އޮލިމްޕަސް އަލުން ހުޅުވާނީ ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބޭ މަލްޓި ޕާޕަސް ތިއޭޓަރެއްގެ ގޮތުގައި ކަމަށް އާޓްސް މިނިސްޓްރީން ބުނެފި އެވެ.
އޮލިމްޕަސް ހުޅުވުން ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާތީ އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޓްސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ އޮޮލިމްޕަސް ހުޅުވުން ލަސްވާތީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެތައް ބަޔަކު ކަންބޮޑުވާކަން މިނިސްޓްރީއަށް ވެސް އެނގޭ ކަމަށެވެ. އޮލިމްޕަސް ހުޅުވުން ލަސްވުމަކީ މިނިސްޓްރީން ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށް ފާހަގަކުރައްވާ ނާއިލް ވިދާޅުވީ އޮލިމްޕަސް ދެން ހުޅުވާނީ އެފަދަ ތަނަކުން ލިބޭނެ ފަހުގެ ހިދުމަތްތައް ލިބޭ ގޮތަށް ކަމަށެވެ.
ނާއިލް ވިދާޅުވީ އޮލިމްޕަސް މަރާމާތުކުރުމާއި ހިދުމަތްތައް ޒަމާނީކުރުމުގެ މަސައްކަތް ކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި ކުރަނީ އޮލިމްޕަސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތާއި ކެފޭ ތަރައްގީކުރުމާއި ފާހާނަ ރަނގަޅުކުރުމާއި އަދި ޓިކެޓް ކައުންޓަރު އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތެވެ.
"ސަރުކާރުން ހަރަދުކޮށްގެން އެ މަސައްކަތްތައް މިހާރު އެވަނީ ނިންމާފައި،" ނާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާނީ ސިނަމާ ހޯލްގައި އެކޯސްޓިކް ޓްރީޓްމަންޓެއް ހެދުމުގެ މަސައްކަތާއި، ޒަމާނީ ސައުންޑް ސިސްޓަމެއް ގާއިމުކުރުމާއި، ލައިޓިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ އިތުރުން ފިލްމު އެޅުވުމަށް ބޭނުންކުރާ ޕްރޮޖެކްޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށެވެ. ލައިޓިން ސިސްޓަމް ހަރުކުރުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި ލައިޓް ސިސްޓަމް ހަރުކުރާނީ އޮލިމްޕަސް ބޭނުންކުރާ ފަރާތްތަކުން ބޭނުންވާ ގޮތަށް ލައިޓް އެޅޭނެ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ވެސް ނާއިލް ވަނީ ދެއްވާފަ އެވެ.
"އަޕްގްރޭޑް ކުރުމުގެ މަސައްކަތް މުޅިން ނިމުމުން މުޅި ސިނަމާއިން ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ފެންނާނެ. ސަބަބަކީ ގާއިމުކުރެވޭ ސައުންޑް ސިސްޓަމަކީ އިންޓަނޭޝަނަލް ފެންވަރުގެ ސައުންޑް ސިސްޓަމަކަށް ވުން. އަދި އެކޯސްޓިކް ޓްރީޓްމަންޓްގެ ސަބަބުން ފިލްމް ބަލަން ތިބޭއިރު ވަރަށް ހިއްގައިމު އިހުސާސެއް ކުރެވިގެން ދާނީ،" ނާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮލިމްޕަސް ތަރައްގީކުރުމަށް ބޭނުންވާ ބަޖެޓު ހޯދުމަށްވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ. އޮލިމްޕަސް ހުޅުވުން ލަސްވުމަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެންނަށް ވެސް ދަތިވާނެ ކަމެއް ކަމަށާއި މިހާރުވެސް ހަ ފިލްމެއް އޮލިމްޕަހުގައި އެޅުވުމަށް ބުކް ކޮށްފައިވާ ކަމަށެވެ. އޮލިމްޕަސް އަލުން ހުޅުވޭނެ ވަކި ދުވަހެއް ދަންނަވަން މިވަގުތު ދަތި ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ 2020 ވަނަ އައަހަރުގެ އޭޕްރީލް މަހު އެވެ. އޮލިމްޕަސް މިދިޔަ ސެޕްޓެމްބަރު މަހު އަލުން ހުޅުވާނެ ކަމަށް ސަރުކާރުން ކުރީގައި ބުނެފައިވެ އެވެ.