ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ދީޕިކާގެ ކޮވިޑް-19ގެ ތަޖުރިބާ ވަރަށް ހިތްދަތި

ދީޕިކާ ޕަދުކޯން އަށް ކޮވިޑް ޖެހި އެ ބަލިން ފަސޭހަ ވީތާ އެތައް މަހެއް ފަހުން އެ ބަލީގައި އޭނާ ކުރި ތަޖުރިބާތައް ހާމަކޮށްފި އެވެ. އަދި ބަލީގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރި އަސަރުތައް ވެސް ދީޕިކާ ކިޔައިދިނެވެ.

ދީޕިކާ އަށް ކޮވިޑް-19 ޖެހުނީ މިދިޔަ އަހަރު އެޕްރީލްގައި އިންޑިއާ އަށް މި ބަލީގެ ދެވަނަ ރާޅެއް ބިންދާލައިގެން އުޅުނު ދުވަސްވަރު އެވެ. ދީޕިކާއާ އެކު އޭނާގެ މައިންބަފައިންނާއި ކޮއްކޮ އަށް ވެސް ބަލި ޖެހުނެވެ.

އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ދީޕިކާ ވަނީ ކޮވިޑްގެ ސަބަބުން އޭނާގެ ހަށިގަނޑަށް ކުރި ނޭދެވޭ އަސަރުތަކާއި ބަލިން ރަނގަޅުވި ފަހުން ހަޔާތަށް އައި ބަދަލުތަކުގެ ވާހަކަ ވެސް ހިއްސާ ކޮށްފަ އެވެ.

"ކޮވިޑް ޖެހުނު ފަހުން އަހަރެންގެ ހަށިގަނޑަށް ވެސް ބަދަލުތަކެއް އަތުވެއްޖެ. އޭރު އަހަންނަށް ދިން ބޭސްތަކުގެ ސަބަބުން އެހެންޏާ ނުވާ ގިނަ ކަންތައްތަކެއް އަހަރެންގެ ހަށިގަނޑަށް ދިމާވި. ޖިސްމާނީ ގޮތުން ބޮޑު ބަދަލެއް އައި. ބަލި ކޮންޓްރޯލް ކުރަން ސްޓިރޮއިޑް ފަދަ ބޭސްތައް ދިނުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް އެހެންޏާ ނުވާ ކަހަލަ އަޖައިބު ކަންތައްތަކެއް މެދުވެރިވި. އަދި ހަށިގަނޑު ކުރިއާ ވަރަށް ބޮޑަށް ތަފާތު ކަމަށް އިހްސާސްވި. އަދި ނަފްސާނީ ގޮތުން ވެސް ތަފާތުތަކެއް އައި،" ދީޕިކާ ބުންޏެވެ.

ބަލި ޖެހިގެން އުޅުނުއިރު އޭނާ ތަހައްމަލުކުރި އެ ބަލީގެ އުނދަގޫތަކަށް ވުރެ ބަލިން ރަނގަޅު ވުމަށްފަހު ކުރަން ޖެހުނު ތަޖުރިބާ މާއުނދަގޫ ކަމަށް ދީޕިކާ ބުންޏެވެ.

"ބަރާބަރު ދެ މަސް ދުވަހު އަހަރެން އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ހުރިން. އެއީ އަހަރެންނަށް ނަފްސާނީ ގޮތުން ކުރި އަސަރުތަކެއްގެ ސަބަބުން. އަހަރެންގެ ސިކުނޑީގެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަހަލަ. އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް،" ކުޅަދާނަ ބަތަލާ ބުންޏެވެ.

ފިލްމީ ރޮނގުން ބަލާއިރު ދީޕިކާގެ "83" މިހާރު ވަނީ ރިލިޒްކޮށްފަ އެވެ. މި ފިލްމުގައި ދީޕިކާއާ އެކު ހަރަކާތްތެރިވީ ފިރިމީހާ ރަންވީރު ސިންގް އެވެ. މިއީ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި ކަޕިލްގެ ރޯލު ރަންވީރު އަދާކޮށްފައިވާއިރު ދީޕިކާ ކުޅެފައިވަނީ ކަޕިލްގެ އަންހެނުން ރޯމާގެ ރޯލެވެ.

މީގެ އިތުރުން ސިދާންތު ޗަތުރަވޭދީ އާއި އަނަންޔާ ޕާންޑޭއާ އެކު އޭނާ ކުޅެފައިވާ "ގެހެރާއިޔާން" ވެސް ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ.

މި ފިލްމު ރިލިޒްކުރަން ހަމަޖެހިފައިވަނީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމެޒޯން ޕްރައިމް ވީޑީއޯ އިންނެވެ. އަދި "ދަ އިންޓާން" ކިޔާ ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ.