ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން ނުނިދޭތާ ހަތަރު އަހަރު!

މަލްގޯޒާޓާ ސިލްވިންސްކާ އަކީ ލަންޑަންގައި ދިރިއުޅޭ 39 އަހަރުގެ އަންހެނެކެވެ. މަލްގޯޒާޓާއަކީ އާދަޔާ ޚިލާފު އަދި ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ މީހެކެވެ. މި ބަލީގެ ސަބަބުން ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ރަނގަޅަށް ނިދާލެވިފައިވަނީ އެންމެ 2-3 ދުވަހު އެވެ.

އޭނާއަށް ޖެހިގެން އުޅޭ ބައްޔެއް ޑޮކްޓަރުންނަށް ދެނެގަނެވުނުއިރު މަލްގޯޒާޓާ އަށް ނުނިދިގެން އެކަމުގެ ވޭނުގައި އުޅޭތާ ތިން އަހަރު ވެއްޖެ އެވެ. މި އަންހެންމީހާ އަށް ޖެހިފައިވާ ބައްޔަށް ޑޮކްޓަރީ ބަހުން ކިޔަނީ ސޮމްނީފޯބިއާ އެވެ. މި ބަލި ޖެހޭ މީހުންގެ ސިކުނޑީގެ މަސައްކަތް އެންމެ ވަގުތު ކޮޅަކަށް ވެސް ނުހުއްޓެ އެވެ. އަދި ސިކުނޑީގެ މަސައްކަތް ހަލުވިކަމާއެކު ކުރާތީ ބަލި ޖެހޭ މީހުންނަށް އެއްގޮތަކަށް ވެސް ނުނިދެ އެވެ.

"ދަ ސަން" ގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ބަލީގެ ސަބަބުން މަލްގޯޒާޓާގެ މުޅި ދިރިއުޅުމަށް ވަނީ އޭގެ ނޭދެވޭ އަސަރު ކޮށްފަ އެވެ. އޭނާގެ ހަޔާތުގައި އެއްވެސް ކަމެއް ރަނގަޅަށް ކުރުމުގެ ފުރުސަތު މި އަންހެންމީހާ އަކަށް އެއްގޮތަކަށް ވެސް ނުލިބެ އެވެ. ޑިޕްރެޝަންގެ ޝިކާރައަކަށް ވުމުގެ އިތުރުން އާދައިގެ މީހުން އުޅޭ ގޮތަށް އުޅުމުގެ ކުޅަދާނަކަމެއް ވެސް އޭނާގެ ނެތެވެ.

"އަހަރެންގެ ބޮލުގައި އަބަދުވެސް ވަރަށް ގަދަޔަށް ރިއްސާ. އަދި ލޯ ހިކިގެން ގޮސް ލޮލުން ދިލަނަގާ ވަރުން ވެސް ކެތް ނުވޭ. އަހަރެންގެ ޝޯޓް-ޓާމް މެމޮރީ މުޅިން ހެން ހިނގައްޖެ. އަދި އެއްވެސް ސަބަބަކާ ނުލާ ވެސް އަހަންނަށް އިރުއިރުކޮޅާ ރޮއިގަނެވޭ،" މަލްގޯޒާޓާ ބުންޏެވެ.

އެއްގޮތަކަށް ވެސް ނުނިދޭތީ ބައެއް ރޭރޭ މަލްގޯޒާޓާ ނިދަން މަސައްކަތެއް ނުވެސް ކުރެ އެވެ. އަދި ހަށިގަނޑަށް އަރާމު ލިބޭތޯ ވެސް އޭނާ މަސައްކަތެއް ނުކުރެ އެވެ.

ކުރިން މަލްގޯޒާޓާ އަކަށް މި މައްސަލަ ދިމަލެއް ނުވެ އެވެ. ރޭގަނޑު ހަމަ ވަރަށް ރަނގަޅަށް ނިދާލެވެ އެވެ. އޭނާގެ ޓީންއޭޖް ފުރައިގެ ފިރިހެން ދަރިއަކު ހުރެ އެވެ. އަދި ހެލްތު ފުޑް ކޮމްޕެނީ އެއްގައި މުޅި ދުވަހު މަސައްކަތްކުރުމަށްފަހު ރޭގަނޑު އެނބުރި އައިސް ފިރިމީހާ ކާން ކައްކާދޭ ކަމަށް ވެސް މަލްގޯޒާޓާ ބުންޏެވެ.

"އޭރު އަހަރެން ގެޔަށް އައިސް ހޫނު ފެނުން ފެންވަރާލައިގެން އޮށޯވެ ޓީވީ އޮން ކޮށްލާއިރަށް އިރުކޮޅެއް ތެރޭ ނިދޭނެ. އަހަރެން ނިދަން ލޯބިކުރާ ވަރުން ބައެއް އެކުވެރިން ބައެއް ދުވަސް ދުވަހު ރޭގަ ނުނިދެއޭ ބުނީމަ ވެސް އެ ވާހަކަ ގަބޫލު ވެސް ނުކުރެވޭ،' މަލްގޯޒާޓާ ބުންޏެވެ.

މަލްގޯޒާޓާ އަށް މި މައްސަލަ ދިމާވީ 2017ގައި އޭނާ ސްޕޭނަށް ކުރި ދަތުރަކަށް ފަހުގަ އެވެ. ފުރަތަމަ ކޮޅު ނުނިދިގެން އޭނާ ވަރަށް ގިނަ އުކުޅުތައް ބޭނުންކޮށްގެން ނިދޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން ސްލީޕިން އެކްސަސައިޒާއި ނިދާ ބޭސް ވެސް އޭނާ ބޭނުންކުރި އެވެ. އަދި އެކި ކަހަލަ ރިލެކްޒޭޝަން ޓެކްނިކްސްތައް ބޭނުންކޮށްގެން ވެސް ނިދޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މިހާތަނަށް އޭނާގެ މި ބައްޔަށް ފަރުވާއެއް ދެވުނު ޑޮކްޓަރަކު ހުރި ކަމަކަށް ނުވެ އެވެ.