ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނާ ދިމާކޮށް އެތައް މަޝްރޫއެއް ފަށަނީ

Jan 7, 2022
3

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ދާއިރާގެ ރަށްތަކުގައި މަޝްރޫއުތަކެއް ފެށުމަށް ނިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރައްވައިފި އެވެ.

ރައީސް ސޯލިހް މިމަޝްރޫއުތައް އިއުލާންކޮށްދެއްވީ އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމުގައިވާ ކޮމަންޑޫ އަކީ ބިން ކުޑަ އާބާދީ ބޮޑު ރަށެއް ކަމަށެވެ. ކޮމަންޑޫގެ އެތައް ރައްޔިތަކު ބޯހިޔާވަހިކަން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮމަންޑޫގައި ހިއްކާފައިވާ ކުޑަ ބިންކޮޅުން ގޯތި ދޫކުރާނެ ކަމަށެވެ. ގާނޫނީ ގޮތުން އެކަން ކުރެވޭނީ ކޮމަންޑޫ ކައުންސިލުން އެރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުން ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަށް ކޮމަންޑޫން ގޯތި ދޫކުރާނެ ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ބައެއް ކޮމަންޑޫގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވި އެވެ. ނަމަވެސް އެ މަޝްރޫއު އެކަނި ހިންގައިގެން ކޮމަންޑޫ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކުރެވޭނެ ކަމަށް ރައީސް ގަބޫލުކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު އަންނާނީ އެރަށާ މަތި ކޮމަންޑޫ ގުޅާލައިގެން ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި "ފުލް ސްޕީޑްގައި" މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް އިއުލާން ކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ދެ ކޮމަންޑޫ ގުޅާލުމުގެ ޕްލޭން ވެސް އޮތީ ހަދާ ނިމިފަ އެވެ.

"ބުނެފާނެ މިއީ ކެމްޕޭނ ގުޅުވައިގެން ފަށާ ކަމެކޭ. އެހެނެ ވިދާޅުވިޔަސް ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާ މަންޒަރު ފެނިގެންދާނެ. ކެމްޕޭނާ މިކަމަކާ ގުޅުމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމަންޑޫ ކައިރީގައި ޓޫރިޒަމްގެ މަސައްކަތް ފެށިގެން ދިޔުމަކީ ވެސް ކޮމަންޑޫ ރައްޔިތުން އެދޭ ކަމެއް ކަމަށެވެ. އެހެންވެ އެރަށުގެ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމުގެ މަސައްކަތް ކެމްޕޭނާ ގުޅުވިޔަސް ފަށާނެ ކަމުގައި ވިދާޅުވި އެެވެ. ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ލިސްޓުގައި އެރަށް މިހާރުވެސް ހިމެނޭ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮމަންޑޫގެ ބަނދަރު ވަރަށް ފަހުން ހަދާ ނިމުނު ނަމަވެސް ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ރަށުގެ ރައްޔިތުން އެދޭތީ މިއަހަރު އެ މަސައްކަތް ފަށާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް އެރަށުގެ މަސްވެރިން އެދޭތީ އެ މަސައްކަތް ފެށުމަށްޓަކައި ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް ބީލަމަށް ލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމަންޑޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިގެން ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮމަންޑޫ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫއާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ފޯކައިދޫ އަކީ މީގެކުރިން ރާއްޖޭގެ ޗާޓުގައިވެސް އޮތް ރަށެއް ނޫން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުތައް ފިޔަވާ އެއްވެސް ސަރުކާރަކުން ފޯކައިދޫއަށް އަޅާލުމެއް ނެތް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ފޯކައިދޫއާ ގުޅޭ މަޝްރޫއުތައް ހިއްސާކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެރަށު ޕޮލިސް ސްޓޭޝަނާއިި، ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. ފޯކައިދޫގެ ފެނާއި ނަރުސަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބަނދަރުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި ފެނަކައިގެ އާ އިންޖީނުގެއާ ފޯކައިދޫ ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުމަށް ފޯކައިދޫ ރައްޔިތުން އެދޭތީވެ އެމަސައްކަތް ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންވެސް ރައީސް ދެއްވެވި އެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮށްޓާ ގުޅޭ މަޝްރޫއުތައް ހިއްސާކުރައްވަމުން ރައީސް ސޯލިހް ވަނީ މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް އަންނަ ހަފްތާ ފެށިގެން ކުރިއަށްދާނެ ކަމަށްވެސް އިއުލާން ކުރައްވާފަ އެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް މިއަހަރަށް ބަޖެޓް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެެވެ.