(6 ޖަނަވަރީ 2022 އާ ގުޅޭ )
"އެކަހަލަ ސަމާސާ ކުރާނީ ކަލޭމެން. އެންމެ ފަހުން އެ ދަރިއަށް ވެސް ކަލޭމެންގެ ގޮތް ވާރުތަކުރީ." ހަސީނާ ހިނިއައިސްފަ ބުންޏެވެ.
ޒެހެންއަށް ވަގުތުމުން އަވަސް ވެލީ ހޫރައިން ފެނޭތޯ ދާށެވެ. ދެ ފަހަރަކު އޭނާ ޑީ ބުލޮކުގެ ބިއްދޮށް ބަލާލަން އަތުވެއްޖެއެވެ. މަސައްކަތުގައި ނޫޅޭނަމަ ހޫރައިން އިނާނީ އެތަނުގައިކަން ޔަގީންވާތީއެވެ. އެކަމަކު އެ ދިމާއަށް ޒެހެން ކައިރިވީއިރު ހުނުމާއި ވާހަކަދައްކާ އަޑުތަކުން އެތަނުގައި ގިނަ ބަޔަކު ތިބިކަން އެނގި ހޫރައިން އިންތޯ ބަލާލާކަށް ނުކެރުނެވެ. ހޫރައިންއާ ބައްދަލުނުވެ އެނބުރި އަންނަން ޖެހުނީތީ ޒެހެންގެ ހިތުގެ ކެތްތެރިކަން ކުޑަވަމުންދިޔައެވެ. ބުރާސްފަތި ދުވަހު މަސައްކަތަށް ހޫރައިން ނުނިކުތީ ކީއްވެތޯ އަހާލާން ޒެހެން ބޭނުމެވެ. ހޫރައިންއަށް ކަމެއް ދިމާވިއްޔޭ ޒެހެންގެ ހިތް ބުނާތީއެވެ. އަނެއްކޮޅުން ނުހަނު ބޮޑަށް އޭނާގެ ހިތް ނުތަނަވަސްކުރުވީ ހުކުރު ދުވަހު ފެނުނު މަންޒަރެވެ. އެ ދުވަހު ޖީއެން ސައިކަލުގައި އެ އިން ޒުވާނާއަކީ ހޫރައިންގެ ކާކުކަން އެނގެން ޒެހެން ބޭނުމެވެ. ހޫރައިންއާއި ދަރިފުޅާ އެމީހަކާ ގާތްކަން އޮތީ ކިހާ ގާތްކަމެއް ހެއްޔެވެ. މިހިސާބަށް އޭނާއަށް އާދެވުނުއިރު ހޫރައިންގެ މައްޗަށް ޒެހެންގެ ހިތްވަނީ ނުހަނު ބޮޑަށް ލެނބިފައެވެ. ސާފު ގުޅުމަކަށް އެދިގެން އެ ހިތް ހޫރައިން ބަލައިގެންފައިވަނީ މަތީ ދަރަޖައަކަށެވެ. ވީއިރު ހޫރައިންއަށް ޓަކައި އުފެދި މޫލަމުން އަންނަ ވަރުގަދަ އިހްސާސްތައް ހިތުން ފުހެލުން ޒެހެންއަށް މިހާރު ދަތިކަމަކަށްވާނެއެވެ. އޭނާއަށް ހޫރައިންގެ ދިރިއުޅުމުން ކިރިޔާ ޖާގައެއް އޮތް ނަމަވެސް އެ ހުސްކަން ފުރާލަދޭން އަވަސްވެގަންނާނެއެވެ. ހޫރައިންއަށް އަންގައިދޭން ބޭނުންވަނީ އޭނާ ފަހަތަށް ނުޖެހޭނެ ކަމެވެ. ނިންމުމުގައި ސާބިތުވެ ހުންނަހާ އަޒުމް ވަރުގަދަކަމެވެ. ހޫރައިންއަށް އޭނާގެ މައްޗަށް އިތުބާރުކުރެވިދާނެކަމެވެ.
"ކީއްވެފަ ތިހުރީ." ޒެހެންގެ ކައިރިން އިވުނީ ތަހާނީގެ އަޑެވެ.
"ކަމެއްނުވޭ." ރެއިލިންގައި އަތްއަޅުވާލައިގެން ހަށިގަނޑުގެ ވަރުދޫކޮށްލައިގެން ހުރެފައި ޒެހެން ސީދާވެލިއެވެ.
"ސީރިއަސްވެފަ ހުރިވަރުން ހީވީ ރުޅި އައިސްފަ ހުރީހެން." ޒެހެންގެ މޫނުން ފާޅުވާން ހުރި އަސަރުތައް ތަހާނީއަށް ސިފަކުރެވުނު ގޮތް ހާމަކުރިއެވެ. އަދި އައިސް ޒެހެންގެ ކައިރީ ކޮރިޑޯގައި މަޑުކޮށްލިއެވެ. ޒެހެން ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.
"އެންމެން އެބައުޅޭ... ނާންނަންތަ؟. ރަހުމާ އިނީމަ ދޯ. އޭނާ އެޑްކުރިފަހުން މިހާރު ގުރޫޕުގަ ވެސް ޒެން އަނގަޔަކުން ނުބުނޭ." ތަހާނީ ވާހަކަދެއްކިއެވެ.
"ތާނީ، އަހަރެން ލައްވާ މީހަކުނެތްތަނުގައި އެމީހެއްގެ ވާހަކަ ދައްކުވަން ނޫޅޭ." ޒެހެން އަނެއްކާވެސް ދުރުބަލަން ފެށިއެވެ.
"ހޫރައިން ކިހިނެއް؟." ތަހާނީ ވާހަކަ ބަދަލުކޮށްލިއެވެ. ޒެހެން ކުޑަކޮށް ދެ ކޮނޑު އަރުވާލަމުން ނޭނގެއޭ ބުނެލިއެވެ.
"މިއަދު އަދި ދިމާނުވޭތަ؟. މީހެއް ކައިރީ ނުބުނާ ވާހަކައެއް ބުނަންތަ؟." ތަހާނީ ބުންޏެވެ. ޒެހެން ފަރުވާކުޑަގޮތަކަށް ހޫން ލައްވާލިއެވެ.
"ޒެން އޭނާދެކެ ލޯބިވާކަން މިހާރު އިނގޭ. ފޯ ރިއަލް އައި މީން... އަހަރެން އެދެނީ ޒެންއަށް ޒެންގެ ހޫރައިން ލިބުން. ހިތް ބުނަނީ ރަހުމާއަށްވުރެ ރަނގަޅު ޕާޓްނަރއަކަށް ހޫރައިން ވާނެއޭ. އެވަރަށް ރަހުމާ ސުވާލު ކުރާއިރު އޭނާއަށް އެއްވެސް އެއްޗެއް ކިޔާނުދެނީ އެހެންވެ. ދެން އަދި ބުނެލަން... ރަހުމާ ވަރަށް ޖެލަސް. އަހަރެމެންގެ ތެރެއިން އެއްވެސް ކަމެއް ނޭނގުނަސް އޭނާ ހޫރައިންއާ ބެހޭގޮތުން ހޯދާނެ. ވިސްނައިގެން އުޅޭތި. ޝީޒް ކައިންޑާ ކްރޭޒީ އެންޑް އޮބްސެސްޑް ވިތް ޔޫ." ތަހާނީގެ ހިޔާލު ފާޅުކުރިއެވެ.
ވަކި އެއްޗެއް ޒެހެން ނުބުންޏެވެ. އެހެންވިޔަސް އޭނާއަށް ހުރެވުނީ ތަހާނީއަށް ބަލާށެވެ. ޒެހެންއަށް ހިނިތުންވުމެއް ދީފައި ތަހާނި ހިނގައިގަތީއެވެ. ފުންނޭވާއެއް ޒެހެންއަށް ދޫކޮށްލެވުނެވެ. ތުނިކޮށް ހުރި ތުނބުޅީގައި ކަނާއަތްތިލަ ހިންގާލިއިރު ޒެހެންއަށް ހުރެވުނީ ތިރީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ. އޭނާ ހޫރައިންއާ ގާތްކަމެއް ބާއްވަން ކުރަމުން އަންނަ މަސައްކަތަށް ރަހުމާ ހުރަސް އަޅައިފިނަމަ މިހާ ދުވަހު ޒެހެން ކުރި މަސައްކަތް ބޭކާރުވާނޭ ހީވަނީއެވެ. ޚުދު ޒެހެންއަށް ވެސް ހޫރައިންއަކީ ކޮންކަހަލަ މިޒާޖެއްގެ އަންހެންކުއްޖެއްކަމެއް އަދިވެސް ނޭނގެއެވެ. ދެމެދުގައި އޮތް ގުޅުން ރަނގަޅުވެލި ނަމަވެސް އެއީ އިތުބާރުކުރެވޭ އެކުވެރިކަމެކޭ ބުނެވޭކަށް ނެތެވެ.
"ޒެހެން ދޯ އެއީ." ހޫރައިންއާއެކު އެކަނިވުމުން ހަސީނާ އަހާލިއެވެ. ރަކިގޮތަކަށް ހޫރައިން އިސްޖަހާލީއެވެ. ދެން މަޑުމަޑުން ބޯޖަހާލީއެވެ.
"ގުޅާފަ ހަލޯއޭ ބުނޭ. ހަސިންތަ އަނގައިން ބުނީމަ ދެން ވާހަކައެއް ނުދެއްކި. ތިންވަނަ ފަހަރަށް ގުޅީމަ އެހިން ކާކު ހޯދަންތޯ އެވަރަށް ގުޅަނީ. އޭގެ ފަހުން ދެން ނުގުޅާ." ފަރުވާތެރިކަމާއެކު ހޫރައިންގެ ކޮންމެ ހަރަކާތަކަށް ބަލަން އިނދެ ހަސީނާ ވާހަކަދެއްކިއެވެ.
"ސޮރީ ހަސިންތަ." ހޫރައިން ބުނެލިއެވެ.
"ޒެހެންނަށް ނަންބަރު ދޭން ބޭނުންނޫނީތަ؟." ހަސީނާ އަހާލުމުން އެ ސުވާލަށް ހޫރައިންއަށް ޖަވާބުދޭން ދަތިވިއެވެ.
ފޯނު ނަންބަރު ދޭން ހޫރައިން ޖެހިލުންވަނީ ޒެހެން ގުޅާނެކަން ޔަގީންވާތީއެވެ. އޭނާއާ ދައްކާނޭ ވާހަކަތަކެއް ހޫރައިންގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ޒެހެންގެ މަޤްޞަދު ހޫރައިންއަށް ސާފެވެ. އެކަމުގައި ޒެހެން އޮޅުވާލާކަށް މަސައްކަތެއް ނުކުރެއެވެ. އެ ހުށަހެޅުން ބަލައިގަންނަން އުނދަގޫވެގެން އުޅެނީ ހޫރައިންއަށެވެ. ޒެހެން ފުށުން ފޫހިވާފަދަ އުނިކަމެއް ހޫރައިން އަދި ނުދެކެއެވެ.
ހަސީނާ ދާންޖެހިގެން ދިއުމުން ވެސް ހޫރައިންއަށް ވިސްނަން އިނދެވުނީއެވެ. ފުރުސަތަކަށް ބަލަބަލާ އުޅުނު ޒެހެންއަށް އާދެވުނީ އެވަގުތެވެ. އިޚްތިޔާރަކާނުލާ ޒެހެންގެ ހިނިތުންވުން ފުޅާވެލައިފިއެވެ. ހޫރައިން އެކަނި އިންތަން ފެނިގެންނެވެ. ހަލުވިކޮށް އައިސް ގޮނޑިއެއްގައި އޭނާ އިށީނދެއްޖެއެވެ. ބަހެއްނުކިޔާ ހޫރައިން ބަލަހައްޓައިގެން އިނެވެ.
"ތީ ވަރަށް ހެއްވާ މީހެއް." ޒެހެން ވަގުތުން ބުނެލިއެވެ. ހޫރައިން ކައިރިއަށް ހިނިއައެވެ.
