓެރި ޗާޖު ކުރާނެ ސްޓޭޝަންތަކެއް މާލޭގައި އަދި މިހާތަނަށް ގާއިމުކޮށްފައެއް ނުވެ އެވެ.
މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރުމަށް ވެސް ސިޓީ ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވައިދަކަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދަނީ އަމަލުކުރަމުންނެވެ.