މޯލްޑިވްސް ޕޮލިސް ސާވިސް

އިދިކޮޅު އެއްވުމުން ހައްޔަރުކުރި މީހަކަށް ބޮޑެތި ތުހުމަތުތަކެއް

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ކޮށްފި އެވެ.

މިއަދުގެ އެއްވުމުގެ ތެރެއިން 29 މީހަކު ހައްޔަރު ކުރި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އޭގެތެރެއިން އެކަކު ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކަމަށެވެ.

ދެން ހައްޔަރުކުރި 28 މީހުންނަށް ފުލުހުން ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ އެއްވުމުގެ ތެރެއިން މިއަދުގެ އެއްވުން ފުލުހުން ވަނީބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ.

ފުލުހުން ވަނީ އެެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. ބައެއް މީހުންގެ މޫނަަށް ސީދާ އަމާޒުކޮށް ވެސް ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ.

މީގެ އިތުރުން ހައްޔަރު ކުރި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައިވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މަންޒަރު ފެނިގެންދިޔަ އެވެ.

ބައެއް މީހުން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އެރުވުމަށް ފަހުވެސް އެ މީހުންނަށް އަނިޔާވާ ގޮތަށް ގަސްތުގައި ފުލުހުން އަމަލު ކޮށްފައިވެއެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ "ވަރަށް ލާއިންސާނީ" ގޮތަކަށް ކަމަށެވެ. ގިނަ ބައެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހި ކަމަށާއި ބައިވެރިންނަށް އަނިޔާ ކުރި ކަމަށް ވެސް ވިދާޅުވި އެވެ.