ވާހަކަ

ހިތް ރުއްސާނުތޯ

( 4 ޖަނަވަރީ 2022 އާ ގުޅޭ )

"މިހާ ކައިރީގަތަ ހޫރް އުޅެނީ. ކިހިނެއް ދޯ އެނގޭނީ... އެ ދިޔައީ ޔޫކްގެ ބައްޕަ ކަންނޭނގެ. އެކަމް... ޔޫކްއާ ވައްތަރެއްނޫން. އަނެއްކާ... އޯ ނޯ... އެއީތަ ހޫރް ނޫނެކޭ އަހަންނަށް ބުނާ ރީޒަންއަކީ. ފިރިއަކުނެތްކަން އެނގެނީ. ލޯބިވެރިޔަކު ނުހުރެޔޭ ނުބުނޭ. އެކަހަލަ އެއްވެސް އެއްޗެއް ނުބުނޭ... ހުރިހާ ގޮތަކަށް ނިންމީ އަހަރެން." ޒެހެންގެ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.

* * * * *

"ހޫރް ދާން ގަސްދުކުރީމަ މަންމަ ހިތްހަމަޖެހިއްޖެ. ތަންތަނަށް ގޮސްލާ ހަދަން ޖެހޭނެ. ޔޫކް ވެސް އަބަދު ގޭގަ އެ ހުންނަނީ. ބޮޑުވަމުން އަންނައިރު އެކި މާހައުލުތަކަށް ހޭނެން އެކުއްޖާއަށް ވެސް ދަސްވާނީ ނުކުމެ އުޅުނީމަ. މީހުންނާ އެހާވަރަށް އެކަހެރިވުމަކީ ވެސް ރަނގަޅުކަމެއްނޫން." ޓެކްސީގައި ހޫރައިންއާއެކު އިން ސުމައްޔާ މަޑުމަޑުން ވާހަކަދެއްކިއެވެ. އެމީހުން އެ ދަނީ ހަސީނާމެން ގެއަށެވެ. ހުކުރުން ފޭބިގޮތަށް ޔޫކް ބަލާ އެ ގޭ ހަމްދޫނު އައެވެ. އެހެންވެ އެކުއްޖާ ކުރީބައިގެ ފޮނުވާލީއެވެ. އެމީހުން އެ ގެއަށް ދާ މީ ދެވަނަ ހުކުރެވެ.

މަންމަގެ ވާހަކައަށް ހޫރައިން ބަހެއް ނުކިޔެވެ. މަންމަ ދައްކަނީ ރަނގަޅު ވާހަކައެވެ. އޭނާ ވެސް އަމިއްލަ ނަފްސަށް އެހާ ބޮޑު ހިތްވަރެއްލަމުން އެ ދަނީ ހަމަ ޔޫކަށް ޓަކައެވެ. އެކުއްޖާއަށް ކަމެއް އުނިވިޔަ ނުދިނުމަށެވެ.

ސުމައްޔާމެން ލަސްވެގެން ހަސީނާ ގުޅިއެވެ. ޓެކްސީގައި މިހާރު ކައިރި ކުރަނީކަން ސުމައްޔާ ބުންޏެވެ. އެމީހުންނަށް އާދެވުނުއިރު ހަސީނާ ހުރީ ދޮރޯށި ކައިރިއަށް ނުކުމެއެވެ. އެ ގެއަށް ހޫރައިންއާއި ސުމައްޔާ ގޮވައިގެން ހަސީނާ ވަނެވެ. ސިޓިންރޫމުގައި ހަސީނާގެ ފިރިމީހާއާއި ދެ ދަރީން ތިއްބެވެ. އެމީހުންނާއެކު އިން ޔޫކަށް މަންމަ ފެންނައިރަށް ދުވެފައި އައިސް މަންމަގެ ގައިގާ ބައްދާލައިފިއެވެ. ހީވީ މަންމަ ނައިސްގެން އެކުއްޖާ އިންހެނެވެ.

"ހިނގާ ކާން. އެންމެން ހަމަވީނު." ހަސީނާ މިހެންބުނެ ބަދިގެއާ ދިމާއަށް އައެވެ. ސުމައްޔާ އައީ ހުސްއަތަކާނޫނެވެ. ހުކުރު ދުވަހަށްވީމައާއެކު އޭނާ ހަސީނާއަށް މިރުހުލީ ބޯވާ ހަދައިގެން ގެނެސްދިނެވެ. ހަސީނާގެ ފިރިމީހާ ހާމިދަށާއި އަންހެން ދަރިފުޅު ރޫހީއަށް މީރު އެއްޗެއްކަން ސުމައްޔާއަށް އެނގިފައި އޮތީމައެވެ. ކޮތަޅުން ތަށި ނެގި ގޮތަށް ހަސީނާ އިތުރު ތަށްޓަކަށް އަޅާކަށް ވެސް ނޫޅުނެވެ. މަތިގަނޑު ނެގި ގޮތަށް ބޯވާ ތަށި ބެހެއްޓީ ކާމޭޒުމަތީއެވެ.

