މޯލްޑިވްސް ޕޮލިސް ސާވިސް

"އިންޑިއާ އައުޓް" ޓީޝާޓް ނުލަން ނާންގަން: ފުލުސް

"އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ނުލަން އިދިކޮޅުގެ ސަޕޯޓަރުންނަށް ފުލުހުން އަންގަމުންދާ ކަމަށް ކުރެވޭ ތުހުމަތު ފުލުހުންގެ ހިދުމަތުން ދޮގު ކޮށްފި އެވެ.

ރާއްޖޭގަައި ތިބި އިންޑިއާ ސިފައިން ބޭލުމަަށް ގޮވާލާ ޕީޕީއެމް އާއި ޕީއެންސީން ގެންދަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ. އެކަމަށް ގޮވާލާ ތައްޔާރުކުރާ ޕެޓިޝަނެއްގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އިދިކޮޅުގެ ސަޕޯޓަރުން ކުރިއަށް ގެންދާ މަގުމަތީ ހަރަކާތްތަކާއި އެ ނޫން އެއްވުންތަކުގައިވެސް "އިންޑިއާ އައުޓް" ލިޔެފައިވާ ރަތް ކުލައިގެ ޓީޝާޓެއް ބޭނުން ކުރެއެވެ. އެފަދަ ހަރަކާތްތަކާއި އެއްވުންތައް ހުއްޓުވަން ހަރަކާތްތެރިވާ ފުލުހުން އާންމުންނަށް "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ލައިގެން ނުތިބުމަށް އަންގަމުންދާ ކަަމަށް ވާހަކަ ދެކެވެއެވެ. ބައެއް ނޫސްތަކުގައި އެެފަދަ ވާހަކަތައް ރިޕޯޓްވެސް ކޮށްފައިވެއެވެ.

އަދި ޓީޝާޓްގައި "އިންޑިއާ އައުޓް" އިނގިރޭސިން ލިޔުމުގެ ބަދަލުގައި ދިވެހީން ލިޔުމަށް އަންގަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތުން އެ ވާހަކަތައް ދޮގު ކުރެއެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް ފުލުހުން އަންގާފައި ނުވާނެ ކަމަށެވެ. އަދި ބަޔަކު ފަތުރަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގަައި ތިބި އިންޑިއާ ސިފައިން ބޭލުމަަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިނަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ފެއްޓެވި ކެންޕެއިނެކެވެ. މިނިވަންވެވަޑައިގަތުމާއެކު އެ ކެންޕެއިން ރަސްމީ ކުރައްވާ އެކަމުގައި އިސްކޮށް ހުންނަވަނީވެސް އެމަނިކުފާނެވެ.