ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ އެއްވުމުގެ ތެރެއިން މިއަދުގެ އެއްވުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފި އެވެ.
މި ފަހުން ކޮންމެ ދުވަހަކު ހަވީރު ޕީޕީއެމްގެ އޮފީސް ކުރިމަތީ އެއްވުން ކުރިއަށް ގެންދެއެވެ. ގިނަ ބަޔަކު ބައިވެރިވި މިއަދުގެ އެއްވުމުގެ ތެރެއިން 28 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ވަނީ އެެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައެވެ.
ބައެއް މީހުންގެ މޫނަަށް ސީދާ އަމާޒުކޮށް ވެސް ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ.
މީގެ އިތުރުން ހައްޔަރު ކުރި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައިވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މަންޒަރު ފެނިގެންދިޔަ އެވެ.
ބައެއް މީހުން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އެރުވުމަށް ފަހުވެސް އެ މީހުންނަށް އަނިޔާވާ ގޮތަށް ގަސްތުގައި ފުލުހުން އަމަލު ކޮށްފައިވެއެވެ.
ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ "ވަރަށް ލާއިންސާނީ" ގޮތަކަށް ކަމަށެވެ. ގިނަ ބައެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހި ކަމަށާއި ބައިވެރިންނަށް އަނިޔާ ކުރި ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅުގެ ހަރަކާތުގެ ބައިވެރިންނަށް ފުލުހުން އިހާނެތިކޮށް ކަންކުރަނީ ސަރުކާރުގެ ބޮޑުންގެ އިރުޝާދުގެ މަތިން ކަމަށް ވެސް ހީނާ ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ އޭގެން ދޭހަވަނީ ސަރުކާރުން އިންޑިއާގެ އަޅުވެތިކަމުގައިވާ މިންވަރު ކަމަށެވެ.
އިދިކޮޅުން ދަނީ އިންޑިއާ އައުޓް ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ. އިއްޔެ ވެސް ވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެ ހަރަކާތް ހިންގާފަ އެވެ. ފުލުހުން ވަނީ އިއްޔެގެ ހަރަކާތުން ވެސް ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ކުރީ ދުވަހުވެސް 11 މީހުން ހައްޔަރުކުރި އެވެ.
ރާއްޖޭގަައި ތިބި އިންޑިއާ ސިފައިން ބޭލުމަަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިނަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ފެއްޓެވި ކެންޕެއިނެކެވެ. މިނިވަންވެވަޑައިގަތުމާއެކު އެ ކެންޕެއިން ރަސްމީ ކުރައްވާ އެކަމުގައި އިސްކޮށް ހުންނަވަނީވެސް އެމަނިކުފާނެވެ.