ބޮލީވުޑް

މަހޭޝް ބަޓް ވަރަށް މަލާމާތްކުރި: ސުޝްމިތާ

ރީތީގެ ރާނީގެ ލަގަބު ހޯދާފައިވާ ބަތަލާ ސުޝްމިތާ ސެން ބޮލީވުޑަށް ތައާރަފްވީ "ދަސްތަކް" ކިޔާ ފިލްމަކުންނެވެ. އެއީ މަހޭޝް ބަޓް ޑައިރެކްޓްކުރި ފިލްމެކެވެ. ނަމަވެސް މަހޭޝް ބަޓްއާ އެކު ފުރަތަމަ ފިލްމު ކުޅުމުގެ ތަޖުރިބާ ސުޝްމިތާ އަށް ކުރެވުނީ ވަރަށް ހިތިކޮށެވެ.

ދާދިފަހުން އޭނާ ދީފައިވާ އިންޓަވިއު އެއްގައި ސުޝްމިތާ ބުނީ އެ ފިލްމުގެ ސެޓުގައި 60 ވަރަކަށް މީހުން ތިއްބާ އެ އެންމެން ކުރިމަތީގައި މަހޭޝް ބަޓް އޭނާއަށް އެއްޗެތި ގޮވިކަމަށެވެ. އަދި އެކަމާ އައި ރުޅިން އޭނާ އެތަނުން ތެދުވެގެން ދާން މަޖުބޫރުވި ކަމަށެވެ. ނަމަވެސް ފަހުން މަހޭޝް ބަޓް އައިސް އެއީ އޭނާ ގަސްތުގައި ސުޝްމިތާ އަށް ފިލްމުގެ ޕްލޮޓް ވިސްނައިދޭން ކުރި ކަމެއް ކަމަށް ބުނި ކަމަށްވެސް ސުޝްމިތާ ބުނެފައި ވެއެވެ.

"ފިލްމު ސެޓުގައި އެއް ދުވަހަކު މަހޭޝް ބަޓް އަހަންނަށް ގޮވާފަ ބުނި ނިކަން ސުޝްމިތާ އަށް ވެގެން ފިލްމެއްގައި އުޅޭނެ ގޮތް ކުޅެލަ ބަލާށޭ. ނަމަވެސް އަހަރެންނަށް އެކަން އެހާ ފަސޭހައެއް ނުވި. ސަބަބަކީ އެކްޓިންގެ ތަޖުރިބާ އަހަރެންގެ ނެތީމަ. ދެން އޭނަ އަހަންނާ ދިމާލަށް ބުނި އޭނައަކީ ވަރަށް ކުޅަދާނަ ޑައރެކްޓަރަކަށް ވިޔަސް އަހަންނަކީ މޮޅު އެކްޓަރެކޭ ކޮންއިރަކުހޯ އޭނަ ބުނީ؟" ސުޝްމިތާ ކިޔައިދިނެވެ.

"ފިލްމުގެ ޝޫޓިންގް ފެށި ފުރަތަމަ ދުވަހު ވެސް މަހޭޝް ބަޓް އެ ވަރަށް އަހަންނަށް މަލާމާތްކުރި. ބުނި ކަލެއަކަށް އެކްޓްކުރާކަށް ނޭގެޔޯ. ކާކުހޯ އެކްޓް ކުރެވޭނޭ ބުނީ. އަހަންނަށް ރުޅިއައިސްގެން ގޮސް ރޮވުނު. އަދި ވަގުތުން އެތަނުން ނުކުމެގެން ދާން ހިނގައިވެސް ގަތިން. އެ ވަގުތު މަހޭޝް ބަޓް އައިސް މަގޭ އަތުގަ ހިފަން އުޅުނު. ތި ގޮތަށް އަހަންނަކާ ވާހަކަ ދައްކައިގެން ނުވާނޭ ހަމަ އެ ވަގުތު ވެސް އަހަރެން ބުނިން އޭނައާ ދިމަލަށް. އެހެން ބުނީމަ އޭނާ އަހަރެންގެ އަތުގައި ހިފާފައި ބުނި ތި އައިއްސަ ހުރި ރުޅި އާއެކު ދެން ގޮސް ޕާފޯމަންސް ދޭށޯ. އެ މަންޒަރުގައި އަހަންނަށް ޖެހެނީ ވަރަށް ރުޅި އައިއްސަ ހުންނަން. އަދި ކަންފަތުގައި ލާފައި އިން އެތި ނަގާ ހޫރާލަން. އަހަރެން ރުޅި އައިސްފައި ހުރި ވަރުން ކަންފަތުލާ އެތި ދަމައިގަތް ވަގުތު ކަންފަތު ފޫޅުގަނޑު ވެސް އިރައިގެން ދިޔަ. މަހޭޝް ބަޓް ރުޅި އަރުވާލީމަ އޭނަ ބުނި ގޮތަށް އަހަންނަށް ވަރަށް ރަނގަޅަށް އެ މަންޒަރަށް އެކްޓްކުރެވުނު،" ސުޝްމިތާ ބުންޏެވެ.

ސުޝްމިތާގެ މި ތަޖުރިބާ އަކީ 90ގެ އަހަރު ތަކުގައި ވަރަށް ގިނަ ބަތަލުންނާއި ބަތަލާއިން ކޮށްފައިވާ ތަޖުރިބާއެއް ކަމަށް ބަތަލާ ޓްވިންކަލް ކަންނާ ވެސް ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފަ އެވެ.

އޭނާ ބުނި ގޮތުގައި އެ ޒަމާނުގެ ފިލްމު ޑައިރެކްޓަރުން ބަތަލާ އިންނާ ދިމާލަށް ހިތު ހުރި ވަރަކަށް އެއްޗެތި ގޮވާނެ އެވެ. ނަމަވެސް ފިރިހެން އެކްޓަރަކާ ދިމާލަށް ޗުއްޕު ވެސް ނުބުނާނެ އެވެ.