ސްޓެލްކޯ

ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދޭން ފަށަނީ

Jan 6, 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ، ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއެކޮށްފި އެވެ.

ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެމްއޭސީއެލްގެ އެކްޓިން ސީއީއޯ އިބްރާހިމް ތޯހާ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، އެމްއޭސީއެލްއަކީ ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ހިއްސާކުރާ އެއް ކުންފުނި ކަމަށެވެ. އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި، ގުޅުންހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށެވެ.

"އެމްެއޭސީއެލްވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތައް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަންއެެއް އޮތް ކަމަށް އެމްއޭސީއެލްއަށް ވެސް ދަތިކަމެއް ދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން، އެގޮތުން އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިލޭވެގެން ދިއުމާ އެއްކޮށް، އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލް އަށް މިކަން ކޮށްދެވުމަކީ،" މުޣުނީ ވިދާޅުވި އެވެ.

މުޣުނީ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ސްޓެލްކޯއިން އެމްއޭސީއެލް އަށް އަދި ސަރުކާރު ހިއްސާވަ އެހެން ކުންފުނިތަކާއި އާންމު ފަރާތްތަކަށް ވެސް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ތޯހާ ވިދާޅުވީ ވީއައިއޭ އިތުރަށް ތަރައްގީކުރުމަށްޓަކައި މިވަގުތު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ތަރައްގީގެ މާސްޓާޕްލޭންގައި ވެސް ވަރަށް ގިނަ މަޝްރޫއުތަކެއް ހިމެނޭއިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ. އަދި މިވަގުތު އެމްއޭސީއެލްއިން ހުޅުލެއަށް ކަރަންޓުގެ ހިދުމަތްދޭއިރު އެންމެ ބޭނުންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް ނުދެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އަޅުގަނޑުމެންގެ ޕަވަ އެވަރަކަށް އަދި ސަޕްލައިއެއް ނުކޮށްދެވޭ. ސްޓެލްކޯގެ އެހީއާއި އެކު އަޅުގަނޑުމެންނަށް މިކަން ކުރެވެން އަންނަނީ މިވަގުތު. އެހެންވީމަ މިއީ ދެބައިމީހުން ގުޅިގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެެއް ކަމަށް އަޅުގަނޑު ދެކެނީ" ތޯހާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނީ ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށެވެ. މި ގްރިޑާއެކު، ސްޓެލްކޯއިން މިހާރު ވަނީ މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާފަ އެވެ.