މޯލްޑިވްސް ޕޮލިސް ސާވިސް

މީހުން ހައްޔަރުކޮށް ބާރުގެ ބޭނުންކުރަނީ ގާނޫނުގެ ތެރެއިން: ޕޮލިސް

Jan 9, 2022
1

މުޒާހަރާތަކާއި އެނޫން ވެސް ހާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި އަމަލުކުރަނީ ޖިނާއީ އިޖުރައާތުގެ ގާނޫނާއި ކަމާ ގުޅޭ ގާނޫނުތަކުން ދީފައިވާ ބާރުގެ ތެރެއިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި މިހެން ބުނެފައި މިވަނީ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާތައް ހުއްޓުވާ، މީހުން ހައްޔަރުކުރުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އަމާޒުވާ ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މުޒާހަރާތަކުގެ ތެރެއިން މީހަކު ހައްޔަރުކުރާނަމަ އެކަން ކުރާނީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ ފުލުހުން އިސްކަންދޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"އަދި ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ނަން ފާހަގަނުކޮށް ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެ އެއްވުންތަކުގައި އާންމު ދަތުރުފަތުރަށް ދަތިކޮށް މާލެ-ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސް މަލޭ މަގުމަތިން ހުއްޓުވައި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ހިތްވަރުދީ ގޮވާލަމުންދާތީ އެ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލާދީ ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތް ކުރާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ މީހަކު ހައްޔަރުކުރި ގޮތާ މެދު ޝަކުވާއެއް އޮތް ނަމަ ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ހުށަހެޅުމުން އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތާ މެދު އެއްވެސް ޝަކުވާއެއްވާނަމަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ނުވަތަ ކަމާ ގުޅޭ މުއައްސަސާ އަށް ހުށަހެޅުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

"އާންމު ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިިކަމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތުގައި ފުލުހުން ސާބިތުވެ ތިބޭނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.