ހޯމްސްޓޭ

ރާއްޖޭގެ ދެކުނުން ކޮލަމާފުށްޓަށް ހޯމް ސްޓޭ

އަމިއްލަ ގޭގެ ކޮޓަރި ޓޫރިސްޓުންނަށް ވިއްކައިގެން ކުރާ ވިޔަފާރި -- ހޯމްސްޓޭ ޓޫރިޒަމް ގއ. ކޮލަމާފުށީގައި ފަށައިފި އެވެ.

ކޮލަމާފުށީ ކައުންސިލް މެމްބަރު ރިޔާޒް ހުސައިން އަވަސް އަށް ވިދާޅުވީ ކޮލަމާފުށީގައި ހޯމް ސްޓޭ އަދި ކުރިއަށް ގެންދަނީ ނުރަސްމީކޮށް ކަމަށެވެ. ހޯމް ސްޓޭ ފެށުމަށް އަދި ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހުއްދައެއް ނުލިބޭ ކަން ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ ރަސްމީކޮށް ފަށާނީ މި މަހުގެ ފަހު ކޮޅުގައި ކަމަށެވެ.

އެ ރަށުގައި ހޯމް ސްޓޭ ފަށަން ދެ ގެއެއްގައި ކޮޓަރި ތައްޔާރުކޮށްފައިވާ ކަމަށާއި މިހާރު އެ ހިދުމަތް ދެ ގެސްޓުންނަށް ދެމުންދާ ކަމަށެވެ. އެއީ އޮސްޓްރިއާގެ ދެމަފިރިން ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމް ސްޓޭ ރަސްމީކޮށް ފަށަން ރަށުގައި ހިންގާނެ ޕްރޮގްރާމްތަކާއި މެދުގައި ކައުންސިލްގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމްސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފްކޮށް ރަސްމީކޮށް އެ ވިޔަފާރި ފެށީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ހޯމްސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައިވަނީ މ. ދިއްގަރު "މޫރިތި"ގެ އެވެ.

ހޯމް ސްޓޭ ތައާރަފް ކުރުމަށް ގެސްޓް ހައުސް ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީ ވަނީ ލުއިތަކެއް ގެނެސްފަ އެވެ. އެގޮތުން އެއް ކޮޓަރިން ފެށިގެން މައްޗަށް މީހުން ދިރިއުޅޭ ގޭގެވެސް ހިމެނޭ ގޮތަށް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ދެވޭ ގޮތަށް ގަވައިދު އިސްލާހު ކޮށްފައިވެ އެވެ.

މީގެ އިތުރުން ގަވައިދަށް ބަދަލުގެނައި އިރު ހޯމް ސްޓޭއަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުކަށި އުސޫލުތަކެއް ވެސް ވަނީ އެކުލަވާލާފަ އެވެ.