"ވާވް... ބޯވާތަ. ދައްތަ ދޯ ގެނައީ" ރޫހީއަށް ފެންނަންވީ އިރަށް އެކުއްޖާގެ އަޑު ގަދަވެއްޖެއެވެ. މޭޒުދޮށުގައި ރަނގަޅަށް ނީށީދެވެނީސް އެކުއްޖާ ސުންކަންޖަހަން ފެށިއެވެ. ސިންކުދޮށުން އަތްދޮވެގެން އެނބުރިލި ހަމްދޫނަށް އެ މަންޒަރު ފެނުމާއެކު ކޮއްކޮގެ ގަޔަށް ފެންތައް ފޮޅާލަމުން ކާއެއްޗެއްގައި އަތްލުމުގެ ކުރީން އަތްދޮންނަން ދާށޭ ބުނެލިއެވެ. ހާމިދު ވެސް އަންހެން ދަރިފުޅަށް ދުލެއް ނުކުރިއެވެ.

"މީގެ ދެމީހުންގެ ދަތްދަށުން ހިޔެއްނުވޭ އެހެން މީހަކަށް އެތިކޮޅެއް ލިބޭވަރު ވާނޭހެން." ހިނިއައިސްފަ ހުރެ ހަސީނާ ބުނެލިއެވެ.

އާއިލާއެއްގެ ބަދަހިކަން އެ ކާގޭގެ ތެރެއިން ހޫރައިން ދުށްޓެވެ. މަންމައަކާއި ބައްޕައެކެވެ. ބޭބެއަކާއި ކޮއްކޮއެކެވެ. އެ ގުޅުންތަކުން އެކަކުއަނެކަކަށް އަޅާލާ މިންވަރު ހާމަވެއެވެ. ހޫރައިންގެ ނަޒަރު މަޑުމަޑުން ޔޫކަށް ހުއްޓުނެވެ. އެކުއްޖާ އިނީ ހާމިދުގެ ކައިރީގައެވެ. ރޫހީ އުޅޭ ގޮތުންނާއި ހާމިދު ކުރާ ކަންތައްތަކުން ހިނިއައިސްފައެވެ. އެމީހުންގެ ތެރޭގައި ސުމައްޔާއާއި ހޫރައިންނަކީ ވެސް އެ އާއިލާގެ ބައެއް ކަހަލައެވެ. ހޫރައިންގެ ތުންފަތް ދެމިލިއެވެ. ނާންނަން ހުރެފައި ވެސް އާދެވުނީތީ އެކަމާ އޭނާ މިހާރު ހިތްހަމަޖެހިއްޖެއެވެ. އޭނާއަކީ މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިއެވެ. ސްކޫލުދައުރު ނުނިމިގެން އުޅެނިކޮށް ބައްޕަ ނިޔާވެއްޖެއެވެ. ކުއްލިއަކަށެވެ. އެއަށްފަހު އެ ދެމައިންގެ ދިރިއުޅުން ބަދަލުވީއެވެ. ހީނ ސަމާސާކުރަން ހަނދާންނެތުނެވެ. ކައިރީގަ އުޅުނު ރައްޓެހިންނާ ވަކިވީއެވެ. ދިރިހުންނަން ކުރާ ހަނގުރާމައަކަށް ދިރިއުޅުން ބަދަލުވީއެވެ. ހުރިހާ މަންޒަރެއް ބަދަލުވީއެވެ. ކުރީން ދުށް ދުނިޔޭގެ އަނިޔާވެރިކަމާއި ނާއިންސާފުގެ ހިޔަނި އެޅުނީއެވެ.

"ހޫރް، އަވަހަށް ކާންފަށާ." ހަސީނާ އިށީންނަމުން ބުނެލިއެވެ.

"ހަމްދޫނު އައީމަ ރޫހީ ދާން ނިންމީތަ؟ ރޭވުމެއްތަ..." ކެއުމައިގެން އެންމެން ކުރިޔަށް ދަނިކޮށް ސުމައްޔާ ބުނެލިއެވެ.

"އޮފީސް ފަރާތުން ލިބުނީމަ މިދަނީ. ދޯ މަންމާ." ރޫހީ ބުންޏެވެ.

ސުމައްޔާމެން އަންނަން ހަސީނާ ބާރު އެޅީ ރޫހީއަށް އޮފީސް ފަރާތުން ލިބުނު ކިޔެވުމުގެ ފުރުސަތަކަށް އެކުއްޖާ ފުރަން އުޅޭތީއެވެ. އަނެކާއަށް ލިބޭ ކުރިއެރުމާމެދު ހަސަދަވާ ޒަމާނެއްގައި ސާފުހިތަކުން ހެޔޮ ދުޢާކޮށްދޭނެ މީހުން ވަނީ މަދުވެފައެވެ. އެ މަދު މީހުންގެ ތެރޭގައި ދަރިފުޅުގެ ކާމިޔާބު ފާހަގަކުރެވޭވަރުގެ މީހަކަށް ހަސީނާގެ ހުރީ ސުމައްޔާ އެކަންޏެވެ. އެފަދަ ހެޔޮ ރަޙުމަތްތެރިއަކު ހުރީތީ އެކަމާ އޭނާ އަބަދުވެސް ޝުކުރުވެރިވެއެވެ.

"ދޮންބެގެ ބާތްޑޭ ނާންނަނީސް ފުރަން ޖެހޭތި ފޫހި." ރޫހީ ބުންޏެވެ. ރާއްޖޭން ބޭރުގައި ހަމްދޫނު ހުރިއިރު ރޫހީ ކޮންމެ ފަހަރަކު ބޭބެގެ އުފަންދުވަހަށްވާއިރަށް ކޮންމެވެސް ހަދިޔާއެއް ފޮނުވައެވެ. ކައިރީގަ ނުހުންނާތީ ޝަކުވާ ކުރެއެވެ. ބޭބެގެ ގަޔަށް ބިހެއް ޖަހާލައި ކުލަކޮޅެއް ނެތިއްޔާ ކޭކުން ބައެއް ވިޔަސް ހާކުލުމުގެ ހިޔާލުތައް ރޫހީ ކުރެއެވެ. ރައްޓެހިން ކުދީން ގެއަށް ގެނެސް ބޭބެއަށް ޖެއްސުންކޮށްލުން މަޖަލަކަށްވެއެވެ. މިފަހަރު ހަމްދޫނު ހުރީ ކައިރީގައެވެ. ނަމަވެސް ރޫހީއަށް ދުރަށް ދާން ޖެހުނީއެވެ.

"އެއަށްވުރެ ބޮޑުކަމެންނު ކުރިޔަށް އޮތީ. ރޯދަ މަސް މިއޮތީ ޖެހިފަ." ހަސީނާ އިނދެފައި ބުންޏެވެ. ރޫހީ ކުސްތަޅާލިއެވެ. ރޯދަމަހުގައި މިފަހަރު އޭނާ ހުންނާނީ އާއިލާއާ ދުރުގައިކަން އެނގުނީމައެވެ. މަންމަގެ އަތުން ކާއެއްޗެއް ނުލިބޭނެތީއެވެ. އެއްޗެހި ރޯފިލުވާލަން އެނގުނަސް މަންމަ ތައްޔާރުކުރާހާ މީރު އެއްޗެހި ހަދާކަށް އޭނާއަކަށް ނޭނގޭނެއެވެ. ބޭރުގައުމެއްގައި ރޯދަ ހިފަން ޖެހުމުން އެއީ ފަސޭހަކަމަކަށް ނުވާނޭކަން ރޫހީއަށް އަންދާޒާކުރެވެއެވެ.

ކާމޭޒުދޮށުން އެންމެން ތެދުވިއިރު ވެސް ވާހަކަ ނުހުއްޓެއެވެ. ހޫރައިންގެ އަތުގައި ހިފައިގެން ރޫހީ އައިސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. އެންމެންނަށް ވަގަށް އުޅޭ މީހަކު ހެންނެވެ.

"ހޫރައިންތަގެ މޫނު އަޅެ ރޫހީ ބަލާލަން ބޭނުން." ކުއްލިއަކަށް ރޫހީ ބުނި އެއްޗަކުން ހޫރައިން ހައިރާންވިއެވެ.

"މިތާކު އެހެން މީހެއް ނެތެއްނު. މަންމައަށް ވެސް ހޫރައިންތަ ހުންނަ ގޮތް އެނގޭ. މަންމަ ގެންނަންތަ. އޭރުން ދައްކާނަންތަ." ހޫރައިން ނުކެރިފައި ހުރީހެން ހީވެ ރޫހީ އަނެއްކާ ވެސް ވާހަކަދެއްކިއެވެ. ހަސީނާ ހުރީ ވިއްޔާ ހޫރައިންއަށް މޫނު ނަގަން ކެރިދާނޭ ރޫހީ ހީކުރިއެވެ. ހޫރައިންއަށްވުރެ ރޫހީ ދެ އަހަރު ހަގެވެ. ހޫރައިންއާ ބައްދަލުވާއިރަށް އޭނާ ނިކަން ގުޅާލައިފިއެވެ. އަދި އަމިއްލައަށް ހޫރައިންއަށް ދައްތަ ކިޔާ އާ ގުޅުމެއް ވެސް އުފައްދައިފިއެވެ. ހޫރައިންއަށް ހިނިތުންވެވުނެވެ. ރޫހީގެ އެ ޝައުގު ފުއްދާދޭން އޭނާ ގަސްދުކުރިއެވެ. މިއަދު އޭނާ އަޅައިގެން ހުރީ ބުރުގާގައި ހަރުކުރާ ފަދަ މޫނު ފޮތިކޮޅެވެ. އެހެންވެ މޫނުގެ ކަނާއަތްފަރާތުން ބުރުގާގެ އެތެރޭގައިވި ގޮށުން މޫނުފޮތިކޮޅު ނައްޓާލިއެވެ. އެއާއެކު ވައަތްފަރާތަށް އެ ފޮތިކޮޅި ސޮހިގެން ދިޔައެވެ. ހާމަވެގެން ދިޔަ ހޫރައިންގެ މޫނަށް ރޫހީ ބަލަން ހުރީ ފަރުވާތެރިކަމާއެކުއެވެ. ހޫރައިންގެ މޫނުގައިވީ ލަކުނަށްކަން އެ ބަލަނީ އެނގެއެވެ. ފުރަތަމަ އަސަރެއް ފާޅުނުވިޔަސް އިރުކޮޅަކުން އޭނާ ހިނިތުންވެލައިފިއެވެ. އެ ހިނިތުންވުން ފުޅާވެ ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ.

"މާޝާﷲ... އެހެން ދޯ ބުނަނީ. އޭރުން އެސްފީނާ ނުޖެހޭނީ ދޯ... ހޫރައިންތަގެ ލޯބިކަން ގެއްލޭކަށް ބޭނުމެއްނޫން. ޔޫކްގެ އެހުރީ ހޫރައިންތަގެ ދޮންކަން." ރޫހީ ބުނެލިއެވެ. ހޫރައިން ހިނިތުންވެލިއެވެ. ދެން ނިކަން އަވަހަށް މޫނު ފޮތިކޮޅު ހަރުކޮށްލާ އިހު ހުރިހެން އެ މޫނު ނިވާކޮށްލައިފިއެވެ. އޭނާ މޫނު އެޅިފަހުން ސީދާ މޫނުދެއްކި މީ ފުރަތަމަ ފަހަރެވެ. ހަސީނާއަކީ ހޫރައިން ކުޑައިރުއްސުރެ އަބަދު ފެންނަ މީހެކެވެ. އޭނާ ހުންނަ ގޮތް އެނގޭ މީހެކެވެ. އެކަމަކު ރޫހީއަކަށް ހޫރައިންއެއް މިނޫނީ ނުފެންނާނެއެވެ.

