ކެޓުރީނާ ކައިފް އާއި ދީޕިކާ ޕަދުކޯންގެ މެދުގައި އޮންނަ ރުޅިވެރިކަމުގެ ވާހަކައަކީ ބޮލީވުޑްގައި ވަރަށް މަޝްހޫރު ވާހަކަ އެކެވެ. އަދި އެ ދެ ހަތުރުން މިތުރުންނަށް ވެދާނެ ކަމަކަށް ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކެޓުރީނާ އާއި ދީޕިކާ އެ މީހުންގެ މެދުގައި އޮތް ނަފްރަތުކަން ފިލުވާލައި ސުލްހަ ވެއްޖެ އެވެ.
ކެޓުރީނާ އާއި ދީޕިކާގެ މެދުގައި އޮތީ ފިލްމީ މައިދާނުގައި އޮންނަ ވާދަވެރިކަމެއް ނޫނެވެ. އަދި ދެ މީހުން ރުޅި އައިސްގެން އުޅުނީ އެކަކަށް ވުރެ އަނެކަކަށް ރަނގަޅު ފިލްމުތައް ލިބޭތީ ހަސަދަވެރި ވެގެނެއް ވެސް ނޫނެވެ. އެ ދެ ބަތަލާއިން ރުޅި އައިސްގެން އުޅުނީ ރަންބީރު ކަޕޫރާ ހެދި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކެޓުރީނާ އާއި ރަންބީރު ރައްޓެހިވީ ދީޕިކާ އާއި ރައްޓެހިވެގެން އުޅެފައި އޭނާއަށް ލަނޑުދީފައި ރުޅިވުމަށް ފަހުގަ އެވެ. މި ރުޅިވެރިކަން ބޮޑުވެ 'ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ދީޕިކާ ވަނީ ކެޓުރީނާގެ އުމުރާ ގުޅޭ ގޮތުންވެސް ސުވާލުކޮށް ފާޅުގައި އޭނާއާ ދިމާކޮށްފަ އެވެ.
ނަމަވެސް މިހާރު ދީޕިކާ ވެސް ވަނީ ރަންވީރު ސިންގްއާ ކައިވެނިކޮށް އުފާވެރި ޒަވާޖީ ހަޔާތެއް ފަށާފަ އެވެ. އަދި ކެޓުރީނާ ވެސް ވަނީ ވިކީ ކޯޝަލްއާ ކައިވެނިކޮށްފަ އެވެ. އެހެންކަމުން މި ދެ ބަތަލާއިންގެ މެދުގައި ޖެހުނު މައްސަލައިގެ އަސްލު ކަމަށްވާ ރަންބީރު ކަޕޫރު އެ ދެ މީހުންގެ ހަޔާތުގައި ވެސް ނެތުމުން ސުލްހަވާން އެމީހުންނަށް ފަސޭހަވި އެވެ.
މިދިޔަ ހަފުތާގައި ފާހަގަކުރި ދީޕިކާގެ 36 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކެޓުރީނާ ވަނީ ފޮނުވާފަ އެވެ. އަދި މި ތަހުނިޔާގެ މެސެޖާއެކު ދެ މީހުންގެ ރުޅިވެރި ކަމަށް ނިމުން އައިކަމުގެ ވާހަކައިގެ އަޑު ވަނީ ގަދަވެފަ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އުފަން ދުވަސް ފާހަގަކުރުމަށާއި ޗުއްޓީއެއް ހޭދަކޮށްލަން ދީޕިކާ އާއި ފިރިމީހާ ރަންވީރު މިހާރު ތިބީ ރާއްޖޭގެ ރިސޯޓެއްގަ އެވެ. ކުރިން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހު އިންޑިއާގެ އަލީބާގްގައި އޮންނަ ދީޕިކާގެ އާ ފިލްމު "ގެހެރާއިޔާން"ގެ ޓްރެއިލާ ލޯންޗުކުރާ އިވެންޓުގައި ބައިވެރިވާން ދީޕިކާ އިންޑިއާ އަށް ފުރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތު އިންޑިއާގައި ގޯސްވަމުން ދާތީ އެ އިވެންޓް ކެންސަލް ކުރުމުން އެ ދެމަފިރިންގެ ޗުއްޓީގެ ދުވަސްތައް އިތުރުކޮށް ރާއްޖޭގައި އިތުރު ދުވަސްތަކެއް ހޭދަކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.