އެމްއެންޑީއެފް

ޝުރޭހު ހޯދުމުގެ މަސައްކަތް ކުޑަކޮށްފި

ހޯދާތާ 72 ގަޑިއިރުވުމުން ހދ. ކުމުންދޫ، އަރާއިރު، ޝުރޭހު ހަސަން ހޯދުމަށް ކުރަމުންދާ މަސައްކަތް ކުޑަކޮށްފައިވާ ކަމަށް ސިފައިންގެ އިން ބުނެފި އެވެ.

ބޯވަ ނަގަން މޫދަށް ފާބައިގެން އުޅެނިކޮށް ޝުރޭހު ގެއްލިގެން ސިފައިންގެއަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 8:58 ހާއިރު އެވެ.

އޭނާ ގެއްލުމުން ސިފައިންގެއިން ދިޔައީ އެ ސަރަހައްދުގައި އެކްޓިވް ސާޗް އޮޕަރޭޝަނެއް ހިންގަމުންނެވެ. އެކަމަކު މިއަދު ބުނެފައިވަނީ 72 ގަޑިއިރު ވުމުން ސާފޭސް ސާޗަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ސިފައިންގެއިން ބުނީ 72 ގަޑިއިރަކީ މިފަދަ ހާދިސާތަކުގައި މީހުން ނުފެނި، އެމީހުންގެ "ސާވައިވަބިލިޓީ ރޭޓް" އެންމެ ބޮޑަށް ދިގުދެމިގެންދާނެ މުއްދަތު ކަމަށް ދުނިޔޭގެ ގިނަ ތަންތަނުގައި ބަލައިގަންނަ ސްޓޭންޑާޑް ވަގުތު ކަމަށެވެ.

ޝުރޭހު ހޯދުމުގެ މަސައްކަތް އަދިވެސް އޯޕަން ކޭސްއެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަށާއި، އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބޭނަމަ ރިޕޯޓު ކުރުމަށް ސިފައިންގެއިން ވަނީ އެދިފަ އެވެ.

ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް ޝުރޭހު އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށްވާ ގޮތަށެވެ. ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ.

ޝުރޭހު ބޯވަން ނަގަން ދިޔައީ އޭނާގެ އިތުރު ދެ ރަހްމަތްތެރިޔަކާ އެކު އެވެ.