"ހޫރް ގޮވައިގެން ކޮންތާކުން ތިއައީ." ސިޓިންރޫމަށް ހޫރައިންއާއެކު ރޫހީ އައުމުން ހަސީނާ އަހާލިއެވެ.

"މިއައީ ހޫރައިންތަ މޫނު ބަލާލާފަ." ރޫހީ ނިކަން ހިނިއައިސްފަ ބުނެލިއެވެ. ސުމައްޔާއަށް ފަރުވާތެރިކަމާއެކު ދަރިފުޅަށް ބަލާލެވުނެވެ. ހޫރައިން ހާސްވެފެ ނުތަނަވަސްވެފައި ހުރިހެނެއް އެ ދެ ލޮލުން ފާހަގައެއް ނުވެއެވެ. ހީވަނީ ހިނިތުންވެލައިގެން ހުރި ހެންނެވެ. ހޫރައިން އައިސް ހަސީނާއާއި ސުމައްޔާ ތިބި ސޯފާގައި އިށީނެވެ.

"ދޮންބެއަށް އެނގޭތަ ހޫރައިންތަ މޫނުކޮޅު ލޯބިކަން. ޔޫކްހެން ހީވަނީ." ހަމްދޫނުގެ އުނގުގައި އިން ޔޫކަށް ބަލަމުން ރޫހީ ބުންޏެވެ.

ހޫރައިން ރަކިވިއެވެ. ރޫހީ އެގޮތަށް އެންމެންގެ ތެރޭ އެފަދަ ވާހަކައެއް ބުނާނޭ އޭނާ ހިޔެއްނުކުރެއެވެ. ހަމައެވަގުތު ހޫރައިންއަށް ހަމްދޫނަށް ބަލާލެވުނެވެ. އެހިނދު ދެ މީހުންގެ ނަޒަރު ވެސް ސީދާވެލިއެވެ. ހަމްދޫނު ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އަވަސް ގޮތަކަށް ނަޒަރު ތިރިކޮށްލީ ހޫރައިންނެވެ. ސުމައްޔާއަށް އިނދެވުނީ ނިކަން ހިނިއައިސްފައެވެ.

"ހަސީނާ، ހަމްދޫނުގެ އެބަހުރި ބައްޕައެއްގެ ވައްޓަފާޅި. ނޫންތަ." ޔޫކް ގޮވައިގެން ހަމްދޫނު އުޅޭ ގޮތް ފެނި ސުމައްޔާއަށް ބުނެލެވުނެވެ. އެއާއެކު ފަރުވާތެރި ބެލުމަކުން ހަސީނާ ފިރިހެން ދަރިފުޅަށް ބަލާލީ ހިނިއައިސްފަ އިނދެއެވެ. މަންމަ ބުނި އެއްޗެއްގެ އަޑު ކައިރީގަ އިން ހޫރައިންއަށް ވެސް އިވުނެވެ. ތިރިކޮށްލި އޭނާގެ ނަޒަރު އަނެއްކާވެސް ހަމްދޫނަށް ދަތުރުކޮށްލީ އެހެންވެއެވެ. އެގެއަށް ޔޫކް އައިފަހުން ހޫރައިންގެ އަތަށް އެ ދަރިފުޅެއް ނާރައެވެ. އެކުއްޖާ ވެސް ހޫރައިންގެ ކައިރިއަށް ނާދެވިގެން ނޫޅެއެވެ.

"ބައްޕައަކަށްވާން ތައްޔާރުވަނީ ތޯއްޗެއް. ގައިމުވެސް އުނގުގަ އޭނީ މަގޭ މާމަދަރިއަކަށް ހަދަން ވަރަށް ކަމުދާ ކުއްޖެއް." ސަމާސާ ރާގެއްގައި ހަސީނާ ބުނެލިއެވެ. އަދި ސުމައްޔާގެ ކޮނޑުގައި ޖެހިލުމާއެކު ދެމީހުން ހީނގަނެއްޖެއެވެ.

އަސުރު ނަމާދުކޮށްގެން ހަސީނާގެ ކޮޓަރިން ހޫރައިން ނުކުތެވެ. މަންމައާއި ހަސީނާ ވާހަކައިގަ ޖެހިފައި ކޮޓަރީގަ ތިއްބެވެ. ސިޓިންރޫމުގައި މީހަކު ނެތެވެ. ހޫރައިން އައިސް ސޯފާގަ އިށީނެވެ. އޭރު ހަސީނާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާފައި ހުއްޓެވެ. އެ ކޮޓަރިތެރެއިން ޓީވީއެއް ހުޅުވާފައި ހުރި އަޑު އިވެއެވެ. ސޯފާގައި ބާއްވާލެވިފަ އޮތް ހޫރައިންގެ އަތްދަބަސް އޭނާ ނެގިއެވެ. ފޯނު ނަގަންކަމަށް ދަބަސް ހުޅުވާލުމާއެކު ހޫރައިންގެ ލޮލުގައި އަޅައިގަތީ ޒެހެންގެ ގަލަމެވެ. އެއާއެކު ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޒެހެންއަށް ކުރި މެސެޖުގެ މަތީން ހަނދާންވިއެވެ. ދަބަހުގެ ތެރެއިން ގަލަން ނަގައި ދެއަތުން އޭގައި ހިފަހައްޓާލައިގެން ބަލަން ހޫރައިން އިނެވެ. ގަލަމުގެ ދޯރި ނައްޓާލުމާއެކު ދަބަސް ތެރޭ އޮތް ޓިޝޫކޮޅެއް ނަގައި އޭގައި ޒެހެންގެ ނަން ހޫރައިން ލިޔެލިއެވެ. އަމިއްލަ ނަފްސަށް ހީނލެވުނެވެ. ނަމަވެސް އެ ހިޔާލުތަކުން އޭނާ އެއްފަރާތްކުރުވީ ކޮޓަރިއެއްގެ ދޮރު ހުޅުވި މީހަކު ނުކުތް ކަމުގެ ހިލަމެވެ. އިސްއުފުލާލިއިރު ހަމްދޫނު ފެނުނެވެ. ދެން އަވަސްއަވަހަށް ހޫރައިން ގަލަމުގެ ދޯރި ޖަހައި ޓިޝޫކޮޅާއެކު އަތްދަބަހުގެ ތެރެއަށް ގަލަން ލައިފިއެވެ. ހަމްދޫނު އައިސް އިށީނީ ހޫރައިންގެ ވައަތްފަރާތުގައި ހުރި ގޮނޑީގައެވެ. އެވަރު ތަންކޮޅެއް ކައިރިހެން ހޫރައިންއަށް ހީވެ ހަށިގަނޑު ސީދާކޮށްލަމުން ނޭނގޭނެ ފަދަ ގޮތަކަށް ދުރަށް ފޫޖައްސާލިއެވެ.

"ޔޫކް ކާޓޫން ބަލަން އެބައިން." ހަމްދޫނު ބުނެލިއެވެ.

ހޫރައިން ވަކި އެއްޗެއް ނުބުނުމުން ދެން ވެސް ވާހަކަދެއްކީ ހަމްދޫނެވެ. ހާލު ކިހިނެއްތޯ އަހާލިއެވެ. އެއާއެކު ހޫރައިން އަލްޙަމްދުލިﷲ އޭ ބުނެލިއެވެ. ވަޒީފާ ކިހިނެއްތޯ ވެސް ހަމްދޫނު ސުވާލުކުރިއެވެ. ދެން ވެސް ހޫރައިން ބުނީ ރަނގަޅު ކަމަށެވެ. ހަމްދޫނު އެހާގިނަ ވާހަކަ އޭނާއާ ދެއްކި މީ ފުރަތަމަ ފަހަރެވެ. ދެމީހުން އެކަނި ސިޓިންރޫމުގައި އިންނަން ވުމުން ހޫރައިން އިނީ ޖެހިލުންވެފައެވެ.

"ލައިފް ރަނގަޅުތަ؟. ހޫރައިން އޯކޭތަ؟..." ހަމްދޫނުގެ ނަޒަރު މިފަހަރު ކުރި ސުވާލާއެކު ހޫރައިންއަށް އަމާޒުކޮށްލައިގެން އިނެވެ. އެ ދެ ލޮލަށް ބަލަން ހޫރައިންއަށް އުނދަގޫވާކަން ހަމްދޫނު ދެނަހުއްޓެވެ. އޭނާގެ ސުވާލުތަކަށް ހޫރައިން ހޫން ލައްވާލީ ބޯޖަހާލަމުންނެވެ.

"އެހެންވީރު ދިރިއުޅުމާމެދު ވިސްނަންތަ؟ މިބުނީ... ލައިފް ޕާޓްނާއެއް ހޯދަން. އައި ތިންކް... މިހާރު ހޫރައިންއަށް 25 އަހަރުވެއްޖެ ދޯ. މެރީޑް ލައިފެއް ބޭނުމެއްނޫންތަ؟"

ހޫރައިން ބަލަން އިންއިރު އެ ދެ ލޮލުން ހައިރާންކަން ފާޅުވާތީ ހަމްދޫނު ދުށްޓެވެ. އެފަދަ ސުވާލެއް ހޫރައިންއަށް ކުރާން އޭނާ އެއީ ކާކުބާއޭ ހޫރައިން ހިތަށް އެރިއްޔޭ ހަމްދޫނުގެ ޟަމީރު ބުނެލިއެވެ. އެހެންވިޔަސް އޭނާ އެއިނީ އެ ސުވާލުތަކަށް ހޫރައިންގެ ޖަވާބެއް ބޭނުންވެފައެވެ. ހޫރައިންގެ މޫނު ފެނިގެން އެ ވާހަކަ ރޫހީ ދެއްކިއިރު ހަމްދޫނުގެ ހިޔާލުތަކުގައި ހޫރައިންގެ ސިފަވިއެވެ. އޭނާ ކޮންމެ ދުވަހަކުންހެން ކަހަލަ ގޮތަކަށް ބަލާ ފައިލުގައި ހޫރައިންގެ ފޮޓޯ ވެއެވެ. އެކަމަކު އެ ފޮޓޯ އިން ފެންނަ ހޫރައިން މާބޮޑަށް ވެސް ޅައެވެ. މިހާރު އެ ދެ ލޮލުން ފެންނަ ފަދަ އަސަރުތަކެއް ފޮޓޯގައި ފެންނަން ހުންނަ ހޫރައިންގެ ދެ ލޮލުގައި ނުވާކަން ވެސް ހަމްދޫނަށް ފާހަގަވިއެވެ.

"މާ ޕާސަނަލް ސުވާލުތަކެއްތަ މިކުރެވުނީ." ހޫރައިން ޖަވާބެއް ދޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހަމްދޫނު ވާހަކަދެއްކިއެވެ. އޭނާ ގޮނޑީގެ ކުރިއަށް ޖެހިލިއެވެ. އަދި ކަކުލުގައި ދެއަތް އަޅުވާލައި ހޫރައިން އިން ފަޅިއަށް ގުދުވެލީ ކައިރިވެލުމަށެވެ. އިސްޖަހާލި ގޮތަށް ހޫރައިން ބަހެއް ނުބުނިތާ ހަރަކާތެއް ވެސް ކޮށްނުލިއެވެ.

"ހުރިހާކަމެއް އެނގިހުރެ ހޫރައިންއާ ގުޅޭނެ މީހަކު ހުރީ ވިއްޔާ، ކޮންކަހަލަ ޖަވާބެއް އޭނާއަށް ދޭނީ." ހަމްދޫނު އަހާލީ ތަންކޮޅެއް މަޑުންނެވެ. އެހެންވިޔަސް ހޫރައިންއަށް ސާފުކޮށް އިވޭނޭ ވަރަށެވެ.

"އަހަރެން މިހުރީ ދަރިފުޅާއެކު ވެސް ހޫރް ބަލައިގެންނަން. ކައިވެނިކުރަން..." ކުއްލިއަކަށް ހޫރައިންގެ ކަންފަތާއި ސިކުނޑީގައި ގުގުމާލީ ޒެހެންގެ އަޑެވެ. ހަމްދޫނު އެންމެފަހުން އެބުނި އެއްޗަކުން ހޫރައިންގެ ހިޔާލުތަކުގައި ކުރެހުނީ ޒެހެންގެ ސޫރައެވެ. ހޫރައިން ބޭނުންވެގެން އުޅޭ މީހަކީ ޒެހެންނެވެ. ހޫރައިންދެކެ ލޯބިވެވުނީކަމާއި ކައިވެންޏަށް އެދުނު ޒުވާނަކީ ވެސް ޒެހެންނެވެ. އެތައް އަހަރަކަށްފަހު މަޑުމަޑުން ނޭނގި ހުއްޓާ ހޫރައިންގެ އެކަނިވެރިކަމާ ދުރަށް އޭނާ ގެންދަން ފެށީ ޒެހެންނެވެ. ހިނިތުންވުމަކީ ކޮބާކަން ހަނދާންނެތިފައިވާ ތުންފަތަށް ހިނިތުންވުން ގެނެސްދިނީ ވެސް ޒެހެންނެވެ. ތަފާތު ޖަޒުބާތުތަކަކުން ހިތް ހަލަބޮލިވަމުން އައެވެ. އިހްސާސްތައް ހޫރައިންއަށް ބުނެދޭން މަސައްކަތް ކުރަނީ ޒެހެންއަށް އިތުބާރު ކުރުމަށެވެ.

"ހޫރް..." ހަމްދޫނު ގޮވާލީ ނުހަނު ގާތްކަމާއެކުއެވެ. ހޫރައިން އިސްއުފުލައިލިއެވެ. ހަމްދޫނުގެ އަމާޒުވެފައި ހުރި ލޮލާ ލޯ އަމާޒުކޮށްލިއެވެ.

"ތިވަރަށް އަދި ހާސްވާކަށްނުވޭ. މީ ހަމައެކަނި ދެކެވުނު ވާހަކައެއްނު. ބަދަލުކޮށްލި ހިޔާލެއް... އެނގޭތަ... މަންމަ ހޫރައިންގެ ވާހަކަދައްކާއިރު ބައެއްފަހަރު ހީވޭ މަންމަގެ ދަރިއެކޭ ތީ. އަހަރެންނަށް ހޫރައިންގެ ގޮތް ނޭނގޭނެކަން ގަބޫލުކުރަން. އެކަމަކު މަންމަ އަބަދު ހޫރައިންގެ ވާހަކަ އެގޮތަށް ދައްކާތީ ފީލްކުރެވެނީ ތީ ވަރަށް ގާތް ކުއްޖެކޭ... ހޫރައިން، ތި ގޭގަ ފިރިހެނަކު ނެތީމަ އުނދަގޫވާކަން އެނގޭ. ކަމެއް ޖެހިއްޖެއްޔާ އަހަރެން ކައިރީ ބުނާނަންތަ. ތި ފެމެލީއަށް ހެލްޕާވާން އަހަރެން ބޭނުންވެއްޖެނަމަ މިގޭގަ އެކަން މަނާކުރާނެ އެކަކުވެސް ނުހުންނާނެ. ފާޑެއް ކިޔާފާނެތީ ހޫރައިން ކަންބޮޑުވާކަށް ނުޖެހޭނެ. ހީވާގޮތުން ދައްތަ ވެސް ގަބޫލުވާނެ... އެކަމަކު... ހޫރައިންގެ ހިޔާލެއް ނޭނގެ. ހިތް ބުނަނީ ހޫރައިން މީހެއްގެ އެހީތެރިކަމަކަށް ނޭދޭނެއޭ."

