މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

އިލެކްޓްރިކް ވެހިކަލްއާ ގުޅޭ ތަޖުރިބާކާރު ކޮންސަލްޓަންޓެއް ހޯދަނީ

އިލެކްޓްރިކް ވެހިކަލްއާ ގުޅޭ ތަޖުރިބާކާރު ކޮންސަލްޓަންޓެއް ހޯދަން އިއުލާންކޮށްފި އެވެ.

މިއީ އެކްސްޕާޓް ކޮންސަލްޓަންޓެއް ހޯދަން އިއުލާންކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ކޮންސަލްޓަންޓެއް ހޯދަން ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައެއް ނުވެ އެވެ.

އެކްސްޕާޓް ކޮންސަލްޓަންޓެއް ހޯދަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއަށް ލަފާ ދިނުމަށެވެ.

އެކްސްޕާޓް ކޮންސަލްޓަންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން އެންވަޔަރަަންމަންޓް މިނިސްޓްރީއަށް ބީލަން ހުށަހަޅަންޖެހެ އެވެ.

"އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއެއް މިނިސްޓްރީން ކުރިއަށް ގެންދާއިރު 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯ އަށް ހެދުމަށް ދިވެހި ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.

ކާބަން ނިއުޓްރަލް ގައުމަކަށް ވާސިލްވުމުގެ ގޮތުން ސަރުކާރުން ވަނީ އިއާދަކުރަނިވި ހަކަތަައާ ދިމާލަށް މިސްރާބު ޖަހާފަ އެވެ. އެގޮތުން އަންނަ އަހަރުގެ ނިޔަަލަށް މަދުވެގެން 10 މެގަވޮޓްގެ ކަަރަންޓް އިރުގެ އަލިން އުފައްދަން ވަނީ އަމާޒު ހިފާފަ އެވެ.