ބޮލީވުޑް

ޓީވީ އެކްޓަރުން ކަމަށްވާ ސަންޖީދާ އާއި އާމިރު ވަރިވެއްޖެ

ޓިވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ދެ ފަންނާނުން ކަމަށްވާ އާމިރު އަލީ އާއި ސަންޖީދާ ޝޭޚްގެ ނުވަ އަހަރުގެ ކައިވެނީގެ ގުޅުމަށް ނިމުން އަތުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެމީހުންގެ ވަރީގެ ކަންތައް ނިންމާލާފައި މިވަނީ ވަރިވާން ކޯޓަށް ދިޔަތާ ނުވަ މަސް ދުވަސް ފަހުންނެވެ. ނަމަވެސް މި ދެ މީހުންގެ މެދުގައި ޖެހުނު މައްސަލަތަކާއި ބެހޭ އެއްވެސް ވާހަކައެއް އެމީހުން ނުދައްކަ އެވެ.

އާމިރާއި ސަންޖީދާ ވަރިވިއިރު އެ ދެ މީހުންގެ އަންހެން ދަރިފުޅު އައިރާ އަށް އެންމެ ދެ އަހަރެވެ.

ސަންޖީދާ އާއި އާމިރު 2012ގައި ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވެސް ވަރަށް ގިނަ އަހަރު ތަކަކަށް ފަހުގަ އެވެ.

އެމީހުންގެ ކައިވެނީގައި މައްސަލަތައް ޖެހި ވަރިވާން އުޅޭކަމުގެ ޚަބަރުތައް ފެތުރެން ފެށީ 2020 އިން ފެށިގެންނެވެ. އަދި އެމީހުންގެ ދަރިފުޅަކީ ސަންޖީދާ ވިހޭ ކުއްޖެއް ނޫން ކަމަށާއި އެ ކުއްޖާ ހޯދާފައިވަނީ ވެސް ސަރަގަސީ މަންމައެއްގެ ފަރާތުން ކަމަށްވެސް ބައެއް ނޫސްތަކުން މީގެ އަހަރެއްހާ ދުވަސް ކުރިން ރިޕޯޓު ކޮށްފައި ވެއެވެ.

އެ ދެ މީހުންގެ ގާތް މީހަކު ބުނީ ދެ މީހުންނަކީ ވެސް ވަރަށް ޕްރައިވެޓް ބަޔަކަށް ވާތީ ވަރީގެ ވާހަކަ ދައްކަން އެމީހުން ބޭނުމެއް ނޫނެވެ.

ވަރިވާން ދެ މީހުން ނިންމުމަށްފަހު ސަންޖީދާ ދިރިއުޅެމުން ދިޔައީ އޭނާގެ ބައްޕަގެ ގޭގަ އެވެ. އަދި ވަރިއަށް ފަހު ދަރިފުޅު ބެލުމުގެ ޒިންމާ ކޯޓުން ހަވާލުކޮށްފައިވަނީ ސަންޖީދާއާ އެވެ.

ސަންޖީދާ އާއި އާމިރަކީ ޓީވީގައި މަސައްކަތްކުރާ ލޯބީގެ ޖޯޑުތަކުގެ ތެރެއިން އެންމެ މަގްބޫލު އެއް ޖޯޑެވެ. އެމީހުން އެކުގައި "ނަޗް ބަލިޔޭ 3"ގައި ބައިވެރިވެ އެ ސީޒަން ކާމިޔާބު ކޮށްފައި ވެއެވެ.

ސަންޖީދާ ކުޅެފައިވާ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި "ކިޔާ ހޯގާ ނިންމޯ ކާ" އާއި "ލަވް ކާ ހޭ އިންތިޒާރު" އަދި "އޭކް ހަސީނާ ތީ" ހިމެނެ އެވެ. އަދި ހެމާ މާލިނީ އާއި އަމީތާބު ބައްޗަންގެ ވަރަށް ރީތި ފިލްމެއް ކަމަށްވާ "ބާޣްބާން"ގައި ވެސް ސަންޖީތާ ބައިވެރިވި އެވެ.

އާމިރު ކުޅެފައިވާ ސިލްސިލާތަކުގެ ތެރެއިން އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ "ވޯ ރެހެނޭ ވާލީ މެހެލޯން ކީ" އަދި "އެފް.އައި.އާރް" އެވެ.

ބޮލީވުޑް ފިލްމުތަކުގެ ތެރޭއިން "ޔޭ ކިޔާ ހޯ ރަހާ ހޭ" އާއި "އައި ހޭޓް ލަވް ސްޓޯރީޒް"ގައި އާމިރު ބައިވެރިވެފައި ވެއެވެ.