ބޮލީވުޑް

ސިޒޭރިއަން ހަދަން ވަރަށް ބިރު ގަނޭ: ބާރްތީ

އިންޑިޔާގެ މަޝްހޫރު އަންހެން ކޮމޭޑިއަން ބާރްތީ ސިންގް ބަނޑުބޮޑު ވާހަކަ އިއުލާން ކުރުމާ އެކު ބާރްތީގެ ފޭނުން އުފަލުން ފޮޅުނެވެ.

ސަބަބަކީ ބާރްތީގެ ހަޔާތުގެ ދަތުރަކީ ވަރަށް ހިތްދަތި އެހާމެ އުނދަގޫ ދަތުރެއްކަން ފޭނުންނަށް އެނގޭތީ އެވެ.

ފަލަކަމުން ގިނަ ބަޔެއްގެ މަލާމާތް ރައްދުވުމުގެ އިތުރުން އާއިލާގެ ފަގީރުކަމުން ވެސް ބާރްތީ އަށް ވަރަށް ގިނަ އުނދަގޫތައް ތަހައްމަލު ކުރަން ޖެހިފައި ވެއެވެ.

ހަރްޝް ލަމްބާޗިޔާއާ ކައިވެނިކުރުމަށްފަހު ބާރްތީ އަށް ދެން ދިމާވީ އިތުރު މައްސަލަ ތަކެކެވެ. އޭނާގެ ބަރުދަން މާބޮޑަށް އިތުރުވެފައިވުމާއި އެކަމާ ގުޅިގެން ދިމާވެފާއިވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ދަރިއަކު ހޯދަން އުނދަގޫ ވުމެވެ. ނަމަވެސް ބާރްތީ ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް ބަރުދަން ލުއިކޮށް ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު މިހާރު ވަނީ ދީފަ އެވެ.

ދާދިފަހުން އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބާރްތީ ބުނީ އޭނާ ބޭނުންވަނީ ނޯމަލް ޑެލިވަރީ އަކަށް ދާށެވެ. ސަބަބަކީ ސިޒޭރިއަން ހަދަން ވަރަށް ބިރުގަންނާތީ އެވެ.

"އަހަރެން އަޑުއަހަން ސިޒޭރިއަން ހެދީމަ ފަހުން މާބޮޑަށް ތަދުވެޔޭ ބުނާ އަޑު. އަހަންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ މަންމައަކަށް ވާތީ އެހާ ވޭނުގައި ފަހުން ވެސް އުޅެން ޖެހުނީމަ އުނދަގޫ ވާނެ. އެހެންވެ ނޯމަލް ކޮށް ވިހަން ބޭނުންވަނީ،" ބާރްތީ ބުންޏެވެ.

ބާރްތީ ބުނި ގޮތުގައި އޭނާ ވިހާނީ އަންނަ އެޕްރީލްގަ އެެވެ.