ވިޔަފާރި

މެގަ މޯލްޑިވްސްއާ ގުޅިގެން ޗައިނާގައި ރާއްޖެ އިޝްތިހާރު ކޮށްފި

Dec 17, 2015
  • ޗައިނާގެ ދެ ސިޓީއެއްގައި މި ހަރަަކާތް ހިންގި
  • ރާއްޖޭގެ ސަގާފީ ހަރަކާތްތަކެއް ހުށަހަޅައިދިން
  • ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސްއާ ގުޅިގެން ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހަރަކާތްތަކެއް ހިންގައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތްކުރާ ސަރުކާރުގެ ޓޫރިޒަމް ކުންފުނި، އެމްއެމްޕީއާރުސީއާއި މެގަ މޯލްޑިވްސް ގުޅިގެން ޗައިނާގައި ބޭއްވި ރޯޑްޝޯތްކުގައި ޓޫރިޒަމް ދާއިރާގެ 16 ކުންފުންޏަކުން 26 ފަރާތެއް ބައިވެރިވެފައިވެ އެވެ.

މި މަހުގެ 14 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރޯޑްޝޯވްތައް ބާއްވާފައިވަނީ ޝެންހާއި ޝެންގްޝޫ އަދި ބެއިޖިންގަ އެވެ. މި ހަރަކާތްތަކުގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދުގެ އިތުރުން ޗައިނާގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރު ޑރ. މުހައްމަދު ފައިސަލް ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ރޯޑްޝޯގައި ރާއްޖެއާ ބެހޭ ގިނަ މައުލޫމާތުތަކެއް ޗައިނާގައި ދެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސަގާފީ ގިނަ ހަރަކާތްތަކެއް ވެސް މި ރޯޑްޝޯވްތަކުގައި ބާއްވާފައިވެ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެކެވެ. އެ ގައުމުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ތިން ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.