ބަތަލާ ސުޝްމިތާ ސިންގް އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރަހްމާން ޝޯލް ރުޅިވެފައި ވާކަން ސުޝްމިތާ އާއި ރަހްމާން ވެސް ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ.
އޭގެ ފަހުން އިންސްޓަގްރާމް ލައިވް ސެޝަން އެއްގައި ސުޝްމިތާ ވަނީ ރަހްމާން އާ ރުޅިވާން ޖެހުނު ސަބަބު ކިޔައިދީފަ އެވެ. އޭނާ އެޑޮޕްޓް ކޮށްފައިވާ ދެ ދަރިން ކަމަށްވާ ރީނީ އާއި އަލީސާ އާއެކު ސުޝްމިތާ ބައިވެރިވި މި ސެޝަންގައި އޭނާ ފެނުނީ މުޅިން ތަފާތު ސިފަ އަކަށެވެ. އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލައި ސިފައަށް ބޮޑު ބަދަލެއް އޭނާ ގެނެސްފައި ވެއެވެ.
މި ލައިވް ސެޝަންގައި ފޭނަކު ކުރި ސުވާލެއްގެ ޖަވާބުގައި ސުޝްމިތާ ބުނީ އޭނާއަށް ލޯތްބަށް ވުރެ ގަދަރުގެ މުހިއްމުކަން ބޮޑު ކަމަށެވެ.
"އަހަންނަށް ހުރިހާ ވެސް އެއްޗަކީ ގަދަރު. އަހަރެންގެ ކުރިމަތީގައި ގަދަރަށް ވުރެ އެއްވެސް އެއްޗަކަށް ކުރިއެއް ނުހޯދޭނެ. ސަބަބަކީ ލޯތްބަކީ ވަރަށް ފުން އިހްސާސަކަށް ވެފައި އެ ލޯތްބެއް ނެތި ދިއުމުގެ އިހްސާސް ވެސް އެހާ ފުން ވީމަ،" ސުޝްމިތާ ބުންޏެވެ.
ސުޝްމިތާ ބުނި ގޮތުގައި ލޯބިވިޔަސް ގަދަރު ނުކުރާނަމަ އެ ލޯބީގައި އެއްވެސް މާނައެއް ނެތެވެ. ލޯތްބަކީ އައިސް ގޮސް ވާ އެއްޗެއް ކަމަށާއި ނަމަވެސް ގަދަރަކީ އަބަދުވެސް އެމީހާ އާއެކު ވާ އެއްޗެއް ކަމަށް ވެސް ސުޝްމިތާ ބުންޏެވެ.
"ލޯބި ވާނެ ދެވަނަ ފުރުސަތެއް ވެސް ލިބިދާނެ. އެއީ ހަމައެކަނި ލޯތްބާ ދޭތެރޭ ވިސްނާ ކަމަށް ވަންޏާ. ނަމަވެސް ގަދަރާއި ނުލާ ލޯތްބަކީ ވަގުތީ އެއްޗެއް. ގަދަރު ނެތިއްޔާ ލޯބީގެ އަގެއް ނެތް،" އޭނާއަށް ގަދަރުގެ މުހިއްމުކަން ބުނެދެމުން ސުޝްމިތާ ބުންޏެވެ.
ސުޝްމިތާ އާއި ރަހްމާން މިދިޔަ ޑިސެމްބަރު މަހު ރުޅިވިކަން ހާމަ ކުރިއިރު އެމީހުންގެ ލޯބީގެ ގުޅުމަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެފައި ވެއެވެ.
"އަހަރެމެންގެ ގުޅުން ފެށުނީ އެކުވެރިކަމުން. އަދި އެކުވެރިންގެ ގޮތުގައި އަބަދުވެސް ދެމި ތިބޭނަން. ނަމަވެސް އަހަރެމެންގެ ލޯބީގެ ގުޅުމަށް ނިމުން އައިތާ ކިތަންމެ ދުވަހެއް ވެއްޖެ،" ރަހްމާނާ ރުޅިވިކަން ހާމަ ކުރަން ސުޝްމިތާ ސޯޝަލް މިޑިއާގައި ޝެއާ ކުރި މެސެޖުގައި ވެއެވެ.
ރަހްމާނާ ވަކިވުމަކީ ސުޝްމިތާ އަށް ވެސް ވަރަށް ހިތްދަތި ތަޖުރިބާއެއްކަން އޭނާގެ ވާހަކަތަކުން ހާމަވި އެވެ. ނަމަވެސް އޭނާ ބޭނުންވާ ގަދަރު ނުލިބުމުން މަޖްބޫރުން ވަކިވީކަމަށް އޭނާގެ ވާހަކައިން ދޭހަވި އެވެ.