"އަދި އެބަހެޔެއްނު." ޒެހެން މިހެން ބުނެލުމުން ހޫރައިންނަށް ލޯ ބޮޑުކޮށްލެވުނެވެ. މޫނުއަޅާފައި ހުރިއިރު ވެސް އޭނާ ހިނިއައިސްފަ އިންކަން ޒެހެން ބުނުމުން ހައިރާންވީއެވެ.
"ހޫރް ހީކުރީ ތި މޫނު ނުފެންނަންޏާ އަހަންނަށް ބުނަން ނޭނގޭނެކަމައްތަ... އައި ކޭން ސީ އިޓް އިން ޔޯ އައިސް. ތި ދެ ލޮލުން އަހަންނާ ކިތަންމެ ވާހަކައެއް ހޫރް ދައްކާ. ގަބޫލްކުރެވޭތަ." ޒެހެން ބުންޏެވެ. ވަގުތުން ހޫރައިން ނަޒަރު ތިރިކޮށްލައިފިއެވެ. އެއާއެކު ޒެހެން ހީނގަތް އަޑު އިވުނެވެ.
"ނަންބަރު ނުލިބޭނެތަ؟. ބޯއިފްރެންޑް ރުޅި އަންނާނެ ދޯ. އެހެންވެތަ ހޫރް އަހަންނަށް ޖަވާބެއްދޭން ފަސްޖެހެނީ." ޒެހެންގެ އަޑަށް ބަދަލުތަކެއް އައިކަން ހޫރައިންއަށް ވެސް ފާހަގަވިއެވެ.
"ކޮންތާކުން އައި ބޯއިފްރެންޑެއް..." ހިތާހިތުން ހޫރައިންއަށް ކިޔާލެވުނެވެ. އެހެންވިޔަސް ޒެހެން ދައްކާނެ ވާހަކައެއް ދައްކަންދެން ހޫރައިން އަނގައިން ނުބުނެ އިނެވެ.
"ހުކުރު ދުވަހު ދުށީން. ދަރިފުޅާއެކު ދޮރޯށި ކައިރިން... އެއީ ދަރިފުޅުގެ ބައްޕަތަ ނޫނީ ހޫރްގެ ބޯއިފްރެންޑްތަ؟" ޒެހެންއަށް މިހެންބުނެވުމާއެކު ހޫރައިން ހާސްވެއްޖެއެވެ.
"ފާރަ... ފާރަލީތަ..." ބިރުގެންފައި އިންހެން ހޫރައިންއަށް ބުނެވުނެވެ. އެ ދެ ލޮލުން ހާސްކަމާއި ކަންބޮޑުވުން ޒެހެންއަށް ފެނި އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
"ނޫން. އަހަރެން އުޅެނީ ތިގެއާ ވަރަށް ކައިރިގަ. ތިން އަހަރުވަނީ އެހިސާބުގަ އުޅޭތާ. ހުކުރުން ފައިބައިގެން ގެއަށް ދަނިކޮށް ފެނުނީ... ހޫރްގެ ދަރިފުޅު ފެނުނީމަ އެނގުނީ އެއީ ހޫރްކަން. ކުރިއަކުން ނޭނގޭ... ނުވެސް ދެކެން. ހޫރް ނުވެސް ބުނަމެންނު އުޅޭ ގެއެއް. އެއީ ހަމަ އިއްތިފާގެއް. ގޮވާލަން ހިތައް އެރި... އިތުރު މީހަކު ހުރީމަ..."
ހޫރައިނަށް ވިސްނާލެވުނެވެ. ޒެހެން އެބުނާ އިތުރު މީހަކީ ހަމްދޫނެވެ. އެހެންވެއްޖެއްޔާ ޒެހެން އޮޅުންފިލުވަން ބޭނުންވަނީ ހަމްދޫނާއި އޭނާއާ ދެމެދު އޮތް ގުޅުމެއްތާއެވެ.
"އެއީ ހަސިންތަގެ ދަރިއެއް." ހޫރައިން ބުންޏެވެ.
"ތީގެ މާނައަކީ އެއީ ހާއްސަ މީހެއްނޫނޭތަ؟."
