ޕީޕީއެމް

ޑެޕިއުޓީ މޭޔަރާއެކު ހަތް މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ރަސްމީ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ދިޔަ ހަރަކާތުގައި ބައިވެރިވި އެ ދެ ޕާޓީގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފައެވެ.

މި ހަރަކާތުގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް އާއި ކައުންސިލް މެންބަރު އައިފާން ހިމެނެއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން އިއްޔެވެސް ހަތް މީހަކު ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރު ކުރީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ގައެވެ. އެ މީހުން ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ.