ބޮލީވުޑް

ތިން މީހުންނާ ކައިވެނިކުރަން އުޅެގެންވެސް ލިބުނީ ލަނޑު: ސުޝްމިތާ

ސުޝްމިތާ ސެން އަކީ މިސް. ޔުނިވާސްގެ ތާޖް 1994ގައި ހާސިލްކޮށްފައިވާ ރީތީގެ ރާނީ އެކެވެ. ނަމަވެސް އުމުރުން މިހާރު 46 އަހަރު ފުރިފައިވާ ސުޝްމިތާ އަދިވެސް ހުރީ ކައިވެންޏެއް ނުކޮށް ސިންގަލް ކޮށެވެ.

ދާދިފަހުން ޓްވިންކަލް ކަންނާގެ ޔޫޓިއުބު ޗެނަލް ޝޯ ޓުވީކްގައި ވާހަކަ ދައްކަމުން ސުޝްމިތާ ވަނީ އޭނާގެ ހަޔާތުގެ ވަރަށް ގިނަ ސަފުތާތައް ހުޅުވާލާފަ އެވެ. އަދި މިހާތަނަށް އޭނާ އަށް ކައިވެނި ނުކުރެވި ހުރި ސަބަބާއި އުމުރުން އެންމެ 24 އަހަރުގައި ކުއްޖަކު އެޑޮޕްޓްކޮށް މަންމައަކަށް ވާން ނިންމި ސަބަބު ވެސް އޭނާ ކިޔައިދިނެވެ.

ސުޝްމިތާ ބުނި ގޮތުގައި އޭނާގެ ހަޔާތަށް ވަރަށް ޝައުގުވެރިވާ ކަހަލަ އެތައް ފިރިހެނުންނެއް އައެވެ. ނަމަވެސް އޭގެން އެއްވެސް މީހަކާ ކައިވެނި ނުކުރެވުނީ އެމީހުންގެ ފަރާތުން އޭނާ އުންމީދުކުރި ކަހަލަ ގޮތަކަށް ކަންތައްތައް ނުފެނުނީމަ އެވެ.

"އެ އެންމެންގެ ފަރާތުން ވެސް އަހަންނަށް ލިބުނީ މާޔޫސްކަމާއި ހިތްދަތިކަން. އެއީ ކޮންމެހެން އަހަރެން އެޑޮޕްޓްކޮށްފައިވާ ކުދިން އަހަންނާ އެކު ތިބީމައެއް ނޫން. ތިން ފަހަރެއްގެ މަތިން އަހަރެން ކައިވެންޏަކަށް ވިސްނިން. ނަމަވެސް އެ މީސް މީހުންނަކީ ކައިވެންޏަށް އެކަށީގެންވާ ބަޔެއް ނޫންކަން ޔަގީންވާ ހިސާބުން އަހަރެން އެމީހުންނާ ދުރަށް ދަނީ. އެހެން ގޮތަކަށް ބުނާނަމަ ބުނެވޭނީ އެމީހުންގެ ކިބައިން އަހަންނާއި އަހަރެންގެ ދަރިން ސަލާމަތްވީ ކަލާންގެ ރައްކާތެރި ކުރެއްވީމައޭ،" ސުޝްމިތާ ބުންޏެވެ.