ޒެހެން އަހާލުމުން މިފަހަރު ހޫރައިން ޖަވާބެއް ނުދިނެވެ. ޒެހެންއަށް ބަލަން އިނީއެވެ. ޝަކުވާކުރުމުގެ ބަދަލުގައި ޒެހެން ހިނިތުންވެލީއެވެ. އެތައް ވާހަކައެއް ޒެހެން ދައްކަން ބޭނުންވެފައިކަން އިނީ ބުނަން މިފަހަރު ހޫރައިންއަށް ވެސް އެނގުނެވެ. އެހެންނަމަވެސް ޒެހެން އެ މައުޟޫޢު އެ ދޫކޮށްލީ ހޫރައިންއަށް ޓަކައެވެ. ހޫރައިންގެ ހިތް ޒެހެންއަށް އެނގޭ ކަހަލައެވެ. އެކަމަކު ކިހިނެއް ހެއްޔެވެ. ކީއްވެ ހެއްޔެވެ. ބައެއްފަހަރަށް ޒެހެންގެ އެފަދަ ނިންމުންތަކުން ހޫރައިން އަޖައިބުކޮށްލައެވެ. އުނގުގައި އޮތް އަތްދަބަސް ހޫރައިން ހުޅުވާލިއެވެ. އޭގެ ތެރެއިން ނެގީ ޒެހެންގެ ގަލަމެވެ. ދެން އޭނާ ގެންގުޅޭ ކުޑަ ނޯޓުފޮތެވެ. ޒެހެންގެ ގަލަމުން ނޯޓުފޮތުން އުފުރާލި ގަނޑުގައި ހޫރައިންގެ ނަންބަރު ލިޔެލިއެވެ. ދެން ގަލަމާއެކު ޒެހެންއަށް އެ ކަރުދާސް ދިއްކޮށްލިއެވެ.
"ފަހަރެއްގަ ގުޅިޔަސް ފޯނުކޯލު ނުނެގިދާނެ. އެކަމަކު ތީ އަހަރެންގެ ނަންބަރު."
"ތިބުނީ ނަންބަރު ދިނަސް ނުގުޅާށޭ ދޯ. އެހެންވިއްޔާ މެސެޖެއްކޮށްލުމުން އުނދަގޫވާނެތަ." ނިކަން ހިނިއައިސްފަ އިނދެ ޒެހެން ވާހަކަދެއްކިއެވެ.
މަސައްކަތް ނިންމާފައި ގެއަށް އައިސް ވަން ހޫރައިންއަށް ހުއްޓުން އެރިއެވެ. ސިޓިންރޫމު ސޯފާގައި ޔޫކްއާއެކު އިނީ ހަމްދޫނެވެ. މަންމަ ހުރީ ބަދިގޭ ސިންކު ދޮށުގައެވެ. ހޫރައިން ފެނުމާއެކު ހަމްދޫނު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހެންނަމަވެސް ހޫރައިންނަށް ލިބުނީ ނުތަނަވަސްކަމެވެ.
"ހޫރް އައީ ދޯ. މަންމަ މިކިޔަނީ ހަމްދޫނު ކައިރީ މިހާރު ހޫރް އަންނަން އުޅޭނެއޭ." ސުމައްޔާއަށް ދަރިފުޅު އަތުވެއްޖެކަން އެނގުމާއެކު ވާހަކަދެއްކިއެވެ. ބޯޖަހާލުން ފިޔަވައި ހޫރައިން ހަރަކާތެއް ނުކުރިއެވެ. މަޑުމަޑުން އައިސް ކާމޭޒު ކައިރީ ގޮނޑިއެއްގަ އިށީނީއެވެ. ޔޫކް އައިސް ހޫރައިންގެ އުނގަށްވަދެ ބައްދާލައިފިއެވެ. އަރިއަކަށް އެނބުރި ހަމްދޫނު ބަލަން އިންކަން ހޫރައިންއަށް ފާހަގަވިއެވެ.
"ސައިބޯންވީނު." ދޮވުނު ތަށިތައް ބަހައްޓާފައި އަތްފުހެމުން ސުމައްޔާ ބުނެލީ ހޫރައިންއަށެވެ.
"ފަހުން." ހޫރައިން ބުނެލިއެވެ.
"ހަމްދޫނު އައިސް އެ އިނީ ވާހަކައެއް ދައްކާލަން." ހޫރައިންގެ ކައިރިއަށް އައިސް ކޮނޑުގައި ކާނާއަތްތިލަ ބާއްވާލަމުން ސުމައްޔާ ބުންޏެވެ.
"މިގަޑީގަތަ؟" ހޫރައިން ވާހަކަދެއްކީ ނިކަން މަޑުންނެވެ. ހަމްދޫނަށް އިވިދާނެތީއެވެ. ހަސީނާމެން ގޭގައި ހަމްދޫނު ވާހަކަދެއްކި ގޮތުން ހޫރައިން އިނީ ޖެހިލުންވެފައެވެ. އެ ވާހަކަތަކުން ނަގަންވީ މާނައެއް ވެސް ނޭނގިފައެވެ. މިއަދު އޭނާ އެގެއަށް އަންނާނެކަމެއް ހަސީނާ ނުބުނެއެވެ.
"ދޭބަލަ ވާހަކަދައްކާލަން." ސުމައްޔާ ބުންޏެވެ.
މަންމަ ބުނީތީ ހޫރައިން އައިސް އެއްގޮނޑީގެ ސޯފާގައި އިށީނެވެ. އޭނާއާއެކު ދަރިފުޅު އައުމުން އެކުއްޖާ ނަގައި އުނގުގައި ބައިންދައިލިއެވެ. ހަމްދޫނު ފެށި ވާހަކައާ ހޫރައިން އެއްގޮތަކަށް ވެސް ގަޔާނުވިއެވެ.
"އައި އޭމް ނޮޓް ރެޑީ. ޕްލީޒް ސްޓޮޕް." ހޫރައިންއަށް ކުއްލިއަކަށް ބުނެވުނެވެ.
"އަހަރެން އެހީވާން ބޭނުން. ހޫރައިންގެ އެއްބާރުލުން ލިބިގެން މިކަންވާނީ. ގަބޫލުކުރޭ... އަހަރެން ހޫރައިންގެ އިތުބާރު ގެއްލުނަކަނުދޭނަން." ހަމްދޫނު ބުންޏެވެ.
"ނޫން. ދެން ހުއްޓާލާ. އަހަރެން ބުނިންތަ އެހީ ބޭނުމޭ." ހޫރައިންއަށް އިންތަނުން ތެދުވެވުނެވެ. ޔޫކްގެ އަތުގައި ހިފާލި ގޮތަށް އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. ހަމްދޫނަށް ވެސް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ހަގީގަތުގައި ވެސް ހޫރައިންއަށް އެހީވާން ބޭނުމެވެ. އެ އަންހެންކުއްޖާއަށް ގެއްލިފައިވާ ހުރިހާ އެއްޗެއް ހޯދައިދޭން ބޭނުމެވެ.
"ހޫރް ތައްޔާރެއްނޫން." ހަމްދޫނުގެ ކައިރިއަށް އައިސް މަޑުކޮށްލި ސުމައްޔާ މާޔޫސް ގޮތަކަށް ބުނެލިއެވެ.
"ދައްތަ ހާސްނުވޭ. އަހަރެން މިހުރީ ހޫރަށް އެހީވާން. މިހާރު ތައްޔާރުނޫނަސް ހޫރް ހަމައަކަށް އަދި އެޅޭނެ." ހިތްވަރު އެލުވާލަން ބޭނުންނުވާތީ އުންމީދާއެކު ހަމްދޫނު ބުނެލިއެވެ.
"އިންޝާ ﷲ، އެ ފަދަ ދުވަހެއް ދުށުމަށް ދައްތަ އެދެނީ. ހަމްދޫނު އެހީވާން ބޭނުންވީމަ ދައްތަ ވަރަށް އުފާވި." ލުއި ހިނިތުންވުމަކާއެކު ސުމައްޔާ ވާހަކަދެއްކިއެވެ.
