ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑް ފިލްމީ ބަތަލާ ސުޝްމިތާ ސެން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިންޑިއާގެ މަޝްހޫރު މަހުޖަނު ލަލިތު މޯދީ ހާމަކުރީ މިދިޔަ ޖުލައި މަހު އެވެ.
ލަލިތު މިކަން ހާމަކުރީ ސުޝްމިތާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ވަރަށް ގައިގޯޅި ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ޕޯސްޓްކޮށްގެންނެވެ.
ލަލިތު ފަހުން ވަނީ ސުޝްމިތާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމަށްވެސް ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. ނަމަވެސް އޭގެ އެންމެ ދެ މަސް ފަހުން މިހާރު ފެތުރެމުންދާ ޚަބަރަކީ ލަލިތު އާއި ސުޝްމިތާގެ ލޯބީގެ ގުޅުން ކެނޑިއްޖެ ކަމަށެވެ.
މި ވާހަކަތައް ބޮޑަށް ހޫނުވީ ފާއިތުވީ ދެ މަހުއްސުރެ ލަލިތުގެ އިންސްޓަގްރާމް ބައޯ އަށް ލާފައިވާ އޭނާ އާއި ސުޝްމިތާގެ ފޮޓޯ ކުއްލިއަކަށް ބަދަލުކޮށްލީމަ އެވެ. މިފަހަރުގެ ފޮޓޯގައި އަދި އޭނާގެ އެކައުންޓްގެ ތައާރަފްގައި ލިޔެފައިވާ ލިޔުންކޮޅުގައި ވެސް ސުޝްމިތާގެ ފޮޓޯއެއް ނަމެއް ނެތެވެ.
ލަލިތު އާއި އޭނާގެ ލޯބީގެ ގުޅުން އޮތް ކަމަށް ސުޝްމިތާ ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި މި ދެ މީހުންގެ އުމުރުގެ ތަފާތުކަމުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ސުޝްމިތާ އަށް މަލާމަތްކޮށް އޭނާއަކީ ފައިސާގެ ފަހަތުން ދުވާ މީހެކޭ ކިޔާފައި ވެއެވެ.
މަލާމަތްކުރާ މީހުންނަށް ޖަވާބު ދެމުން ސުޝްމިތާ ބުނީ އޭނާ އަކީ އެއްއިރެއްގައި ވެސް ފައިސާ ބޭނުންވާ މީހެއް ނޫން ކަމަށާއި އޭނާ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން ގަންނަނީ އަލިމަސް (ޑައިމަންޑް) ކަމަށެވެ.
ލަލިތު އާއި ސުޝްމިތާގެ ލޯތްބަށް ނިމުން އައި ޚަބަރު މީޑިއާތަކާ ހަމައަށް އައުމުގެ ކުރިން ސުޝްމިތާގެ ދަރިފުޅު ރީނީގެ އުފަން ދުވަހުގެ ހަފުލާގައި އޭނާގެ ކައިރީގައި ކުރީގެ ލޯބިވެރިޔާ ރަހްމާން ޝޯލް ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ދައުރުވެފައިވެ އެވެ.
ކުރީގެ ލޯބިވެރިޔާ ރަހްމާންއާ އެކު ސުޝްމިތާ ފެނުމުން ބައެއް މީހުންނަށް ކޮންމެވެސް ގޯހެއް އުޅޭހެން ހީވެގެން އެ ވާހަކަތައް ދައްކާފައިވެ އެވެ. ރަހްމާން އަނެއްކާވެސް ސުޝްމިތާއާ މާގާތް ކޮށްލައިގެން އުޅެނީ ލަލިތު އާ ސުޝްމިތާގެ ގުޅުން ކެނޑުނީމަ ކަން ޔަގީންކުރެވުނީ މާފަހުންނެވެ.