ހަސީނާގެ ކޮޓަރިން ސުމައްޔާއާ ދެމީހުން ނުކުތެވެ. ހޫރައިންގެ ކައިރިއަށް ގުދުވެލައިގެން އިން ހަމްދޫނު ހަށިގަނޑު ސީދާކޮށްލިލެއް އަވަސްކަން ދެ މަންމައަށް ވެސް ފެނިއްޖެއެވެ. ގޮނޑީގައި ހަމްދޫނު ހަމަޖެހިލިއެވެ. ދެމީހުން ދެ މީހުންނާ މާނަވީ އަވަސް ނަޒަރެއް ހަސީނާއާއި ސުމައްޔާ ބަދަލުކޮށްލިއެވެ. ހޫރައިން ފުންނޭވާއެއް ލިއެވެ. ހީވީ މި ހުރިހާއިރު ހަމްދޫނުގެ ސަބަބުން އޭނާ އިނީ ނޭވާލަން ދަތިވެފައި ހެންނެވެ. ޖާގަކުޑަ ކޮށްޓެއްގެ ތެރޭ އޭނާގެ ނަފްސު ފިތެމުންދަނިކޮށް އެ ހައްޔަރުން ނެއްޓި މީހާ މިނިވަންވީ ކަހަލައެވެ.

"ސިއްރުވާހަކަ ދައްކަނީތަ؟." އަމިއްލަ ދަރިފުޅާ ހަސީނާ ދިމާކޮށްލިއެވެ.

"ހޫރް ކައިރީ މިކިޔަނީ އެކަނި މިތާ ނީނދެ ޔޫކްއާއެކު ކާޓޫނު ބަލާލަން ކޮޓަރިއަށް އަންނާށޭ." ހަމްދޫނު ތެދުވަމުން ބުނެލިއެވެ.

"ކޮންއިރަކު ބުނީ..." ހިތުން ސުވާލުކޮށްލެވުނު ހޫރައިން ވަގުތުން ހަމްދޫނަށް ބަލާލިއެވެ. އެ ދެ ލޯ ބޮޑުކޮށްލެވިފައިވާއިރު އެ ދެ ލޮލުން އިޝާރާތް އެކުރަނީ ކޮންކަމަކަށްކަން ހަމްދޫނު ދެނެހުއްޓެވެ. ކުރިން ފެނިފައިނުވާ ހިނިތުންވުމެއް ހަމްދޫނުގެ ތުންފަތަށް ވެރިކޮށްލިތަން ހޫރައިން ދުށްޓެވެ. ހިސާބެއްގެ ސަމަސާގޮތާއި ލާނެތް އަސަރެއް އެކުލެވިފައި ވެއެވެ. ހަމްދޫނު ސަމާސާ ކުރާހާ އެދެމެދުގައި އޮތް ގުޅުން ގާތްވެއްޖެބާއޭ ހޫރައިންއަށް ސުވާލުކޮށްލެވުނީ އަމިއްލަ ނަފްސާއެވެ.

ސުމައްޔާއާއި ހޫރައިންއަށް ގެއަށް އާދެވުނީ ރޭގަނޑު އަށެއް ޖަހާ ދިޔަފަހުންނެވެ. ރޭގަނޑު ކައިގެންނޫން ގޮތަކަށް ފޮނުވާލަން ހަސީނާ އެއްބަހެއް ނުވިއެވެ. އެހެން ރޭ ރެއަށްވުރެ އަވަހަށް ޔޫކް ނިދިއެވެ. ހޫރައިން ކޮޓަރިން ނުކުތީ ކޮޓަރިއަށް ގެނެސްފަ ހުންނަ ފެންފުޅި ހުސްވެފައި ހުރީމައެވެ. ސިޓިންރޫމު ސޯފާގައި ޓީވީ ބަލަން އިން ސުމައްޔާއަށް ދަރިފުޅު ފެންނައިރަށް ގޮވާލައިފިއެވެ. ހަމްދޫނު ދެއްކީ ކޮންވާހަކައެއްތޯ އޮޅުންފިލުވަން ސުމައްޔާ ކެތްތެރިކަން ކުޑަވެފައިވިއެވެ. މަންމައަށް ކަންކަން ސިއްރުކުރާން ހޫރައިން ބޭނުމެއްނުވެއެވެ. އެހެންވިޔަސް ހަމްދޫނު ފަހުން ދެއްކި އެއްވެސް ވާހަކައެއް ހޫރައިން ކިޔައެއް ނުދިނެވެ. އެ ވާހަކަތަކުން ހޫރައިންއަށް ނުތަނަވަސްކަމެއް ލިބިފައިވާތީއެވެ. މަންމަ ނުދައްކާ ހުރެހުރެފައި އަނެއްކާ ވެސް އެ މައުޟޫޢުއެއް ފެންމަތިކޮށްލިއެވެ. ކީއްވެކަން މިފަހަރު ހޫރައިންއަށް ވިސްނުނެވެ. ކައިވެނީގެ ވާހަކަ ހޫރައިންގެ ގާތުގައި ސުމައްޔާ ދެއްކީ އުންމީދާއެކުއެވެ.

"ޔާ ﷲ... ކައިވެނި ކުރަންވީތަ. އަނތްބަކަށް ވާންވީތަ... ޔޫކް... އެ ދަރިފުޅަށާއި އަހަންނަށް އެގޮތްތައް އެންމެ ރަނގަޅީ." ފިކުރުތަކައް ގެއްލިފައި ހޫރައިން އެނދުގައި އޮތެވެ.