ހަމްދޫނު އެނބުރި ދިއުމުން ސުމައްޔާ އައިސް ހޫރައިންގެ ކޮޓަރި ބަލާލިއެވެ. އެނދުގައި ފާރުގައި ބުރަކަށި ޖައްސާލައިގެން ހޫރައިން އިނެވެ. އެނދުމަތީ އޮށޯވެލައިގެން އޮތް ޔޫކް ކޮންމެވެސް ވާހަކައެއް ހޫރައިންއާ ދައްކަނީއެވެ. ހަމްދޫނު ހިނގައްޖެކަން ސުމައްޔާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު ދަރިފުޅަށް ބަލަން ހުރެފައި އެ ކޮޓަރީން ނުކުމެ ދޮރު ލައްޕާލައިފިއެވެ.
ދެ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ހަމްދޫނުގެ ޚަބަރެއް ނުވެއެވެ. އެހެންނަމަވެސް ހޫރައިންގެ ދިރިއުޅުމަށް އަނެއްކާ ވެސް ބަދަލެއް އަތުވެއްޖެއެވެ. ރޭގަނޑު ދިހައެއް ޖަހާއިރު އޭނާގެ ފޯނަށް މެސެޖެއް އާދެއެވެ. ބާއްޖަވެރި ރޭގަނޑަކަށް އެދިފައެވެ. ހުވަފެނުގައި ބައްދަލުވާނެކަމަށް އުންމީދުކުރާކަން ބުނެފައި އޮވެއެވެ. ދެވަނަ މެސެޖު އަންނަނީ ފަތިހުއެވެ. ބާއްޖަވެރި ދުވަހަކަށް އެދެމުން ފެންނާނޭ އިރަކަށް އިންތިޒާރުކުރާކަން ބުނެފައެވެ. އެ މެސެޖު ފޮނުވަނީ ޒެހެންނެވެ. ހޫރައިން އެއްވެސް މެސެޖަކަށް ޖަވާބެއް ނުދެއެވެ. ޖަވާބެއް ދިނުމާމެދު އޭނާގެ ސިކުނޑިއާއި ހިތާ އެއްގަލަކަށް އަދި ނާރަނީއެވެ. ހޫރައިންގެ ހިތުން އަނެއްކާވެސް ޒެހެން ހާއްސަކަމެއް ހޯދައިފިއެވެ. ދުރުދުރުން ވިޔަސް ނުގުޅަން ބުނި ބުނުމަށް ޒެހެން އިޚްތިރާމް ކުރީމައެވެ. ނަންބަރު ދިނެއްކަމަކު އޭނާ ކެތްތެރިކަން ކުޑަވެގެން އުޅޭ މީހަކުހެން ނޫޅުނެވެ.
ހޫރައިންމެންގޭ ކުރިމަތީ ހުންނަ ފިހާރައިން ވިޔަފާރި ކުރުން ޒެހެންގެ އާދައަކަށް ހެދިއެވެ. ބޭނުމަކަށްވީ ހޫރައިންއާ ބައްދަލުވާނޭ ފުރުސަތަކަށް ބެލުމެވެ. ޔުނިވަރސިޓީއަށް އައުމުގެ ކުރީން އޭނާ އެ ފިހާރައަށް މިއަދު ވެސް ވަނީ ހޫރައިންމެންގޭ ދޮރޯށްޓާ ދިމާއަށް ބަލަމުންނެވެ. އެ ދޮރޯށި ހުޅުވާލައި ހޫރައިން ނުކުންނާނެ ނަމައޭ ޒެހެންގެ ހިތުގައި އަބަދުމެ އޮވެއެވެ.
"ކިއްލި ޕެކެޓް." ވޮލެޓު ނަގަމުން ފިހާރައިގެ ސޭޓު ކައިރީ ޒެހެން ބުނެލިއެވެ. އަދި އެއްފަރާތަށް ބަލާލެވުނީ މީހަކު އޭނާއަށް ބަލަން ހުރިހެން ހީވެގެންނެވެ. ޒެހެންގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވެއްޖެއެވެ. (ނުނިމޭ)