މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ހަމަސް ތެރޭގައި ކަނޑައަޅަނީ

މާލެ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދުގެ އަދަދު ކުރިއަށް އޮތް ހަމަސް ތެރޭގައި ކަނޑައަޅާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު އާދަމް އާޒިމް މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މާލެ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދުގެ އަދަދު ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީއާވެސް ވާހަކަ ދެކެވިފައިވަނީ މިކަމުގެ މަސައްކަތްތައް ކުރުމަށް. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މިކަންކަމުގައި އެހީތެރިކަން ދެއްވޭނެ ކަމަށް. އަދި ޓްރާންސްޕޯޓް މިނިސްޓަރު އަމީންއާ ވެސް ފޯނުން ވާހަކަދެކެވި މިކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލޭގައި ހުރި ގަރާޖުތަކުގެ މައްސަލަތައްވެސް ހައްލުކުރަން ޖެހިފައިވާ ކަމަށާއި މިކަމަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ބޮޑު އިސްކަމެއް ދީގެން ކުރައްވާނެ ކަމަށެވެ.

"ސިޓީ ކައުންސިލްގެ ތެރޭގައިވެސް މި މައްސަލަ ރަނގަޅަށް ނުދާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ. އެހެންކަމުން ގާނޫނާއި ގަވައިދުގެ ތެރެއިން މަސައްކަތްތައް ކުރަން ބޭނުންވާ މީހަކަށް އަޅުގަނޑު ވާތީ ގަރާޖު މައްސަލަ ހިންގާފައިވާ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. އަޅުގަނޑުމެން އެކަން ހުއްޓުވުމަށްޓަކައި އަޅަން ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ވާހަކަތައްވެސް ހިއްސާ ކުރާނަން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ވެހިކަލް ގިނަވާތީ އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ ހާއްސަ ކޮމިޓީއެއް މިދިޔަ ޑިސެންބަރު 27 ވަނަ ދުވަހު އެކުލަވާލާފަ އެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭރުގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކަމާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދު ފަހަރުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރެއްވި އެވެ.

މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރާނެކަމަށް ކޮންމެ ސަރުކާރަކުންވެސް ބުނެ އެވެ. ނަމަވެސް މައްސަލަ ހައްލު ނުވެ އަހަރުން އަހަރަށް މައްސަލަ ދަނީ ގޯސްވަމުންނެވެ.