ޒެހެންއަށް ހޫރައިން ނުފެނި ހުރެފައި ފެނުނީ ޔުނިވަރސިޓީގެ ކިޔެވުން ފެށުނު ދުވަހެވެ. ދުރުދުރުން ހެނދުނު ފެނިލުމުން އެވަރުން ޒެހެންގެ ހިތެއް ނުފުރުނެވެ. އޭނާ ހުރީ ވަގުތެއްވީމާ ހޫރައިން ހޯދައިގެ ބައްދަލުކުރާން ނިންމައިގެންނެވެ.

މަސައްކަތް ނިންމާފައި ހޫރައިން އައިސް ޑީ ބުލޮކު ފަހަތުގައި ތިބި އަންހެނުންތަކުގެ ތެރޭ އިށީނދެއްޖެއެވެ. ހަސީނާ ވެސް އެތަނުގައި އިނެވެ. އޭނާއަށް ހޫރައިން ފެންނައިރަށް ގޮވާލައިފިއެވެ. ބޮޑު ވާހަކައެއް ދައްކަންކަން އެ އުޅެނީ ހޫރައިންއަށް އެނގުނެވެ.

"ކާކަށް ހަސިންތަގެ ނަންބަރު ދީގެން ތިއުޅެނީ." ހަސީނާ އަޑަށް ބާރުލައި ތަފާތު ޖޯޝެއްގަ އަހާލިއެވެ. ހޫރައިންއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ހަސީނާ އެބުނި އެއްޗެއް ފަހުމްވީއެވެ. ދެން އޭނާއަށް ހީނލެވިއްޖެއެވެ. މާބަރަށް ހެވުނީތީ މޫނުފޮތިކޮޅުގެ މަތިން އަނގަމަތީ އަތްތިލަ އަޅާލިއެވެ. އެހެންވިޔަސް އޭނާއަށް ހަމަ ހެވެނީއެވެ. ހަސީނާއެކޭ އެއްފަދައިން އެތަނުގައި ދެން ތިބި މީހުން ވެސް ހިމޭންވީއެވެ. އަޖައިބެއް ފެނިގެން ބަލަން ތިބިހެން ހޫރައިންއަށް އެމީހުން ބަލަނީއެވެ. ހަސީނާގެ މެޔަށް ފުން ތަދެއް އިހްސާސް ކުރެވުނެވެ. އަހަރުތަކަކަށްފަހު ހޫރައިންގެ ހުނުމުގެ އަޑު އޭނާ އެ އެހީ އަލަށެވެ. ހޫރައިންގެ ދެ ލޮލުން ތަފާތު ދިރުމެއްގެ އަސަރު ފާޅުވާތީ ހަސީނާ ދުށްޓެވެ. މީ ދުށުމަށް އެދިއެދި ހުރި އެކަމަކު ފެނުމުގެ ނަސީބު ނުލިބޭނޭ ހީކުރެވުނު މަންޒަރެކެވެ.

"ސޮރީ..." ހުނުން ހުއްޓާލާފައި ދެ ކަންފަތުގައި ހިފާލާފަދައިން ދެއަތް ކަންފަތް ކައިރިއަށް ގެންގޮސް ހޫރައިން ބުނެލިއެވެ. ހަސީނާ އިންތަނުން ތެދުވުމާއެކު ހޫރައިންގެ ބޮލުގައި ބޮސްދީފިއެވެ.

"މީހުންގެ އެސްފީނާއިން މި ދަރިފުޅު ރައްކާތެރިކުރައްވާށެ." ހޫރައިންގެ ބޮލުގައި ފިރުމާލިއިރު ހަސީނާގެ ހިތުގެ އަޑިން ދުޢާކޮށްލިއެވެ. ފެނުނީ އުންމީދުނުކުރާ އުފާވެރި މަންޒަރެކެވެ. އަޖައިބުވެ އަންތަރީސްވާން ޖެހުނީ އެހެންވެއެވެ. ކުރީން އެނގުނުނަމަ އޭނާ އެ މަންޒަރު ފޯނުގައި ރައްކާކުރީހެވެ. ސުމައްޔާއަށް ދެއްކުމަށެވެ. އޭނާ ހެމުންހެމުން ރޯނޭކަން ހަސީނާއަށް ބުނަން އެނގެއެވެ.

"މި މަންމަނަށް ހޭން ވެސް އެނގޭތަ؟." އެމީހުންގެ ތެރޭ އިން ނަޖުމާ ސަމާސާގެ ރާގުގައި ވާހަކަދައްކަމުން ހޫރައިންގެ ކޮނޑާއެކު އަތުގައި ފިރުމާލިއެވެ.

"ޅަސޮރެކޯ އެއީ. ދެން ކިހާ ފޯރިއެއް ހުންނާނެ." ނާޒިމާގެ ގޮނޑުގައި އެލިގަނެގެން އޮވެ ހަސީނާއާ އަގުލީމާ ދިމާކޮށްލިއެވެ.

"ހޫރައިންގެ ކަމަކަށް މިވީ. އަދި އަހަރެމެންގެ ބޮލުގައި އަޅުވަން އުޅެފިއެއްނު." ނާޒީމާ އިނދެފައި ހަސީނާއަށް ބުންޏެވެ.

"އެކަހަލަ ސަމާސާ ކުރާނީ ކަލޭމެން. އެންމެ ފަހުން އެ ދަރިއަށް ވެސް ކަލޭމެންގެ ގޮތް ވާރުތަކުރީ." ހަސީނާ ހިނިއައިސްފަ ބުންޏެވެ. (ނުނިމޭ)