ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީޕީއެމް އާއި ޕީއެންސީގެ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ދިޔަ ހަރަކާތުގައި ބައިވެރިވި އެ ދެ ޕާޓީގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފަ އެވެ.
އެ ހަރަކާތުގެ ތެރެއިން އިއްޔެ 28 މީހަކު ހައްޔަރުކުރި އެވެ. އެކަމަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ދެ މީހަކު ފިޔަވައި ދެން ތިބި މީހުން ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ ދޫނުކޮށްލާނެ ކަމަށް ފުލުހުން ބުނި ދެ މީހުންގެ ތެރެއިން އެކަކީ އަންހެނެއް ކަމަށެވެ. އެ އަންހެން ސަޕޯޓަރަށް ރޭ އަސްތަމާ އެޓޭކެއް ވެސް އައި ކަމަށާއި ފުލުހުން އޭނާ އަށް ވަރަށް އަނިޔާ ކުރި ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
އިއްޔެ ހައްޔަރުކުރި މީހެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ ތުހުމަތު އެ މީހާގެ މައްޗަށް ފުލުހުން ކުރި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ އެއްވުމުގެ ތެރެއިން އިއްޔެގެ އެއްވުން ވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ.
ފުލުހުން ވަނީ އެެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފަ އެވެ. ބައެއް މީހުންގެ މޫނަަށް ސީދާ އަމާޒުކޮށް ވެސް ޕެޕާ ސްޕްރޭ ޖަހާފައިވެ އެވެ.